ކުއްލި ނުރައްކަލުގެ ޚާލަތު އިޢުލާން ކުރުމާ ގުޅޭގޮތުން ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ޖޮއިންޓް ޕާލިމަންޓަރީ ގްރޫޕްގެ ފަރާތުން ނެރޭ ނޫސްބަޔާން

5 ފެބްރުއަރީ 2018 ވަނަދުވަހު ރައީސުލްޖުމްހޫރިއްޔާ ކުއްލި ނުރައްކަލުގެ ޚާލަތު އިޢުލާންކޮށް، ނެރެފައިވާ ޤަރާރަކީ ޤަނޫނުއަސާސީގެ 253 ވަނަ މާއްދާގައި ކަނޑައަޅާފައިވާ ޚުދޫދުން ބޭރުން ނެރެފައިވާ ޤަރާރެކެވެ.

ރައީސުލްޖުމްހޫރިއްޔާ ކުއްލި ނުރައްކަލުގެ ޚާލަތު އިޢުލާންކޮށް ނެރެފައިވާ ޤަރާރުގައި، އެޤަރާރު ނެރުނު ސަބަބުތައް ކަމަށް ބަޔާންކޮށްފައިވާ ސަބަބުތަކަކީ ޤާނޫނުއަސާސީގައި ކުއްލި ނުރައްކަލުގެ ޚާލަތު އިޢުލާން ކުރެވޭނެކަމަށް ބަޔާންކޮށްފައިވާ ސަބަބުތަކުގެ މާނައިގެތެރޭގައި ހިމެނޭ ސަބަބުތަކެއް ނޫނެވެ.

އަދި، ކުއްލި ނުރައްކަލުގެ ޚާލަތުގައި ވެސް ރައީސުލްޖުމްހޫރިއްޔާއަށް ޤާނޫނުއަސާސީގެ ދަށުން ހިފެހެއްޓުމުގެ ބާރު ލިބެނީ ޤާނޫނުއަސާސީގެ 2 ވަނަ ބާބުގައި ބަޔާންކޮށްފައިވާ ޙައްޤުތަކުގެ ތެރެއިން ޤާނޫނުއަސާސީގެ 255 ވަނަ މާއްދާއިން އިސްތިސްނާކޮށްފައިވާ ޙައްޤުތައް ފިޔަވައި އެބާބުގައި ބަޔާންކޮށްފައިވާ އެހެނިހެން ޙައްޤުތަކެވެ. އެހެންކަމުން ކުއްލި ނުރައްކަލުގެ ޚާލަތު އިޢުލާންކޮށް ނެރެފައިވާ ޤަރާރުން ދައުލަތުގެ ދެ ބާރުކަމުގައިވާ ރައްޔިތުންގެ މަޖިލީހާއި ޢަދުލުއިންސާފު ޤާޢިމުކުރުމުގެ ބާރުގެ ތެރޭގައި ހިމެނޭ ސުޕްރީމްކޯޓުގެ ބާރުތައް ރައީސުލްޖުމްހޫރިއްޔާ ހިފަހައްޓާފައި ވަނީ ޤާނޫނުއަސާސީގެ 253 ވަނަ މާއްދާ ޚިލާފަށެވެ.

ވީމާ، ރައީސުލްޖުމްހޫރިއްޔާ ކުއްލި ނުރައްކަލުގެ ޚާލަތު އިޢުލާންކޮށް ނެރެފައިވާ ޤަރާރަކީ ޤާނޫނީގޮތުން އެއްވެސް ޞައްޙަކަމެއް ނެތް ބާޠިލު ޤަރާރެއްކަމަށާއި، މަތީގައި ދެންނެވުނު ކުއްލި ނުރައްކަލުގެ ޚާލަތު އިޢުލާންކޮށް ނެރެފައިވާ ޤަރާރު ބަލައި ނުގަތުމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ޖޮއިންޓް ޕާލިމަންޓަރީ ގްރޫޕްގެ ފަރާތުންވަނީ ނިންމާފައެވެ.

ބަޔާން