ފުލުހުންނާއި ސިފައިން އަނިޔާވެރިނުވެ، ހަމަހަމަ ކަމާއެކު ޢަމަލުކުރުމަށް ގޮވާލަން

ޢަބްދުﷲ ޔާމީންގެ ސަރުކާރުގެ ޚުދުމުހުތާރުކަން އިންތިހާއަށް ގޮސް، ސިޔާސީ ގޮތުން ބަލިކަށިވުމުން، ސަރުކާރަށް ފާޑުކިޔާ، މި އަނިޔާވެރިކަމާ ދެކޮޅަށް ތެދުވެ، ޤައުމު ހަމަމަގަށް އެޅުވުމަށް މަސައްކަތް ކުރާ ކޮންމެ މުވައްސަސާއެއް އަދި ކޮންމެ ފަރުދަކަށް ބިރު ދައްކައި ދައުލަތުގެ ހުރިހާ ބާރުތަކުގެ މައްޗަށް ވެރިވެގަތުމަށް ކުއްލި ނުރައްކަލުގެ ޙާލަތު ނެތް ހިނދު، އެކަން އިއުލާންކޮށް ރައްޔިތުންނަށް އަނިޔާވެރިވަމުން ގެންދާތީ އެކަން އެންމެ ހަރު އަޑުން ކުށްވެރިކުރަމެވެ.

އަދި މި އަނިޔާވެރިކަން ދަމަހައްޓައި، އެކަމުގެ މެދުވެރިއެއްގެ ގޮތުގައި ބައެއް ފުލުހުންނާއި ސިފައިން މަސައްކަތް ކުރަމުންގެންދާތީ އެކަން ކުށްވެރިކޮށް ކަންބޮޑުވުން ފާޅުކުރަމެވެ. މިކަމުގެ އެންމެ ބޮޑު އެއް ހެއްކަކީ ވާދަވެރި ސިޔާސީ ފަރާތްތަކުން ރާވައި، އިންތިޒާމްކޮށްގެން ކުރިއަށްދާ ޙަރަކާތްތަކަށް ފުލުހުން ހުރަސް އަޅައި، ބާރުގެ ބޭނުންކޮށް އާންމު ރައްޔިތުންނަށް އަނިޔާވެރިވަމުންދާއިރު، ހަމަ އެފަދަ ޙަރަކާތްތަކަށް ހިމާޔަތްދީ އެޙަރަކާތްތައް ބޭއްވުމަށް ފުލުހުންނާއި ސިފައިން މަގުފަހިކޮށްދެމުންދާކަމެވެ. ފުލުހުންނާއި ސިފައިންނަކީ ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި ހަމަހަމަ އުސޫލު ގެންގެޅުންޖެހޭ ބައެއް ކަމުގައިވާއިރު، ފާޅުކަން ބޮޑުގޮތުގައި ތަފާތުކުރުން ފެނި، އެކަމާމެދު ފުލުހުންނަށް ފިޔަވަޅު ނޭޅި، މުޅި ޤައުމު ހަމަނުޖެހުމުގެ ތެރެެއަށް މިދަނީ ވެއްޓެމުންކަން ކަންބޮޑުވުމާއެކު ފާހަގަ ކުރަމެވެ.

ފާއިތުވީ ރޭތަކުގައި އެމްޑީޕީ ހަރުގެ ކައިރިއަށް ޞުލްޙަވެރިކަމާއެކު އެއްވެ ޝުޢޫރު ފާޅުކުރަމުންދާ ފަރާތްތަކާމެދު އަނިޔާވެރިކަމާއެކު ފުލުހުން ޢަމަލުރާމުންދާތީ އެކަން ކުށްވެރިކުރަމެވެ. ޙާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށް، ލޮލަށާއި އަނގައިގެ ތެރެއަށް ޕެޕަސްޕްރޭ ޖެހުމާ، ބޫޓުން ތެޅުން ފަދަ ކަންކަން ހިނގަމުންދާތީ އެކަން ބެެއްލެވުމަށް ދައުލަތުގެ މުވައްސަސާތަކަށް ގޮަވާލަމެވެ.
ފުލުހުންނާއި ސިފައިންނަކީ ޢަބްދުﷲ ޔާމީންގެ އަނިޔާވެރި، ޚުދުމުހުތާރު އަދި ޣައިރު ޤާނޫނީ ވެރިކަން ދެމެހެއްޓުމުގެ ބާރަކަށް ވެގެން ނުވާނެއެވެ. ޢަދުލު އިންސާފު ޤާއިމުކުރުމުގެ އެންމެ މުހިއްމު 2 މުވައްސަސާ އިންތިހާއަށް ސިޔާސީވުމަށް ދޫކޮށްނުލެއްވުމަކީ ކޮންމެ ފުލުހަކާއި ސިފައިންގެ މީހެއްގެ ޤައުމީ ވާޖިބެކެވެ. އެހެންކަމުން ހަމަހަމަ އުސޫލުން ކަންކަން ކުރުމަށާއި، އަނިޔާވެރި ނުވުމަށާއި، އަދި ޣައިރު ޤާނޫނީ އަމުރުކުތަކަށް ތަބާ ނުވުމަށް ފުލުހުންނާއި ސިފައިންނަށް ތަކުރާރުކޮށް ގޮވާލަމެވެ.

ބަޔާން ނެރުނީ: އެމްޑީޕީ