ކުރީގެ ކ.ކާށިދޫ ކައުންސިލުގެ ރައީސް ޢީސާ ޚަލީލު ކުއްލިގޮތަކަށް ނިޔާވުމުގެ ފުން ހިތާމާގައި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) ބައިވެރިވަމެވެ.
ޢީސާ ޚަލީލު ނިޔާވެފައިވަނީ އާދީއްތަ ދުވަހުގެ މެންދުރެއްހާއިރު މޫދުގައި ޑިންގީއެއްގައި އުޅުއްވުމަށްފަހު އަނބުރާ ރަށަށް ލަފައި، ޑިންގީ އެޅުއްވުމުގެ ތެރޭގައި ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. އަދި ހެލްތު ސެންޓަރަށް އޭނާ ގެންދެވުނު އިރުވެސް އޮތީ ނިޔާވެފައިކަމަށް ޑޮކްޓަރާ ހަވާލާދީ އެނގިފައިވެއެވެ.
ޢީސާ ޚަލީލަކީ ކ.ކާށިދޫ ކައުންސިލަށް މި ޕާރޓީގެ ފަރާތުން ދެ ފަހަރުގެ މަތިން އިންތިޚާބުވެލެއްވި މި ޕާރޓީގެ ނުހަނު އިޚްލާޞްތެރި އަދި ޚިދުމަތްތެރި މެމްބަރެކެވެ. އަދި އެންމެ ފަހުން އޭނާ ވަނީ ކ.ކާށިދޫ ކައުންސިލުގެ ރައީސްކަން ވެސް ކުރައްވާފައެވެ.
އަލްމަރުހޫމް ޢީސާ ޚަލީލުގެ ފުރާނައަށް މާތް ﷲ ރަޙްމަތްލައްވައި، ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރުކުރެއްވުމަށް ދުޢާކުރާހިނދު، އެ މަރުހޫމުގެ އާއިލާއަށް ކެތްތެރިކަން މިންވަރުކުރައްވާށިއެވެ. އާމީން!
ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއެޓް
ތާރީޚް: 8 ޖެނުއަރީ 2018