ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ނޫސް ބަޔާން

މި ހިނގާ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނެރުއްވާފައިވާ އަމުރު ނެރުއްވިތާ 48 ގަޑި އިރު ހަމަވުމަށް ގާތްވެފައިވާއިރުވެސް ރައީސް ޔާމީންގެ ސަރުކާރުން އެ ޢަމުރު ތަންފީޛުނުކޮށް އެ ގެންދަވަނީ އެކިއެކި ބަހަނާ ދައްކަވަމުންނެވެ. އަދި ސަރުކާރުގެ އެކިއެކި ފަރާތްތައް އެގެންދަނީ ކަނޑައެޅިގެން ސުޕްރީމް ކޯޓުގެ އެއަމުރާ ޚިލާފުވަމުންނެވެ. ސުޕްރީމް ކޯޓުގެ އެޢަމުރު ތަންފީޛު ކުރުމުގެ ނިޔަތް ސަރުކާރުގައި އޮތްކަމަކަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކަކުން ނުދެކެމެވެ. އެހެންކަމުން، ސަރުކާރުން އެޢަމުރު ތަންފީޛު ކުރުވުމަށްޓަކައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރާނެ ކަމުގެ ޔަޤީންކަން ދިވެހި ރައްޔިތުންނަށް އަރުވަމެވެ.

ސުޕްރީމް ކޯޓުން ނެރެފައިވާ އެ ޢަމުރުގެ ސަބަބުން ދިވެހިރާއްޖޭގެ ޖުޑީޝަރީއާއި ދިވެހިރާއްޖޭގެ ކުރިމަގާމެދު މުޅި ދުނިޔެ އެވަނީ އުއްމީދީ ނަޒަރަކުން ބަލަން ފަށާފައެވެ. އަދި ރާއްޖޭގައި މިވަގުތު ހިނގަމުންދާ ކަންކަން ބައިނަލްއަޤްވާމީ މުޖްތަމަޢުން އެގެންދަނީ ވަރަށް ގާތުން ބަލަމުންނެވެ. ސުޕްރީމް ކޯޓުގެ ޢަމުރަށް ތަބާވުމަށާއި، މިހާރުން މިހާރަށް އެއަމުރު ތަންފީޛު ކުރުމަށް މުޅި ބައިނަލްއަޤްވާމީ މުޖްތަމަޢު އެކުގައި އެވަނީ ދިވެހި ސަރުކާރަށް ގޮވާލާފައެވެ. އަދި އެ ޢަމުރާ ޚިލާފަށް ސަރުކާރުން ކުރާ އެއްވެސް ކަމަކީ ބައިނަލްއަޤްވާމީ މުޖްތަމަޢު ޤަބޫލުކުރާނެ ކަމެއް ނޫންކަން އެފަރާތުން އެވަނީ ސާފު ޢިބާރާތުން ބުނެފައެވެ.

އެހެންކަމުން، ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ޤަބޫލުކުރަނީ، ސުޕްރީމް ކޯޓުގެ އެޢަމުރު ތަންފީޛު ކުރަން ދިވެހީން މިކުރާ މަސައްކަތުގައި ދިވެހިރާއްޖޭގެ އެކުވެރި ޤައުމުތަކާއި ޖަމާޢަތްތަކުން ދިވެހި ރައްޔިތުންނަށް އެއްބާރުލުން ދޭނެކަމުގައެވެ. އަދި ޤާނޫނުއަސާސީގެ ބޭރުން ރައީސް ޔާމީން ކުރައްވަމުން އެ ގެންދަވާ ކަންކަން ހުއްޓުވައި، ދިވެހީންނަށް އަނބުރާ ދިވެހިރާއްޖެ ހޯދައިދިނުމަށް ކުރަންޖެހޭ ކަންކަން އެޤައުމުތަކުންނާއި ޖަމްޢިއްޔާތަކުންވެސް ކުރާނެ ކަމަށެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ތަކުރާރުކޮށް މި ގޮވާލަނީ، ސުޕްރީމް ކޯޓުގެ އެ ޢަމުރު މިހާރުން މިހާރަށް ރައީސް ޔާމީން ތަންފީޛު ކުރެއްވުމަށެވެ.

3 ފެބްރުއަރީ 2018