ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ކޮންގްރެސްގެ ހުރިހާ ބޭފުޅުންގެ ސަމާލުކަމަށް ދަންނަވަމެވެ.
1 ފެބްރުއަރީ 2018 ވަނަ ދުވަހުގެރޭ ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓުން ނެރުއްވާފައިވާ ނަންބަރު 2018/SC-SJ/01 ޢަމުރު ތަންފީޛު ނުކުރުމަށް ރައީސް ޔާމީންގެ ސަރުކާރުން އެގެންދަނީ އެކިއެކި ބަހަނާ ދައްކަމުންނެވެ. ސުޕްރީމް ކޯޓުގެ އެޢަމުރު ނެރުނު ފަހުން 48 ގަޑިއިރު ހަމަވާން ގާތްވެފައިވާ އިރުވެސް ސަރުކާރުން އެޢަމުރު ތަންފީޛު ކޮށްފައިނުވާތީ، މިޕާޓީން ޤަބޫލުކުރަނީ އެޢަމުރު ތަންފީޛު ކުރުމުގެ އެއްވެސް ނިޔަތެއް ސަރުކާރުގައި ނެތްކަމަށެވެ.
އެހެންކަމުން، ސަރުކާރުން ސުޕްރީމް ކޯޓުގެ އެ ޢަމުރު ތަންފީޛު ކުރުވުމަށް ގޮވާލައި އެކަން ކުރުވުމަށް މިޕާޓީގެ ކޮންގްރެސްގައި ހިމެނޭ ހުރިހާ ބޭފުޅުން މިހާރުން މިހާރަށް މާލެއަށް ވަޑައިގަތުމަށް އެދި ދަންނަވަމެވެ.
3 ފެބްރުއަރީ 2018