ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛް ޢަބްދުﷲ ސަޢީދު ގަދަ ބާރުން، ދިވެހިރާއްޖޭގެ އެންމެ މަތީ ކޯޓުގެ ހުރުމަތް ކަނޑާ، ޤާނޫނުތަކާ ޚިލާފަށް ހައްޔަރުކޮށް، ސިޔާސީ ދައުވާތައްކުރުމުގެ ބޭނުމުގައި ބަންދުކޮށްގެން ފުލުހުންނާއި ސިފައިންގެ އެހީތެރިކަމާއެކު ދައުލަތުގެ އެއްބާރުން އަނެއްބާރުގެ މައްޗަށް ވެރިވެގަންނަމުންދާތީ އެކަމާ އިންތިހާއަށް ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީން ކަންބޮޑުވުން ފާޅުކުރަމެވެ. އަދި ތަޙްޤީޤްކުރުމުގެ ނަމުގައި، ފުލުހުން ކުރަމުންގެންދާ މި ބޮޑު ޖަރީމާ މިހާރުން މިހާރަށް ހުއްޓާލާ އުއްތަމަ ފަނޑިޔާރު މިހާރުން މިހާރަށް މިނިވަން ކުރުމަށް ގޮވާލަމެވެ.
ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ޢަދުލު އިންސާފުގެ އެންމެ މަތީ ކޯޓުގައި ހުންނަވަނިކޮށް، އެކޯޓުގެ މައި ދޮރު ވައްޓާލައިގެން އެމަނިކުފާނާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަލީ ޙަމީދު ބިންމަތީ ދަމާ ކޫއްތައިގެން ދޫނިދޫގައި ބަންދުކޮށް އަދި މިހާރު ތަޙްޤީޤްކުރަމުން ގެންދަނީ ކަނޑައެޅިގެން ޤާނޫނުތަކާ ޚިލާފަށެވެ.
މިކަމުން ދޭހަވަނީ ދިވެހިރާއްޖޭގައި މިހާރު ޤާނޫނުގެ ވެރިކަން ހިނގާ ސަރުކާރެއް ނެތްކަމެވެ. ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާން ކުރަންޖެހޭ އެއްވެސް ސަބަބެއް ނެތް ހިނދު، މިއީ ސުޕްރީމް ކޯޓުގެ ބާރު ކަނޑުވާލުމަށް ހިންގޭ ނުރައްކާތެރިކަން އިންތިހާއަށް ބޮޑު ޖަރީމާއެކެވެ.
މިފަދަ އަނިޔާވެރިކަމެއްގެ މެދުވެރިއަކަށް ނުވެ، ޤާނޫނީ ހަމަތަކުގެ މަތީން ސަލާމަތީ ބާރުތައް ޢަމަލުކުރުމަށް ފުލުހުންނަށާއި ސިފައިންނަށް ހަރު އަޑުން ގޮވާލަމެވެ. ކަނޑައެޅިގެން މި ކުރެވެނީ ސިޔާސީ ތުހުމަތުތަކެއްކަމާއި، ދިވެހިރާއްޖޭގެ އެންމެ މަތީ ކޯޓު އިނދަ ޖައްސާލުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ބާރެއްނޫންކަން އެނގޭ ހިނދު، ޣައިރު ޤާނޫނީ އަމުރުތަކަށް ތަބާވާ ކޮންމެ ފަރާތަކާމެދު ތަޙްޤީޤްކުރެވި އަދި އަދަބު ދެވޭނެ ކަމުގައިވެސް ދަންނަަވަމެވެ.