ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ރައީސް، ރައީސް އަލްއުސްތާޛް މައުމޫން ޢަބްދުލް ޤައްޔޫމްގެ މައްޗަށް ސިޔާސީ ދައުވާތައްކޮށް ޤާނޫނީ އިމުގެ ބޭރުން ހައްޔަރުކޮށް ބޭއިންސާފުން ޢަމަލުކުރަމުންގެންދާތީ އެކަން އެންމެ ހަރުއަޑުން ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓިން ކުށްވެރިކުރަމެވެ. އަދި މި ދައުވާތައް ކުރުން ހުއްޓާލައި އެ މަނިކުފާނު މިހާރުން މިހާރަށް މިނިވަން ކުރަމަށް ގޮވާލަމެވެ.
ފެބްރުއަރީ 5 ވަނަ ދުވަހުގެ ރޭ ރައީސް އަލްއުސްތާޛް މައުމޫން ޢަބްދުލް ޤައްޔޫމް ދިރިއުޅުއްވާ މ.އެންދެރިމާގެ ދޮރު ވައްޓާލައިގެން ދަންވަރުގަޑީގައި އެމަނިކުފާނު ހައްޔަރުކޮށްގެން ދޫނިދޫގައި ބަންދުކޮށް ތާކުންތާކު ނުޖެހޭ ސިޔާސީ ދައުވާތައް ކުރަމުން ގެންދަނީ ސަރުކާރުގެ ޚުދުމުހުތާރު ވެރިކަން ދެމެހެއްޓުމުގެ ބޭނުމުގައެވެ.
ރައީސް އަލްއުސްތާޛް މައުމޫން ޢަބްދުލް ޤައްޔޫމް ހައްޔަރުކޮށް ފަނޑިޔާރުގެއާއި މަޖިލިސް ހިޞާރުކޮށް، ރައްޔިތުންގެ އަސާސީ ޙައްޤުތައް ނިގުޅައިގަނެ ޢަބްދުﷲ ޔާމީން މި ވަނީ މުޅި ދައުލަތް މުށު ތެރެއަށްލައި ޤާނޫނު އަސާސީގެ ބާރު ކަނޑުވާފައެވެ.
ސަރުކާރަށާއި ޢަބްދުﷲ ޔާމީނަށް ފާޑުކިޔާ ކޮންމެ ފަރާތެއް ޖަލަށްލުމަށް، ސަލާމަތީ ޚިދުމަތްތަކާއި ދައުލަތުގެ މުވައްސަސާތައް ސިޔާސީ ގޮތުން ބޭނުންކުރަމުންގެންދިއުމުގެ ނަތީޖާ ވަރަށް ހިތިވާނެ ކަމުގައި ތަކުރާރުކުރަމެވެ. އަދި މިފަދަައިން ޢަމަލުކުރަމުން ގެންދިއުމުގެ ސަބަބުން މުޅި ޢަދުލު އިންސާފުގެ ނިޒާމު ގަޑުބަޑުވެ ޤައުމުގެ ޞުލްޙައަށް އަސަރުކޮށް އެކަމުގެ ގެއްލުން ލިބޭނީ ހަމަ ދިވެހި ރައްޔިތުންނަށެވެ.
އެހެން ކަމުން މިއަދުވެސް މި ޤައުމަށް ހަމަޖެހުން ގެނައުމަށް އެންމެ މުހިއްމީ ސިޔާސީ ލީޑަރުންނާއި ސިޔާސީ އެކިއެކި ބޭނުމަށް ބޭއިންސާފުން ޝަރީޢަތްކޮށް ޖަަލަށްލާފައިވާ ހުރިހާ ފަރާތްތައް މިނިވަންކޮށް، ދައުލަތުގެ މުވައްސަސާތައް އޭގެ ގޮތުގައި ހިންގުމަށް ޖާގަދީ 3 ބާރު ވަކިވެފައިވާ ސިޔާސީ ނިޒާމެއް އުފެދި އަށަގަތުމަށް ފުރުޞަތު ފަހިކޮށްދިނުން ކަމުގައި މި ޕާޓީން ދެކެމެވެ.