ދިއްގަރު ދާއިރާގެ މެންބަރު އަލްފާޞިލް އަޙުމަދު ފާރިސް މައުމޫން ހައްޔަރުކުރުކޮށްފައިވަނީ ރައީސް ޔާމީނާއި ސަރުކާރުގެ ނުފޫޒުގަދަ ފަރާތްތަކެއްގެ އެދުމަށް!

191 އެއްދުވަހު ޖަލުގައި ބޭއިންސާފުން ހައްޔަރުކޮށްފައި ހުރުމަށްފަހު ކްރިމިނަލް ކޯޓުން އަޙްމަދު ފާރިސް މައުމޫން ބަންދުން ދޫކޮށްލިތާ 48 ގަޑިއިރު ހަމަނުވަނީސް ކޯޓު އަމުރުގެ ދަށުން ފުލުހުން 27 ޖަނަވަރީ 2018 ވީ ހޮނިހިރު ދުވަހު ރައްޔިތުން މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ފާރިސް މައުމޫން ދިރިއުޅުއްވާ އެޕާޓްމެންޓް ބަލާ ފާސްކުރި އިރު އެއްވެސް ހެއްކެއް ޤަރީނާއެއް ފެނިފައި ނުވުމުން، އިތުރު ކޯޓު އަމުރެއްގެ ދަށުން ހަމަ އެދުވަހު މެންދުރުފަހުގެ ވަގުތެއްގައި ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ފާރިސް މައުމޫން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ދޫނިދޫގައި ހައްޔަރު ކުރުމަށް ފަހު ހަމަ އެރޭ 7:15 ގައި ކުރިމިނަލް ކޯޓަށް ހާޒިރުކޮށް 15 ދުވަހުގެ ބަންދު މުއްދަތު ޖެހުމަށް ފަހު ދޫނިދޫ ގައި ބަންދު ކޮށްފައެވެ. ފާރިސް މައުމޫން ހައްޔަރު ކުރެވިފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ދިން ކަމަށާއި ވެރިކަން ވައްޓާލަން އުޅޭކަމަށް ބުނާ މައްސަލައެއްގައި އެއްވެސް ހެއްކެއް ޤަރީނާއެއް ނެތި ޤާނޫނީ އިމުގެ ބޭރުން ސިޔާސީ މަންފާ ޙާސިލުކުރުމަށެވެ. މިފަހަރުވެސް ނުކުރާ ކުށަކަށް ނުފަށާ ޝަރީޢަތަކަށް ބޭއިންސާފުން އެމަނިކުފާނަށް މި ސަރުކާރުން އެދަނީ އަނިޔާ ދެމުންނެވެ.
އޭގެ އިތުރުން ފާރިސް އާއި ގުޅުން ހުރި ތަނެއް ކަމަށްބުނެ ހެކިހޯދުމަށްޓަކައި ހަމަ އެދުވަހު ވަނީ މ. އެންދެރިމާގެ ބަލާ ފާސްކުރުމަށްފަހު ހަމަ އެކޯޓު އަމުރުގެ ދަށުން އެގެޔަށް 2 ފަހަރަކު ވަންނަން ޤާނޫނާ ޚިލާފަށް މަސައްކަތް ކޮށްފައެވެ. އެންދެރިމާގެ ބަލާ ފާސްކުރި އިރުވެސް އެބޭފުޅުން އެ ހޯއްދަވަން މަސައްކަތްކުރައްވާ، އެއްވެސް އެއްޗެއް ފެނިފައި ނުވުމުން އެރޭގެ ދަންވަރުގެ ވަގުތެއްގައި ޕޮލިހުން ވަނީ އެކަން ހާމަކޮށްފައެވެ.
ހަގީގަތުގައި ދިއްގަރު ދާއިރާގެ މެންބަރު އަޙުމަދު ފާރިސް މައުމޫން ގެ މައްޗަށް ތުޙުމަތުތަކެއް ކޮށްފައިވަނީ، ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރައްޔިތުންގެ މަޖިލީހުގެ 45 މެންބަރުންގެ ސޮޔާއިއެކު، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމާއި ގުޅިގެންނެވެ. އެ ގޮތުން އެ މައްސަލައިގައި ސޮއިކުރެއްވި މެންބަރުންނަށް އެ މަނިކުފާނު ރިޝްވަތު ދެއްވި ކަމަށް ބުނާ އިންޓެލް ރިޕޯޓެއްގެ މައްޗަށް ކަމަށް ބުނެ، އެ މަނިކުފާނު މީގެ ކުރިންވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ހައްޔަރު ކޮށްފައެވެ. ނަމަވެސް މިއަދާއި ހަމައަށް ވެސް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވިދާޅުވަމުން އެ ގެންދަވަނީ އޭގެން އެއްވެސް މެންބަރަކަށް ފާރިސް މައުމޫން ރިޝްވަތު ހުށަހަޅުއްވާފައި ނުވާނެކަމަށާއި އެ މެންބަރުން އިތުބާރު ނެތްކަމުގެ މައްސަލައިގައި ސޮއި ކުރައްވާފައިވަނީ އެ މެންބަރުންގެ އަމިއްލަ އިޚުތިޔާރުގައި އެއްވެސް ނުފޫޒެއް ނެތި ކަމަށެވެ.
އެހެންކަމުން ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ފާރިސް މައުމޫން ހައްޔަރުކޮށް، ހެދިފައިވާ ޤާނޫނު ތަކުގެ ބޭރުން އެމަނިކުފާނާއި ދޭތެރޭގައި ޢަމަލު ކުރަމުން ގެންދަވާތީ އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށް އެމަނިކުފާނު މިހާރުން މިހާރަށް ދޫކޮށްލުމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ގޮވާލަމެވެ. އޭގެ އިތުރުން، ސަރުކާރުގެ ތަރުޖަމާނު ހާމަކޮށްފައިވާގޮތުގައި ފާރިސް މައުމޫން ހައްޔަރު ކުރުމަށް ރައީސް ޔާމީނު އަންގަވާފައި ވާތީ، މިއީ ސީދާ ސަރުކާރުން ކަމާގުޅުން ހުރި ހުރިހާ މުއައްސަސާ ތަކަކަށް ނުފޫޒު ފޯރުވައިގެން ހިންގާ ސިޔާސީ ޖަރީމާ ތަކެއްގެ ގޮތުގައި ދެކެމެވެ. އަދި ފާރިސް މައުމޫން ހައްޔަރުކުރުމަށް ސީދާ ރައީސް ޔާމީނާއި ސަރުކާރުގެ ނުފޫޒު ގަދަ ފަރާތްތަކެއް މަސައްކަތް ކޮށްފައިވާ ކަމަށް އެމަނިކުފާނު ހައްޔަރު ކުރުމުގެ ކުރިން ދެއްވި އިންޓަރވިއުގައި ވަނީ ހާމަކުރައްވާފައެވެ. ވީމާ މިސަރުކާރުގެ މި ހުދުމުހުތާރު ޢަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ.
28 ޖަނަވަރީ 2018