ނޫސްވެރިންނަށް އަނިޔާވެރިނުވުމަށް ގޮވާލުން

ފުލުހުން ބާރުގެ ބޭނުންކުރުމުގެ ޤަވާއިދާ ކަނޑައެޅިގެން ޚިލާފަށް ޕެޕަސްޕްރޭޖަހައި ބޫޓުން ތެޅުމާއި ޙާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށް ނޫސްވެރިންނަށް އަމާޒުކޮށްގެން އަނިޔާކުރުން އެންެމެ ހަރު އަޑުން ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީން ކުށްވެރިކުރަމެވެ. އަދި ހައްޔަރުކޮށްފައިވާ ނޫސްވެރިން މިހާރުން މިހާރަށް ދޫކޮށްލުމަށް ގޮވާލަމެވެ.

ހުކުރު ދުވަހު ހަވީރު މުޅި ދިވެހިރާއްޖޭގައި ކުރިއަށްދާ މި އިހްތިޖާޖު ނުވެސް ފެށެނީސް މީހުން ހައްޔަރުކޮށް، ވަކިން ޚާއްސަކޮށް ނޫސްވެރިންނަށް އަމާޒުކޮށްގެން ޙަމަލާތައް ފުލުހުން ދެމުން އަންނަކަން ކަންބޮޑުވުމާއެކު ފާހަގަ ކުރަމެވެ. އަދި ނޫސްވެރިންނަށް އަނިޔާ ލިބި، މިހާރުވެސް އަންނަނީ 2 ނޫސްވެރިޔަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. ނޫސްވެރިންގެ ފާހަށް ބެލުމެއްނެތި، އިހްތިޖާޖު ކަވާރ ކުރަމުން އަންނަ ނޫސްވެރިނަށް ހުރަސް އަޅަމުން އަންނަކަމީ ކަންބޮޑުވާ ކަމެކެވެ. މަގުމަތިން ނޫސްވެރިން ފަހާ ދުވެ، ނޫސްވެރިން ފަހަތަށް ޖައްސައި ނޫސްވެރިންގެ ޒިންމާތަކަށް ހުރަސްއަޅަމުން ގެންދިއުމަކީ ޑިމޮކްރަސީގެ ރޫޙާ ޚިލާފް ޚުދުމުހުތާރު ޤައުމުތަކުގައި ހިނގާފަދަ ކަންކަމެވެ.

މިއަދު ހަވީރު ފެށުނު ޞުލްޙަވެރި އިހްތިޖާޖު އަނިޔާވެރިކޮށް ރޫޅާލުމުން އެކި އުމުރުގެ އެކި މީހުންނަށް އަނިޔާ ލިބިފައިވާކަންވެސް ފާހަގަ ކުރަމެވެ. އެގޮތުން މީހުންގެ ލޮލަށާއި، އަނގައިގެ ތެރެއަށް ޕެޕަސްޕްރޭ ޖަހުމުން ނޭވާލުމަށް އުނދަގޫވެ އެތައް ބަޔަކަށް ފަރުވާ ދެވުނެވެ. އަދި ފުލުހަކު މުޒާހަރާގެ ބައިވެރިއެއްގެ އަތް ބާރަށް އަނބުރާލުމުގެ ސަބަބުން އޭނާގެ އަތް ބިންދައިގެންގޮސް މީހާރު އޭނާއަށް އޭޑީކޭގައި ފަރުވާދެވެމުން އެބަ ދެއެވެ.

އާންމު ރައްޔިތުންގެ މެދުގައި ހިނގާ ކަންކަމުގެ ޚަބަރާއި މައުލޫމާތު ފެތުރުމުގެ ޒިންމާ ޤާނޫނު އަސާސީން ނޫސްވެރިންނަށް ލިބިދީފައިވާހިނދު، އެ މަސައްކަތަށް ފުލުހުން ހުރަސް އެޅުމަކީ ޤާނޫނު އަސާސީއާ ޚިލާފް ކަމެކެވެ. ނޫސްވެރިންނަށާއި އާންމު ރައްޔިތުންނަށް އަނިޔާކުރުން ހުއްޓާލައި، ޤާނޫނީ ހަމަތަކުގެ މަތީން ފުލުހުން ޢަމަލުކުރުމަށް ތަކުރާރުކޮށް އިލްތިމާސް ކުރަމެވެ.

ބަޔާން ނެރުނީ: އެމްޑީޕީ