އަސްކަރިއްޔާއިން ނޫސްވެރިކަން ނެތިކޮށްލުމަށް ހިތްވަރުނުދީ ޤާނޫނު އަސާސީ ނެގެހެއްޓުމަށް ގޮވާލަން

ދިވެހިރާއްޖޭގެ މިނިވަން ނޫސްވެރިކަމަށް އަރައިގަނެ، ނޫސްވެރިކަމަށް ހުރަސްއަޅައި ޤައުމީ ސަލާމަތް ހިމާޔަތްކުރުމުގެ ނަމުގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން ނެރުއްވާފައިވާ ބަޔާނާމެދު އިންތިހާއަށް ކަންބޮޑުވުން ފާޅުކޮށް އެކަން އެންމެ ހަރު އަޑުން ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕަޓީން ކުށްވެރިކުރަމެވެ. އަދި އެކަމާ ގުޅިގެން ރާއްޖޭގައި ހިންގަމުން އަންނަ އެންމެ ބޮޑު ޓީވީ ޗެނަލަށް ސަލާމަތީ ޚިދުމަަތްތަކުން ރައްކާތެރިކަން ފޯރުކޮށްދިނުން ހުއްޓާލައި އެ ޗެނަލް ބަންދުކުރުމަށް މަޖުބޫރުވާ ޙާލަތަށް ދިއުމަކީ ކަންބޮޑުވާ ކަމެކެވެ.

ރާއްޖޭގައި ބްރޯޑްކާސްޓް ކުރެވޭ ކޮންޓެންޓް މޮނިޓާރ ކުރުމަށް މިނިވަން ކޮމިޝަންތައް ޤާނޫނުތަކުން ބާރު ލިބިގެން އުފައްދާފައިވާއިރު، ސިފައިން އިސްވެ، ޓީވީ ޗެނެލްތަކާއި ނޫސްވެރިކަމަށް ބިރުދެއްކުމަކީ މިލިޓަރީ ވެރިކަންތަކުން ކުރާފަދަ ކަންކަމެވެ.

ރާއްޖޭގައި ކުއްލި ނުރައްކަލުގެ ޙާލަތެއްވެސް އަދި ޤައުމީ ސަލާމަތަށް ނުރައްކާވާފަދަ ޙާލަތެއްވެސް ނެތް ހިނދު، ދައުލަތުގެ އަސްކަރިއްޔާ މެދުވެރިކޮށް މިފަދަ ޤާނޫނާ ޚިލާފް ކަންކަން ކުރުވުމަކީ އަސްކަރިއްޔާއާމެދު ރައްޔިތުންގެ ހިތްތަކުގައި ނަފްރަތު އުފެދިގެންދާނެ ކަމެކެވެ.

އަސްކަރިއްޔާ ސިޔާސީވެ، އެއީ ދައުލަތުގެ އެއްބާރުން އަނެއް ބާރުގެ މައްޗަށް އަރައިގަންނަ ވަޞީލަތަކަވުމަކީ ބޮޑު ނުރައްކަލެއް ކަމުގައި ފާހަގަ ކުރަމެވެ.

އެހެންކަމުން މިފަދަ ކަންކަން ކުރުމުން އަސްކަރިއްޔާއިން ދުރުވެ، ޤައުމު މި ވެއްޓިފައިވާ އަނދަވަޅުން ސަލާމަތްކުރުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރުމަށް ގޮވާލަމެވެ. އަދި މީޑިޔާގެ މިނިވަންކަމަށް ހުރަހަކަށް ނުވެ، ޤާނޫނީ އިމުގެ ތެރެއިން ކަންކަން ކުރުމަށް ތަކުރާރުކޮށް ގޮވާލަމެވެ. ރާއްޖެ ޓީވީއަށާއި ރާއްޖޭގެ ނޫސްވެރިންނަަށް ކުރިމަތިވެފައިވާ ބިރުވެރިކަން ނައްތާލުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އިން ނޫސްވެރިނަށް ޙިމާޔަތް ދިނުމަށް ގޮވާލަމެވެ.

ބަޔާން ނެރުނީ: އެމްޑީޕީ
9 ފެބްރުއަރީ 2018