ވިލާ ހޮޓެލްސްގެ ރިސޯޓުތަކަށް އަރައިގަނެ، ސަރުކާރުން ހިންގާ ޖަރީމާތައް ހުއްޓާލުމަށް ގޮވާލަން

ވިލާ ހޮޓެލްސްއިން ހިންގަމުން އަންނަ 5 ރިސޯޓުގައި މިރޭ ފުލުހުންނާއި، ކަސްޓަމްސް އަދި މީރާގެ އޮފިޝަލުން ހިންގަމުން އަންނަ ޤާނޫނާ ޚިލާފް ޖަރީމާ އެންމެ ހަރުއަޑުން ކުށްވެރިކޮށް އެކަން މިހާރުން މިހާރަށް ހުއްޓާލުމަށް ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީން އެ ފަރާތްތަކަށް ގޮވާލަމެވެ.

ދިވެހިރާއްޖޭގައި ޒަމާނުއްސުރެ ފަތުރުވެރިކަން އެންމެ ފުޅާ ދާއިރާގައި ކުރަމުން އަންނަ މި ރިސޯޓުތަކަށް ފުލުހުންނާއެކު ދައުލަތުގެ މުވައްސަސާތަކުން އަރައިގަނެ ކުރަމުން އަންނަ މަސައްކަތްތަކީ ކުންފުނީގެ ޗެއާމަން އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު އޮނަރަބްލް ޤާސިމް އިބްރާހީމަށް ފުރައްސާރަކޮށް ބިރުދެއްކުމުގެ ގޮތުން ކުރަމުން އަންނަ ދަށުދަރަޖައިގެ ޢަމަލެކެވެ. އަދި ޢަބްދުﷲ ޔާމީނަށް ފާޑުކިޔަމުން އަންނަ ސިޔާސީގޮތުން ވާދަވެރި ހުރިހާ ފަރާތްތައް ޖަލަށްލައި އެފަރާތްތަކުގެ ޢާއިލާތަކަށް ފުރައްސާރަކުރުމާއި، މުދަލަށް އަރައިގަތުމަކީ ބަލައިގަނެވޭނެ ކަމެއްނޫނެވެ.

ފަތުރުވެރިކަމުގެ ހައި ސީޒަންގައި ރާއްޖޭގެ 5 ރިސޯޓަކަށް ދައުލަތުން އަރައި މި ހިންގާ ޖަރީމާއިން ހާމަވަނީ ފަތުރުވެރިކަމުގެ ދާއިރާއިން ރާއްޖެއަށް ލިބިފައިވާ ކާމިޔާބާއި ކުރިއެރުން ނައްތާލައި ރާއްޖޭގެ އިޤްތިޞާދު ހަލާކުގެތެރެއަށް ވައްޓާލުމަށް ޢަބްދުﷲ ޔާމީން ފަސްނުޖެހޭނެ ކަމެވެ. އަދި އަމިއްލަ ވިޔަފާރިތަކަށް އިޙްތިރާމް ކުރުމެއްނެތި، ކުރު ރާސްތާގެ ސިޔާސީ ބޭނުމެއް ހާސިލްކުރުމަށް ދައުލަތުގެ މުވައްސަސާތައް ނާޖާއިޒުގޮތުގައި ބޭނުންކުރަމުން އަންނަ ކަމެވެ.

ރާއްޖޭގެ އެންމެހައި ކަންކަން ބޮއްސުންލައި، ދިރާސީ އާ އަހަރުގެ ކިޔެވުން ފެށިގެން 3 ދުވަސްވީއިރު، 2 ދަރިވަރަަކަށް ތޫނު އެއްޗަކުން ހަމަލާދީ މުޅި ޤައުމު އެކަމާ މެދު ސިހި، ކަންބޮޑުވުން ފާޅުކުރަމުން އަންނައިރު، އެފަދަ ބޮޑެތި އަދި ނުރައްކާތެރި ކުށްތައް ހުއްޓުވުމަށް ފުލުހުންނާއި ދައުލަތުގެ މުވައްސަސާތަކުގެ ބޭނުން ނުހިފައި ސިޔާސީ ބޭނުމުގައި ދައުލަތުގެ މަދު ވަޞީލަތްތައް ބޭކާރު ކުރަމުން އަންނަކަމީ ކަންބޮޑުވާ ކަމެކެވެ.

މިފަދަ ޤާނޫނާ ޚިލާފް އުސޫލުން ކުރަމުން އަންނަ ކަންކަން ދެން އުފެދޭ ސަރުކާރެއްގައި އިއާދަ ކުރެވޭނެ ކަމަށާއި، ޢަބްދުﷲ ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގައި ބައިވެރިވާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅު އެޅޭނެ ކަމުގައި ތަކުރާރުކުރަމެވެ.

ބަޔާން ނެރުނީ: އެމް.ޑީ.ޕީ
ތާރީޚް: 17 ޖަނަވަރީ 2018