ދިވެހިރާއްޖޭގެ ސިޔާސީ މަސްރަޙް ހޫނުވެ، ޤާނޫނުގެ ވެރިކަން ނަގާލައި، ހަމަނުޖެހުމުގެ ތެެެރެއަށް މުޅި ދިވެހިރާއްޖެ ވެއްޓިފައިވާ މި ވަގުތުގައި، މާތްވެގެންވާ އިސްލާމްދީން ސިޔާސީ ހަތިޔާރަކަށް ބޭނުން ނުކުރުމަށް ޢަބްދުﷲ ޔާމީނަށާއި، އިސްލާމިކް މިނިސްޓްރީއަށާއި، މަދަނީ ޖަމުޢިއްޔާތަކަށާއި ދީނީ ޢިލްމުވެރީންނަށް އިޚްލާސްތެރިކަމާއެކު ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އިލްތިމާސް ކުރަމެވެ.
ސަރުކާރުން ރާވާ ސިޔާސީ ޙަރަކާތްތަކުގައި އިސްލާމްދީނުގެ ޙައްޤުގައި ބައިވެރިވުމަށާއި ސަރުކާރުން އެދޭ ގޮތަށް ކަންކަން ކުރުވުމަށް މާތްވެގެންވާ އިސްލާމްދީނުގެ ނަން ބޭނުންކޮށްގެން ސިޔާސީ މަންފާ ޙާސިލްކުރުމަށް އެތަށް ގޮތަކުން ކަންކަން ކުރަމުން އަންނަކަން ފާހަގަ ކުރަމެެވެ. ވަކިން ޚާއްސަކޮށް ސަރުކާރުން އިންތިޒާމް ކުރާ ޙަރަކާތްތަކަށް މީހުން އައުމަށް ގޮވާލަމުން އަންނައިރު، އެ ޙަރަކާތްތަކުގައި ބައިވެރިވުމަކީ ދީނީ ވާޖިބެއް ކަމަށާއި އަދި ބައިވެރިނުވެއްޖެނަމަ ޤިޔާމަތް ދުވަހު ފާފަވެރިވާނެ ފަދަ ވާހަކަތަށް ފާޅުގައި ސަރުކާރަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ވަޒީރުން ގޮވާލަމުން އަންނަކަން ކަންބޮޑުވުމާއެކު ފާހަގަ ކުރަމެވެ.
ދީނީ ނަސޭޙަތްތަކާއި ހުކުރު ދުވަހުގެ ޚުޠުބާ އިންތިހާއަށް ސިޔާސީވެ، ވެރިންނާމެދު އިސްލާމްދީނުގައި އަންގަވާފައިވާ ގޮތާ ޚިލާފް ވާހަކަތައް ފަތުރަމުން އަންނާތީ އެކަން އެންމެ ހަރު އަޑުން ކުށްވެރިކުރަމެވެ. މިިފަދަ ކަންކަމުގެ ސަބަބުން މުޖުތަމަޢުގައި ފިތުނަ އުފެދުމަށް މެދުވެރިވެގެންދާނެ ކަމުގައި ދެކެމެވެ. އަދި މިފަދަ ކަންކަމުގައި ދީނީ ޢިލްމުވެރިން ބައިވެރިނުވުމަށާއި އިސްލާމްދީނުގައި އަންގަވާފައިވާ ގޮތްތައް އާންމުންނަށް އޮޅުންފިލުވައިދެއްދުމަށް އެދި، ހުކުރު ޚުޠުބާއާއި ދީނީ ނަސޭޙަތް ދިނުން ޚަރާބުކުރުމުން ދުރުވުމަށާއި، މިސްކިތްތަކަކީ ސަރުކާރުގެ ސިޔަސީ ޖަގަހަތަކަކަށް ނުހެދުމަށް ދައުލަތުގެ ހުރިހާ ފަރާތްތަކަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ގޮވާލަމެވެ.
ބަޔާން ނެރުނީ: ގުޅިފައިވާ ސިޔާސީ ޕާޓީތައް