ދިއްގަރު ދާއިރާގެ މެންބަރު އަޙުމަދު ފާރިސް މައުމޫން ޖަލުގައި ހުންނަވާތާ މިއަދަށް 501 ދުވަސް!

ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް ރިޝްވަތު ދިންކަމަށްބުނެ ޙަޤީޤަތާ ޚިލާފު ދޮގު ތުހުމަތެއް ކޮށް، އުފައްދާފައިވާ މައްސަލައެއްގެ ތުޙުމަތުގައި 18 ޖުލައި 2017 ވީ އަންގާރަ ދުވަހުން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ފާރިސް މައުމޫން ހައްޔަރުކޮށް 19 ޖުލައި 2017 ގައި ޝަރީޢަތް ނިމެންދެން ބަންދުކޮށް ޖަލުގައި ހުންނަވާތާ މިއަދަށް 150 (ސަތޭކަ ފަންސާސް) ދުވަސް ހަމަވީއިރު ދައުލަތުގެ އެކި މުއައްސަސާތަކުން ޢަމަލުކޮށްފައިވާ އަދި ޢަމަލުކުރަމުންދާގޮތުން ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއިން ކޮންމެ މީހަކަށްމެ ކަށަވަރުކޮށްދީފައިވާ އަސާސީ އެތައް ޙައްޤެއް އަޙްމަދު ފާރިސް މައުމޫންގެ ކިބައިން ނިގުޅައިގަނެވި އިޢާދަނުކުރެވޭނެ ގެއްލުންތައް ލިބެމުންދާކަން ނުހަނު ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ.

ޝަރީޢަތުން ކުށެއް ސާބިތުވުމެއްނެތި ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ފާރިސް މައުމޫން ޖަލުގައި ހުންނަވާތާ 150 ދުވަސް ވެފައިވާއިރު އެމަނިކުފާނު ހައްޔަރުކުރުމަށް ކްރިމިނަލް ކޯޓުން ނެރުއްވާފައިވާ ޢަމުރާއި ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް ނެރުއްވާފައިވާ ދެ ޢަމުރުގެ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިޢުނާފްކުރައްވާފައިވާއިރު އިސްތިޢުނާފަށް ހުށަހެޅުނުތާ މިއަދަށް ފަސް މަސް ދުވަސް ވެފައިވާއިރު ތަފާތު އެކި ސަބަބުތަކާހެދި އެ އިސްތިޢުނާފުތަކުގައި ހައިކޯޓުން ގޮތެއް ނުނިންމެވުމުގެ ސަބަބުން އަޙްމަދު ފާރިސް މައުމޫންއަށް އިންސާފު ލިބުމަށް ހުރަސްއެޅިފައިވާކަން ފާހަގަކުރަމެވެ. އަދި އިސްތިޢުނާފު މައްސަލަތަކުގެ ޙުކުމްކުރުމަށް 20 އޯގަސްޓް 2017 އަށް ތާވަލްކުރުމަށްފަހު އެ އަޑުއެހުން ކެންސަލްކުރައްވައި އޭގެފަހުން މައްސަލަ ބައްލަވަމުންގެންދަވާ ބެންޗު ޤާނޫނާ ޚިލާފަށް ބަދަލުކުރައްވައި، ފަހުން އެކުލަވާލެއްވި ބެންޗުގެ އެއް ފަނޑިޔާރަކު މާލޭގެ ހައިކޯޓުގައި މަސައްކަތްކުރުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޢަމުރަކުން ކަނޑައެޅުއްވި މުއްދަތު ހަމަވެފައިވާތީ މައްސަލަ ބެލުމަށް ފަހުން އެކުލަވާލެވުނު ބެންޗުވެސް އުވި، މައްސަލައަށް ނިޔާއެއް ކަނޑަނޭޅި ލަސްވަމުންދިޔުމަކީ އަޙްމަދު ފާރިސް މައުމޫން އަށް ނުޙައްޤުން ލިބެމުންދާ އަނިޔާ ކަމުގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ފާހަގަކުރަމެވެ.

