ސްކޫލް ކުދިންގެ މެދުގައި ނުރައްކާތެރި މާރާމާރީތައް އިތުރުވަމުންދާތީ ކަންބޮޑުވުން ފާޅުކުރުން

މިދިރާސީ އާއަހަރުގެ ފުރަތަމަ 48 ގަޑިއިރުގެ ތެރޭގައި ދެދަރިވަރަކަށް ގްރޫޕުތަކުން އަނިޔާވެރިކޮށް ޙަމަލާދީ ޒަޚަމުކޮށްލާފައިވާތީ އެކަމާ
ކަންބޮޑުވުން ފާޅުކޮށް އެމްޑީޕީ ޒުވާނުންގެ ހިއްވަރުގެ ފަރާތުން ކުށްވެރިކުރަމެވެ.

ދިރާސީ އާއަހަރުގެ ކިޔެވުން ފެށުނުތާ 3 ވަނައަށް ވީދުވަހު ފުރަތަމަ ހަމަލާ ހިންގާފައިވަނީ ތާޖުއްދީން ސްކޫލްގެ ތެރޭގައެވެ. ދެވަނަ ހަމަލާދީފައިވަނީ ބުދަ ދުވަހުގެ ސްކޫލްތަކުގެ ފުރަތަމަ ދަންފަޅި ނިންމާ، މެންދުރުގެ އެންމެ ކާރޫބާރޫ ބޮޑުވިއިރު، މާލޭގައި އެއް ސަރަހައްދެއްގައި އެންމެ ގިނަ ސްކޫލްހުރި ގަލޮޅު ލިލީމަގުގައެވެ.

ލިލީމަގުގައި ދަރިވަރަކަށް ތޫނުއެއްޗަކުން ހަމަލާދީ ޒަޚަމުކޮށްލި މައްސަލާގައި ޝާމިލުވާ ފަރާތްތައް ފުލުހުންގެ ބެލުމުގެ ދަށަށް އަދި ގެނެވިފައެއްނުވެއެވެ. ހަމަލާދޭނެކަމުގެ އިންޒާރު ސްކޫލުގެ ތެރެއިން ދީފައިވާކަމަށާއި، އެކަމުގެ ޝަކުވާ ޓީޗަރަށަް އެންގެމުން ފަރުވާލެއް ނުބެހެއްޓިކަމަށް ޒަޚަމުވި ކުއްޖާގެ ޢާއިލާއިން ބުނެއެވެ.

ސްކޫލުތަކުގެ އެތެރޭގައްޔާއި، ބޭރުގައި ދަރިވަރުންނަށް އަމާޒުވަމުންދާ ހަމަލާތައް މޯލްޑިވިއަން ޑެމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޒުވާނުންގެ ގޮފިން ދެކެނީ ނުހަނު ހިތާމަޔާއި، ކަންބޮޑުވުމާއި އެކުގައެވެ. މިބާވަތުގެ ކަންކަން ތަކުރާރުވިޔަ ނުދިނުމަށްޓަކައި މިކުށްތަކުގައި ޝާމިލުވާ ފަރާތްތައް ދެނެގަނެ، އެކަށީގެންވާ ތަހްޤީޤު ހިންގާ، ޤާނޫނުގެ ކުރިމަތީގައި އެބައިމީހުން ޒިންމާކުރުވުމަށް ކަމާބެހޭ މުވައްސަސާތަކުން ހަލުވި ފިޔަވަޅުތަކެއް އަޅާންޖެހެއެވެ.

ގޭންގު ކުށްތަކުގެ ހިޔަނިން އަޅުގަނޑުމެންގެ ސްކޫލުތަކާއި ދަރިވާރުން ޙިމާޔަތްކުރުމުގައި ދުރާލާ ހަރުދަނާ ފިޔަވަޅުތައް އެޅުމުގައި މޯލްޑިވްސް ޕޮލިސް ސަރވިސް ފެންނަނީ ނުކުޅެދިފައިވާތަނެވެ.

މިމަސްއަލައިގައި މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ހަނުހުރުން ޚިޔާރުކޮށްފައިވާކަމީ، ދަރިވާރުންނާއި، ބެލެނިވެރިންނާއި، ޓީޗަރުންގެ ސަލާމަތާއި ރައްކާތެރިކަމުގެ މައްޗަށް އޮތް ޔަޤީންކަން އިތުރުކޮށްދޭކަމެއްނޫނެވެ. އެހެނެއްކަމަކު އެކަމުން އިތުރުވަނީ ނުތަނަވަސްކަމާއި، ބިރުވެރިކަމެވެ.

ޤާނޫނުގެ ވެރިކަން ނެގެހެއްޓުން ނެތުމާއި، ޤާނޫނު ތަންފީޒުކުރުމުގައި ހުރި ދޯދިޔާކަމުގެ ސަބަބުން ގޭންގު ކުށްތައް ޢާންމު ބަލާމުސީބަތަކަށްވެ، 2017 އެކަނިވެސް 30 އަށްވުރެން ގިނަ މާރާމާރީގެ މަސްއަލަ ފުލުހުންނަށްވަނީ ރިޕޯޓުކޮށްފައެވެ،

ކޮންމެ ފަހަރަކު މާރާމާރީތައް ހިލުމާއެކު، ވަގުތީގޮތުން ހަރުކަށިކަން ދައްކާ، ކަމާބެހޭ ފަރާތްތަކުގެ ހަރަކާތްތެރިކަން އިތުރުކުރިނަމަވެސް، މިއީ ވަގުތީ ހައްލެކެވެ.ވަށާޖެހޭ މައުނަވީ ދެމެހެއްޓެނިވި ހައްލެއްނޫނެވެ.

ސްކޫލު ދަރިވަރުންނާއި، ސްކޫލުތަކުގެ އެތެރެޔާއި ބޭރުގެ ރައްކާތެރިކަމާއި، އަމާންކަން ޔަޤީންކޮށްދިނުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވައިލުމާއެކު، ދަރިވަރުންނާއި، ބެލެނިވެރިންގެ ކަންބޮޑުވުންތަކަށް ޖަވާބުދާރީވުމަށް ސަރުކާރާއި ދައުލަތުގެ ހުރިހާ މުވައްސަސާތަކަށް
އިލްތިމާސްކުރަމެވެ.

ބަޔާން ނެރުނީ: އެމްޑީޕީ ޒުވާނުންގެ ހިތްވަރު
ތާރީޚް: 18 ޖަނަވަރީ 2018