ރައީސް ޔާމީން މަޤާމުން ދުރުކުރުމަށްއެދި މިއަދު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައާ ގުޅޭގޮތުން ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ނެރޭ ނޫސް ބަޔާން.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން ޕީ.ޕީ.އެމް.ގެ ރައީސް، ރައީސް މައުމޫން ޢަބްދުލްޤައްޔޫމާއި އެމް.ޑީ.ޕީ.ގެ ރައީސް ރައީސް މުޙަމަދު ނަޝީދާއި، ޖުމްހޫރީ ޕާޓީގެ ލީޑަރ އޮނަރަބަލް ޤާސިމް އިބްރާހީމާއި އަދާލާތު ޕާޓީގެ ނައިބުރައީސް އަލްއުސްތާޛު ޢަލީ ޒާހިރު ސޮއިކުރައްވައި، ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގެ މަސްޢޫލިއްޔަތު އަދާކުރުމަށް ވަގުތީ ގޮތުން އުޛުރުވެރިވެއްޖެކަމަށް ޤާނޫނުއަސާސީގައި ކަނޑައަޅާފައިވާ ހަމަތަކުން ބަލަންޖެހޭކަމަށް ކަނޑައަޅުއްވައިދެއްވުމަށް އެދި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މިއަދު މައްސަލައެއް ހުށަހަޅައިފައިވެއެވެ.
މިމައްސަލަ މިއަދު މިގޮތަށް ހުށަހަޅަން ޖެހުނީ، ރައީސް ޔާމީންގެ ވެރިކަމުގައި ވައްކަމާއި ކޮރަޕްޝަން އިންތިޚާއަށް ބޮޑުވެ، ރައްޔިޔުންގެ އަސާސީ ޙައްޤުތަކާއި މިނިވަކަން ފާޅުގައި ނިގުޅައިގަނެ، ރައްޔިތުންގެ މަޖިލީސް ހުއްޓުވައި، މިނިވަން މުއައްސަސާތަކުގެ ބާރު ކަނޑުވާލާފައިވާތީ، ދިވެއްރާއްޖެ ވެއްޓިފައިވާ ފުން އަނދަވަޅުން ޤައުމު ސަލާމަތްކޮށް، ޤަޢުމުގެ ސިޔާދަތާއި މިނިވަންކަމާއި އިސްތިޤްލާލު ހިމާޔަތްކޮށް، ދިވެހި ރައްޔިތުންގެ ލާބަޔާއި މަންފާއަށްޓަކައި އަދި ޤައުމު ހަމަމަގަށް އެޅުވުމަށްޓަކައެވެ.
މިއަދު ސުޕްރީމް ކޯޓަށް ހުށަހެޅުނު މައްސަލައިގައި، ރައީސް ޔާމީނު ދިވެހި ދައުލަތުގެ މުދަލާއި ފައިސާއިން ނާޖާއިޒު ގޮތުގައި ފައިދާއާއި މަންފާ ޙާޞީލުކުރަމުން ގެންދިއުން ހުއްޓުވުމަކީ، ރައްޔިތުންގެ މަޖިލީހުގެ ރުހުން ދީގެން ރައީސުލްޖުމްހޫރިއްޔާ ޢައްޔަނުކޮށްފައިވާ އޮޑިޓަރ ޖެނެރަލަށް ނުވަތަ ޕްރޮސިކިއުޓަރ ޖެނެރަލްއަށް ނުވަތަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ނުވަތަ ރައީސުލްޖުމްހޫރިއްޔާ ޢައްޔަނުކުރާ ހޯމް މިނިސްޓަރުގެ ބެލުމުގެ ދަށުގައިވާ މޯލްޑިވްސް ޕޮލިސް ސަރވިސްއަށްވެސް ރައީސުލްޖުމްހޫރިއްޔާ ދައްކަފާނެ ބިރަކަށް ޖެހިލުންނުވެ،ތަޢައްޞުބުން އެއްކިބާވެތިބެ ކުރެވިދާނެކަމެއްކަމަށް ބެލެވެންނެތްކަމަށް ފާހަގަކުރައްވާފައިވެއެވެ. އަދި ހުށަހެޅުނު މައްސަލައިގައި ރައީސުލްޖުމްހޫރިއްޔާގެ ޢަމަލުތައް ހުއްޓުވައި، ޤާނޫނުއަސާސީގެ ސިޔާދަތު ނަގަހައްޓައި، ދިވެހި ދައުލަތުގެ މިލްކުވެރިކަން ޙިމާޔަތްކޮށް، ރައްކާތެރިކުރުމަށްޓަކައި އަދި ދިވެހި ރައްޔިތުންގެ ޙައްޤުތަކާއި މިނިވަންކަން ދިފާޢުކޮށްދިނުމަށްވެސް އެދިފައިވާނެއެވެ.
ކަންމިހެން ހުރުމުން ހުށަހެޅުނު މައްސަލައިގައި އެދިފައިވަނީ ޤާނޫނުއަސާސީގެ 100 ވަނަ މާއްދާގެ (ހ) ގެ 1 އަދި 2 ވަނަ ނަންބަރުގައިވާ ޙާލަތްތަކަށް ރިޢާޔަތްކޮށް، ރައީސް ޔާމީން ޤާނޫނުއަސާސީއާއި ޤާނޫނާ ކަނޑައެޅިގެން ޚިލާފުވެއްޖެކަމަށާއި އަދި ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުރެ ކުރުން އެކަށީގެން ނުވާފަދަ ކަމެއް ކޮށްފިކަމަށް ކަނޑައަޅުއްވައިދެއްވުމަށާއި، ރައީސް ޔާމީންގެ މައްޗަށް ތުހުމަތުކުރެވޭ ހުރިހާ ކޮރަޕްޝަންގެ ޢަމަލުތައް ތަޙުޤީޤުކުރުމަށްޓަކައި ޚާއްޞަ ތަޙުޤީޤު ކޮމިޓީއެއް އެކުލަވާލައި، ރައީސް ޔާމީން ޤާނޫނުއަސާސީގެ 127 ވަނަ މާއްދާގައި ވާގޮތަށް ޖަވާބުދާރީ ކުރުވުމަށެވެ.
ބުނެވިދިޔަ ތަޙްޤީޤު ނިންމުމާ ހަމައަށް ޤާނޫނުއަސާސީގެ 117 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވާ ޙާލަތެއް މެދުވެރިވެއްޖެކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަނޑައަޅައި، ވަގުތީ ގޮތުން ރައީސް ޔާމީން ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގެ މަސްޢޫލިއްޔަތު އަދާކުރުމަށް ވަގުތީ ގޮތުން އުޛުރުވެރިވެއްޖެކަމަށް ޙުކުމެއްކޮށްދިނުމަށްވެސް ސުޕްރީމް ކޯޓުގައި އެދިފައިވެއެވެ.
_____________________
28 ޖަނަވަރީ 2018