އަޙްމަދު ފާރިސް މައުމޫންގެ މައްޗަށް ތުޙުމަތުކޮށްފައިވާ މައްސަލައިގައި މިހާތަނަށް ހާމެވަފައިވާ ޙަޤީޤަތްތަކަށް ބެލުމުންވެސް މިއީ ދައުލަތުގެ މުއައްސަސާތަކާއި ވަޞީލަތްތައް ނަހަމަގޮތުގައި ބޭނުންކޮށްގެން ވަކި ބައެއްގެ ސިޔާސީ މަޤްސަދުތަކެއް ޙާޞިލްކުރުމަށް އުފުލާފައިވާ ޙައްޤުނޫން ދަޢުވާއެއްކަން ދިވެހި އެންމެހާ ރައްޔިތުންނަށް އޮޅުމެއްނެތި މިހާރު ކަށަވަރުވެއެވެ. އަދި އަޙްމަދު ފާރިސް މައުމޫންގެ ހައްޤުތައް ޙިމާޔަތްކުރުމަށް ދައުލަތުގެ ތަފާތު އެކި އިދާރާތަކަށް ހުށަހެޅި މައްސަލަތަކަށާއި ހުށަހަޅާފައިވާ ހުށަހެޅުންތަކަށް އިންސާފުވެރި ފިޔަވަޅުތަކެއް އެޅުއްވުމުގައި ދައުލަތުގެ އިދާރާތަކުން އިޙުމާލުވަމުން ދިޔުމުގެ ސަބަބުން ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ފާރިސް މައުމޫން އަށް ޤާނޫނު އަސާސީން ކަށަވަރުކޮށްދޭ ޤާނޫނުގެ ރައްކާތެރިކަމާއި މަންފާލިބުމުގެ ޙައްޤުވެސްވަނީ ނިގުޅައިގަނެވިފައެވެ. އަދި އަޙްމަދު ފާރިސް މައުމޫންގެ އަސާސީ ޙައްޤުތަކަށް ލިބެމުންދާ އިޢާދަނުކުރެވޭނެ ގެއްލުންތަކުގެ އެންމެ ބޮޑު އެއް ސަބަބަކީ ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން ޤާނޫނީ ޒިންމާއިން ޣާފިލުވެ ސިޔާސީ ވަކި ބައެއްގެ އަމުރަށް މަސައްކަތްކުރުންކަންވެސް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ފާހަގަކުރަމެވެ.

އަޙްމަދު ފާރިސް މައުމޫންގެ އަސާސީ ޙައްޤުތަކަށް ދައުލަތުގެ އިދާރާތަކުން ހުރަސް އެޅުއްވުން ހުއްޓަވާލެއްވުމަށާއި، ޤާނޫނީ އިމުގެ ބޭރުން އެމަނިކުފާނާއި ދޭތެރޭ ހިންގަވާ ޢަމަލުތައް ހަރުކަށި ޢިބާރާތުން ކުށްވެރިކޮށް، ޝަރީޢަތްތަކަށް ނުފޫޛުފޯރުވުން ހުއްޓަވާލެއްވުމަށާއި، ޤާނޫނީ އިމުގެ ތެރެއިން ޢަމަލުކުރެއްވުމަށް ރައީސް ޔާމީނަށާއި ކަމާބެހޭ އެންމެހާ ފަރާތްތަކަށް މި ފުރުސަތުގައި ގޮވާލަމެވެ. އަދި އަޙްމަދު ފާރިސް މައުމޫން މިހާރު ބަންދުކޮށްފައިވަނީ ޤާނޫނާ ޚިލާފަށްކަން އޮޅުމެއްނެތި ފެންނާން އޮތްހިނދު ނުޙައްޤު އަނިޔާވެރިކަން ދޫކޮށް މިހާރުން މިހާރަށް އަޙްމަދު ފާރިސް މައުމޫން ބަންދުން ދޫކޮށްލުމަށް ދައުލަތުގެކަމާބެހޭ ފަރާތްތަކަށް ގުޅިފައިވާ ޕާޓީތަކުން ގޮވާލަމެވެ. އަދި އޭގެ އިތުރުންވެސް ސިޔާސީ މަޤްސަދެއް ޙާސިލު ކުރުމަށް އެކިއެކި ތުހުމަތުގައި ޙުކުމް އިއްވާފައިވާ އެންމެހާ ފަރާތްތައް މިހާރުން މިހާރަށް ދޫކޮށްލުމަށްވެސް މިފުރުޞަތުގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ގޮވާލަމެވެ.

ބަޔަން ނެރުނީ: ގުޅިފައިވާ ސިޔާސީ ޕާޓީތައް
14 ޑިސެމްބަރ 2017