ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ޒުވާނުންގެ ހިތްވަރުގެ ރައީސް މީކާއިލް ނަސީމާއި، ރަސްދޫ ކައުންސިލް މެންބަރު ޢަބްދުﷲ އަނިލް އާއި، ގައްދޫ ކައުންސިލްގެ މެންބަރު ރައްޔާން ޖަލީލާއި، ޤާނޫނީ ވަކީލް އައިޝަތު ޝީނާ މުޙައްމަދު އާއި، އެމްޑީޕީ އިޤްތިޞާދީ ކޮމިޓީގެ މެންބަރު ސަފާހަތު އަޙްމަދު ހޮނިހިރު ދުވަހު ހަވީރު ސުޕްރީމް ކޯޓުގެ ޙުކުމް ތަންފީޒުކުރުމަށް ގޮވާލައި ސުލްހަވެރި އިހްތިޖާޖުގައި ބައިވެރިވުމުން ހައްޔަރުކޮށްފައިވާތީވެ، އެކަން ކުށްވެރިކޮށް އެ ބޭފުޅުން މިހާރުން މިހާރަށް މިނިވަން ކުރުމަށް ގޮވާލަމެވެ.
ޢަދުލު އިންސާފު ޤާއިމުކުރުމުގެ އެންމެ މަތީ ފަރާތް ކަމުގައިވާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޙުކުމް ތަންފީޒުކުރުމަށް ގޮވާލުމަކީ ޤާނޫނީ ކުށެއް ނޫންކަމަށާއި، އެކަމާ ގުޅިގެން މުޅި ޤައުމު ހުއްޓުމަކަށް ގެނެވިގެން ނުވާނެ ކަމުގައި މި ޕާޓީން ދެކެމެވެ. އަދި އެކަމާ ގުޅިގެން ޢަބްދުﷲ ޔާމީންގެ ސަރުކާރުން ހިންގަވާ ހުދުމުހުތާރު ޢަމަލުތައް އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރި ކުރަމެވެ.
ހޮނިހިރު ދުވަހުގެ ސުލްޙަވެރި އިހްތިޖާޖުގެ ބައިވެރިން ވަގުތުން ހައްޔަރުކޮށް ޤާނޫނީ ވަކީލުންނާ ބައްދަލުކުރުމަށް އެތައް ގަޑިއިރެއްވަންދެން ފުލުހުންވަނީ ހުރަސް އަޅާފައެވެ.
ރާއްޖެއަށް މިއަދު ކުރިމަތިވެފައިވާ ކަންކަމަށް ދާއިމީ ޙައްލެއް ގެނައުމަށް ފުލުހުންގެ މުވައްސަސާ އިޞްލާޙްކުރުމަކީ މުހިއްމު ކަމެކެވެ. އަދި ތަފާތުކުރުމާއި، ޣައިރު ޤާނޫނީ އަމުރުތަކަށް ތަބާ ވުން ފަދަ ކަންމުން ފުލުހުން ދުރުވެ، ޤާނޫނާ ޚިލާފަށް އާންމު ރައްޔިތުން ހައްޔަރުކުރުން ހުއްޓާލުމަށް ގޮވާލަމެވެ. ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި އެއްވެ އުޅުމުގެ މިނިވަންކަމަކީ ދިވެހި ކޮންމެ ރައްޔިތަކަށްވެސް ލިބިދީފައިވާ ޙައްޤެއްކަމަށްވީހިނދު، ޣައިރު ޤާނޫނީ އުސޫލުން ކުއްލި ނުރައްކަލުގެ ޙާލަތުގެ ނަމުގައި މި އަސާސީ ޙައްޤުތައް ޢަބްދުﷲ ޔާމީނަށް ނުހިފެހެއްޓޭނެއެވެ. އަދި ހޮނިހިރު ދުވަހު ހައްޔަރުކުރި ހުރިހާ ބޭފުޅުން މިހާރުން މިހާރަށް މިނިވަން ކުރުމަށް ގޮވާލަމެވެ.
ބަޔާން ނެރުނީ: އެމްޑީޕީ