މުޒާހަރާއާ ގުޅިގެން ހައްޔަރުކުރި މީހުންނާމެދު ފުލުހުން ޢަމަލުކުރަމުންދާ ގޮތް ކުށްވެރިކުރުން

ޤައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް ބުނެ، ޤާނޫނު އަސާސީއާ ޚިލާފަށް ސިޔާސީ ގޮތުން ވާދަވެރި ފަރާތްތަކާއި، ދައުލަތުގެ ދެ ބާރު ކަމުގައިވާ ޢަދުލު އިންސާފު ޤާއިމުކުުރުމުގެ ބާރާއި ރައްޔިތުންގެ މަޖިލިސް ޢަބްދުﷲ ޔާމީންގެ ބާރުގެ ދަށަށް ގެނައުމަށް ކުއްލި ޙާލަތު އިއުލާން ކުރައްވައިގެން ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ނައިބު ރައީސް މުޙައްމަދު ޝިފާޒް އާއި، އެމްޑީޕީ ޤައުމީ މަޖިލީހުގެ ބައެއް މެންބަރުންނާއެކު ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ޙަރަކާތްތަކަށް ތާޢީދު ކުރާ ޖުމްލަ 13 މީހުން ފެބްރުއަރީ 16 އަދި 17 ވަނަ ދުވަހު ޣައިރު ޤާނޫނީ އުސޫލުން ހައްޔަރުކޮށް ޤާނޫނާ ޚިލާފަށް ބަނދުގައި ބަހައްޓާ އަސާސީ ޙައްޤުތަކުން މަޙްރޫމްކޮށްފައިވާތީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އެކަން އެންމެ ހަރު އަޑުން ކުށްވެރިކުރަމެވެ.

ފެބްރުއަރީ 16 ވަނަ ދުވަހު ގުޅިފައިވާ ސިޔާސީ ޕާޓީތަައް އިސްވެ އިންތިޒާމް ކުރި އިހްތިޖާޖު ނުވެސް ފެށެނީސް އެމްޑީޕީ ނައިބު ރައީސް މުޙައްމަދު ޝިފާޒް އާއި، ޤައުމީ މަޖިލީހުގެ ބައެއް މެންބަރުން ހައްޔަރުކޮށްފައިވަނީ ޤާނޫނާ ޚިލާފަށް ކޯޓު އަމުރެއްނެތި ފުލުހުންނަށް ލިބިދޭ ބާރުތަކުގެ ބޭރުންނެވެ.

ޤާނޫނާ ޚިލާފަށް ބަންދުކޮށްފައިވާ ބޭފުޅުންނާމެދު ފުލުހުން ޢަމަލުކުރަމުންދާ ގޮތާ މެދު ނުހަނު ކަންބޮޑުވުން ފާޅުކޮށް އެކަން އެންމެ ހަރު އަޑުން ކުށްވެރިކުރަމެވެ. އެބޭފުޅުންގެ ކެއުމުމާއި، ބޭސްފަރުވާގެ ކަންކަމާއި ޢާއިލީ ބައްދަލުވުމުގެ އިންތިޒާމްތަކާމެދު ފުލުހުން ޢަމަލުކުރާ ގޮތް ކުށްވެރިކުރަމެވެ. އަންގާރަ ދުވަހުގެ ހެނދުނުގެ ކައުމަށް ކުނިވެފައިވާ މަސްހުނި ދިންކަމަށާއި އަދި މެންދުރު މުއްދަތު ހަމަވެފައިވާ ދަޅުގައި ބަންދުުކުރި އަލަނާސި ދިނުމުން އެއިން އެއްވެސް އެއްޗެއް އެއްވެެސް ބޭފުޅަކު ބޭނުންނުކުރައްވާކަން އެނގިފައިވެއެވެ. މީގެ އިތުރުން ސާފު ބޯފެން ނުލިބޭ ކަމަށާއި، ފާޚާނާ ތަށިގަނޑު ކައިރީ ހުންނަ އިސްކޫރަކުން ފެން ބޯން ޖެހޭ ކަމަށް އެނގިފައިވެއެވެ. އަދި ކުރީގައި ފަރުވާ ހޯދަމުން އަންނަ ބަލިތަކަށް ބޭނުންވާ ކަންކަމާއި ބަންދުކުރުމަށް ފަހު ބަލިވުމުން ބޭސް ކާން ޖެހޭ ވަގުތު ފާއިތުވާއިރުވެސް ބޭސް ފޯރުކޮށްނުދެވޭކަން ކަންބޮޑުވުމާއެކު ފާހަގަ ކުރަމެވެ.

އެއްވެސް މީހަކަށް، ރަހުމްކުޑަ، ލާއިންސާނީ، އިހާނެތިކަމެއްކޮށްގެން ނުވާނެކަމަށާއި، އިންސާނީ ކަރާމާތް ގެއްލޭފަދަ އަދަބެއް ދީ އަނިޔާކޮށްގެން ނުވާނެ ކަމަށާއި ބަންދުކޮށްފައިވާ މީހުންނާމެދު ޢަަމަލުކުރަންވާނީ އިޙްތިރާމާއެކު ކަމުގައި ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ހިނދު އެ އުސޫލުން ބަންދުކޮށްފައިވާ ފަރާްތްތަކާ މެދު ޢަމަލުކުރުމަށް ގޮވާލަމެވެ.

ޣައިރު ޤާނޫނީ އުސޫލުން ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާންކޮށް އަދި އެކަން ދަމަހައްޓަން ރައްޔިތުންގެ މަޖިލިހުން ބޭނުންވާ މިންވަރަށް ވޯޓުވެސް ލިބިފައި ނެތް ހިނދު އެމްޑީޕީގެ ޤައުމީ މަޖިލިހުގެ މެންބަރުންނާއި އާންމު މެންބަރުން ފުލުހުންގެ ބަންދުގައި ބަހައްޓަމުން ގެންދަނީ ކަނޑައެޅިގެން ޤާނޫނާ ޚިލާފަށެވެ. އަދި މިހާރުން މިހާރަށް ހުރިހާ ބޭފުޅުން މިނިވަން ކުރުމަށް ގޮވާލަމެވެ.

ބަޔާން ނެރުނީ: ގުޅިފައިވާ ސިޔާސީ ޕާޓީތައް