އެމްޑީޕީއަކީ ވެރިކަމުގެ ޝެހެންޝާހްގެ ދަހިވެތިކަމުގައި ވެރިކަމަށް އައި ބައެއް ނޫން ކަމަށާއި ރާއްޖޭގެ ވެރިކަން ހެޔޮގޮތުގައި ކުރެވޭނީ އަތޮޅުތަކަށް ޙަޤީޤީ ވެރިކަމުގެ ބާރުދޫކޮށްގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

29 ޑިސެމްބަރ 2009
img_47041

އެމްޑީޕީއަކީ އެއްވެސް އިރެއްގައި ވެރިކަމުގެ ޝެހެންޝާހްގެ ދަހިވެތިކަމުގައި ވެރިކަންކުރަން ނުކުތް ބައެއް ނޫންކަމަށާއި ރާއްޖޭގެ ވެރިކަން ހެޔޮގޮތުގައި ކުރެވޭނީ ރާއްޖޭގެ އަތޮޅުތަކަށް ހަޤީޤީވެރިކަމުގެ ބާރުދޫކޮށްގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އެމްޑީޕީ ހަރުގޭގައި ރޭ އޮތް ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
” އެމްޑީޕީއަކީ އެއްވެސް އިރެއްގައި ވެރިކަމުގެ ޝެހެންޝާހްގެ ދަހިވެތިކަމުގައި ވެރިކަން ކުރަން ނުކުތް ބައެއް ނޫން. އަޅުގަނޑުމެން މިއަދުވެސް ވެރިކަން ކުރަމުން މިދަނިކީއެއް އެނިޔަތުގައި، އެމަޤްޞަދެއްގައެއް ނޫން.” ރައީސް ވިދާޅުވިއެވެ. ” ރާއްޖެގެ ވެރިކަން ހެޔޮގޮތުގައި ކުރެވޭނީ ރާއްޖޭގެ އަތޮޅުތަކަށް ޙަޤީޤީ ވެރިކަމުގެ ބާރު ދޫކޮށްގެން. މިނޫން ގޮތަކަށް އަޅުގަނޑުމެން މިއެދޭ ތަރައްޤީ އަޅުގަނޑުމެންނަކަށް ނުހޯދޭނެ. އަޅުގަނޑުމެން މިއުއްމީދުކުރާ ބަދަލު އަޅުގަނޑުމެންނަކަށް ނުލިބޭނެ.”
އެމްޑީޕީ ވެރިކަމަށް އައީ އުއްމީދުތަކެއް ހާޞިލްކުރުމަށް ކަމަށާއި، އެ އުއްމީދު ތަކުގެ ތެރޭގައި ޑިމޮކްރަސީއަށް ލެނބި، ޑިމޮކްރަސީގެ އުޞޫލުތަކުގެ ތެރެއިން ރައްޔިތުންނާ ގާތުން ރައްޔިތުންގެ ވެރިކަމެއް ހިންގުމަކީ އެންމެ ބޮޑު އެއް އުއްމީދު ކަމުގައި ރައީސް ވިދާޅުވިއެވެ. އަދި ” އެ އުއްމީދުތައް ގުޅިފައިވަނީ 7 މަލާ، އެ 7 މާ ރަމްޒުކޮށްދެނީ އަޅުގަނޑުމެންގެ 7 ޕްރޮވިންސް، ތަރައްޤީގެ ހުރިހާ މަޝްރޫޢެއްވެސް ހިމެނިފައިވަނީ އެ 7 ޕްރޮވިންސްގެ އޮނިގަނޑުގެ ތެރޭގައި” ކަމުގައި ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ޕްރޮވިންސްތައް އުފައްދަވާފައިވަނީ ރައްޔިތުންނާ ގާތުން މާލެއިން ލިބޭ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކަމުގައި ވިޔަސް މިދިޔަ 1 އަހަރު ދުވަހުގެ ތެރޭގައި ޕްރޮވިންސްތަކުން ރައްޔިތުން އެދޭ މިންވަރަށް މަސައްކަތް ނުކުރެވުނީ އެމަސައްކަތް އެންމެ ފުރިހަމަ ގޮތުގައި ކުރުމަށް ޤާނޫނު ތަންދީފައި ނުވާތީ ކަމުގައެވެ. އަދި ވެރިކަމުގެ ބާރުތައް މާލޭގައި ހިފަހައްޓައި އެބާރުތައް މާލެއިން ބީވިޔަ ނުދިނުމަށް ބަޔަކު ކުރަމުންދާ މަސައްކަތް އެމަނިކުފާނަށް ވަރަށް ރަގަޅަށް އެނގިވަޑައިގަންނަވާ ކަމަށާއި، ” ރައްޔިތުންނަށް ލިބެން އޮތް ބާރެއް، ރައްޔިތުންނަށް ލިބެން އޮތް ފައިދާ އަކަށް ހުރަސް އަޅަންދެން އަޅުގަނޑުމެންގެ ޕާޓީގެ މެންބަރުން އަތްއުރާލައިގެން ތިބުމަކީ އަޅުގަނޑުގެ ނަޒަރުގައި ބުއްދިވެރި ކަމެއް ނޫން” ކަމުގައި ރައީސް ވިދާޅުވިއެވެ.
އަތޮޅުތަކުގެ މުއްސަނދިކަމުގެ 40 އިންސައްތަ އެއަތޮޅަކަށް ދިނުމަށް ލާމަރުކަޒީ ބިލުގައި ހިމަނާފައިވާނެ ކަމަށާއި، ޙަޤީޤަތުގައި ޑީއާރުޕީ އިން ނައްތާލަން މަސައްކަތް އެކުރަނީ ޕްރޮވިންސްގެ ފިކުރު ނޫން ކަމަށާއި، ޑިއާރުޕީ އިން މަސައްކަތް ކުރަމުން އެދަނީ އަތޮޅުތަކުގެ މުއްސަނދިކަމުގެ 40 އިންސައްތަ ރައްޔިތުންނަށް ލިބުނަ ނުދިނުމަށް ކަމުގައި ރައީސް ވިދާޅުވިއެވެ.
މި ޖަލްސާގައި ދައުލަތުގެ ބަންޑާރަނައިބު އަލްއުސްތާޛް ހުސްނުއް ސުއޫދު ވެސް ވާހަކަފުޅު ދެއްކެވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި އެމްޑީޕީން ވެފައިވާ ވަޢުދުތައް ރައްޔިތުން ބަލައިގެންފައިވާ ކަމަށާއި، އެ ވައުދުތަކުގައި ކޮޅުފައިން ޖެހުމުގެ ފުރުޞަތު ޑީއާރުޕީއަށް ދިގެން ނުވާނޭ ކަމުގައި ވިދާޅުވިއެވެ.
ރޭގެ ޖަލްސާގައި ބަންޑާރަ ނައިބުގެ އިތުރުން އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު އަދި މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޑރ. އިބްރާހީމް ދީދީ ވެސް ވާހަކަފުޅު ދެއްކެވިއެވެ.