ރޭޕް ކުރުމުގެ މައްސަލަ އިންސާފްވެރިކަމާއެކު ތަޙްޤީޤްކުރުމަށް ގޮވާލަން

ފާއިތުވީ ހަފްތާތެރޭ މާލޭގައި ހުންނަ އާޓް ސްޓޫޑިއޯއެއްގައި 19 އަހަރުގެ އަންހެން ކުއްޖަކު ރޭޕް ކުރުމާ ގުޅިގެން އެ މައްސަލަ ނުފޫޒުން އެއްކިބާވެތިބެ، އިންސާފްވެރިކަމާއެކު ތަޙްޤީޤްކުރުމަށް ދިވެހި ރައްޔިތުންެގެ ޑިމޮކްރަޓިކް ޕާޓީން މޯލްޑިވްސް ޕޮލިސް ސާވިސްއަށް ގޮވާލަމެވެ

މިދިޔަ ހަފްތާގައި ހިނގި މި އަނިޔާވެރި ހާދިސާގައި ތުހުމަތު ކުރެވޭ ފަރާތަކީ ސަރުކާރުގެ ސިޔަސީ ނުފޫޒު އޮތް ފަރާތަކާ ޢާއިލީ ގުޅުން އޮތް މީހެއް ކަމުގައި ަނޫސްތަކުގައި ރިޕޯޓުކޮށްފައިވާއިރު ފުލުހުން މިކަމަށް ޖަވާބުދާރީނުވެ ގިނަ ދުވަސްތަކެއް ވަންދެން ހިމޭނުން ތިބި ތިބުމަކީ ރޭޕް ކުރާ މީހުންނަށް ހިމާޔަތްދީ އެފަދަ މީހުންނަށް ލިބޭ ހިތްވަރެއް ކަމުގައި ދެކެމެވެ.

ޖިންސީ އަނިޔާ ކުރުމާއި މަސައްކަތުގެ މާޙައުލުގައި ޖިންސީ ފުރައްސާރަކުރުން އާންމުވެފައިވާއިރު، އެފަދަ މައްސަލަތައް ފެންމަތިވުމުން ދައުލަތުގެ އެންމެ މަތީ ފެންވަރުގައިވެސް އެކަންކަން ފޮރުވުމަށް މަސައްކަތްކޮށް، ޖިންސީ ފުރައްސާރަ ކުރާކަމަށް ތުހުމަތު ކުރެވޭ ފަރާތްތަކަށް ސިޔާސީ ބޮޑެތި މަޤާމުތައް ދެމުން އަންނަކަމީ މިފަދަ ސަޤާފަތްތައް މުޖުތަމަޢުގައި ޢާންމުވުމަށް މަގުފަހިވާ ކަމެކެވެ.

ރޭޕް ކުރުން ފަދަ ބޮޑެތި ކުށްތައް ކުރަމުން އަންނަ ފަރާތްތަކަށް ޙައްޤު އަދަބު ދިނުމާއި އެކަންކަން ހުއްޓުވުމަށް ފުލުހުންނާއި ދައުލަތުގެ މުވައްސަސާތަކުން އެކަށީގެންވާ މަސައްކަތް ކުރެވިފައިނުވާކަންވެސް މި ދަނޑިވަޅުގައި ފާހަގަ ކުރަމެވެ. މިފަދަ ބޮޑެތި ކުށްތައް އެކަށީގެންވާ އަވަސްމިނުގައި ނުބެލި، ސިޔާސީ ގޮތުން ވަކި ބަޔަކަށް މަންފާ ހޯދައިދިނުމަށް ފުލުހުންނާއި ދައުލަތުގެ މުވައްސަސާތަކުން ޢަމަލުކުރުމުން މުޖުތަމަޢުގެ ފޭރާން ބިކަވެ، ދިވެހިރާއްޖެ މިއަދު މިއަންނަނީ ޢަދުލު އިންސާފު ގެއްލި ހަލާކުގެ ތެރެއަށް ވެއްޓެމުންނެވެ. އެހެންކަމުން މި ކަމުގައި ޝާމިލްވާ ހުރިހާ ފަރާތްތައް، ވަކިން ޙާއްސަކޮށް ތުހުމަތު ކުރެވޭ ފަރާތާމެދު ޤާނޫނުގައިވާ ގޮތުގެ މަތީން ޢަމަލުކުރުމަށް ގޮވާލަމެވެ.

.ރޭޕް އަކީ އަނިޔާވެރި ބޮޑު ކުށެއް ކަމަށްވީހިނދު، މިފަދަ އަނިޔާތައް ތަހައްމަލަކުރަމުން އަންނަ ހުރިހާ ފަރާތްތަކަށް ރައްކާތެރިކަން ހޯދައިދީ އޯގާތެރިކަމާއެކު އެމީހުންގެ އެންމެހައި ކަންކަން ބެލޭނެ އިންތިޒާމް ހަމަޖެއްސުމަށްވެސް ދައުލަތުގެ ހުރިހާ ފަރާތްތަކަށް، ވަކިން ޙާއްސަކޮށް ޖެންޑަރ މިނިސްޓްރީއަށާއި ހިއުމަންރައިޓްސް ކޮމިޝަނަށް ގޮވާލަމެވެ.

ބަޔާން ނެރުނީ: އެމް.ޑީ.ޕީ
ތާރީޚް: 7 ޖަނަވަރީ 2018