ދިވެހިރާއްޖޭގެ ޙާލަތު އެތައް ގުނައަކުން ގޯސްވެފައިވާކަމަށާއި މިކަމުން ޤައުމު ސަލާމަތްކުރުމަށް ބޭނުންވަނީ ހަމައެކަނި ސިޔާސީ ލީޑާރޝިޕް ނޫން ކަމަށާއި މިޙާލަތު ބަދަލުކުރުމަށް ސަރުކާރުގެ މުވައްޒަފުންނާއި، މިނިވަން މުވައްސަސާތަކާއި، ޝަރުޢީ ދާއިރާއާއި ސަލާމަތީ ޚިދުމަތްތަކުގެ ލީޑާރޝިޕްވެސް ބޭނުންވާ ކަމުގައި ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ޕާލިމަންޓަރީ ގްރޫޕްގެ ލީޑާރ އިބްރާހީމް މުޙައްމަދު ޞާލިޙް (އިބޫ) ވިދާޅުވެއްޖެއެވެ.
އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން ޢަބްދުﷲ ނުޙައްޤުން ބަންދުކޮށްފައިވާތާ 1000 ދުވަސްވުމާ ގުޅިގެން ސިޔާސީ ޕާޓީތަކުން ކުނޫޒުގެ ބޭއްވި ޖަލްސާަގައި ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ އުންމީދު ނަގާނުލައި އެންމެން އެކުގައ މަސައްކަތް ކުރުމުން ނޫނީ ދިވެހިރާއްޖެ ސަލާމަތް ނުކުރެވޭނެ ކަމުގައެވެ. އަދި ކެތްތެރިކަމާ، ހިތްވަރާއެކު މަސައްކަތް ކުރެއްވުމަށް އިބޫ ގޮވާލެއްވިއެވެ.
ބުރާސްފަތިދުވަހުގެރޭ ޖަލްސާގައި ވާހަކަދައްކަވަމުން ސިޔާސީ ޕާޓީތަކާއި ސިޔާސީ ލީޑަރުންނާމެދު ރައްޔިތުން ވަރަށް ފޮނި އުންމީދުކުރާ ކަމަށާއި، ރައޔްިތުންގެ އުންމީދުތައް ހަޤީޤތަކަށް ހެދުމަށް ވާންޖެހުނު ކޮންމެ ގުރުބާނިއެއްވާން ތައްޔާރަށް ހުންނެވި ކަމުގައި އިބޫ ވިދާޅުވިއެވެ. އަދި ރައްޔިތުން މާޔޫސްކޮށްގެން ނުވާނެ ކަމުގައި އިލްތިމާސް ކުރެެއްވިއެވެ.
ސަރުކާރުން ސިޔާސީ ލީޑާރުންނާއި ރައްޔިތުންގެ މަޖިލިހުގެ މެންބަރުން ބަންދުކުރުންފަދަ ކަންކަމަށް އިޝާރާތްކުރައްވަމުން އިބޫ ވިދާޅުވީ މިއަދު ކުރީސަފު އެއްކޮށް ބަންދުކުރިނަމަވެސް ދެން ޖެހިގެން އޮތް ސަފު ކުރިއަށް ޖެހޭނެ ކަމަށާއި ކުރީސަފު އަބަދުވެސް އޮންނާނީ ފުރިފައިކަމުގައެވެ. އަދި ބާރުވެރިކަމަކީ ބަޑީގެ ކޮޅުން ލިބޭ އެއްޗެއްކަމުގައި ރައީސް ޔާމީނަށް ހީފުޅުކުރެއްވުނުނަމަވެސް އެއީ ކުށްހީއެއްކަމަށާއި އެގޮތަށް ކަންކަމް ކުރުމަށް ޖާގަ ނުދެއްވާނެ ކަމުގައި އިބޫ ވިދާޅުވިއެވެ.