ވިލިމާލެ ރައްޔިތުން އުންމީދު ކުރާ ޚިދުމަތްތަކެއް ނުލިބޭ – މާލެ ސިޓީ ކައުންސިލް މެންބަރ ހަމްނާ ވަޙީދު

ވިލިމާލޭގައ ދިރިއުޅޭ ރައްޔިތުން އުންމީދު ކުރާ މިންވަރާ ގާތަށްވެސް ދައުލަތުން ޚިދުމަތް ފޯރުކޮށްނުދެވޭ ކަމަށާއި ތަރައްޤީގެ ނަމުގައި ފެންނަނީ ‘ތަރައްގުއި’ ކަމުގައި މާލެ ސިޓީ ކައުންސިލްގެ ވިލިމާލެ ދާއިރާ ކައުންސިލަރު ހަމްނާ ވަޙީދު ވިދާޅުވެއްޖެއެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ވިލިމާލޭގައި ބުރާސްފަތި ދުވަހުގެރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މާލެ ސިޓީ ކައުންސިލްގެ މަސައްކަތްތަކަށް ސަރުކާރުން ހުރަސްއަޅަމުންގެންދާކަމަށް ހަމްނާ ފާހަގަ ކުރެއްވިއެވެ. ހަމްނާ ވިދާޅުވީ އިންތިޚާބު ވީ ދުވަހުން ފެށިގެން 13 ގޮނޑިއާއެކު މާލެ ސިޓީ ކައުންސިލްވަނީ ބަންދުވެފައި ކަމުގައެވެ. މަަސައްކަތް ކުރާނެ ތަނެއް، ވަޞީލަތްތަކެއް ނެތި، ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އެތައް ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ހުރަސް އެޅިފައިކަމުގައި ހަމްނާ ވިދާޅުވިއެވެ.

ވިލިމާލޭގައި ސަރުކާރުން ފޯރުކޮށްދޭކަމަށް ބުނާ ޚިދުމަތްތަކުގެ ހަޤީޤަތް ހާމަކޮށްދެއްވަމުން ހަމްނާ ވިދާޅުވީ ހޮސްޕިޓަލުގެ ނަންބޯޑު އަޅުވާފައިވީނަމަވެސް ހޮސްޕިޓަަލަކުން ލިބެންޖެހޭ ޚިދުމަތްތަކެއް އެތަނުން ނުލިބޭ ކަަމަށާއި، ޚިދުމަތުގެ ފެންވަރުވެސް އެހާ ދަށް ކަމުގައެވެ. އަދި ބޭސް ފިހާރައިގެ ޚިދުމަތްވެސް 24 ގަޑިއިރު ނުލިބޭ ކަމުގައި ހަމްނާ ފާހަގަ ކުރެއްވިއެވެ. މީގެ އިތުރުން މަސްވެރިންގެ ބޯޓުފަހަރުތައް ބާއްވާނެ ތަން ނެތުމާއި މަސް މާރުކޭޓެއް ނެތުމުން މަސްވެރިން ގޭގެއަށް މަސް ވިއްކަން ދިއުމުން ފުލުހުން އެކަމަށް ހުރަސްއެޅުމަކީ ކަންބޮޑުވާ ކަމެއް ކަމުގައި ހަމްނާ ވިދާޅުވިއެވެ. ވިލިމާލެ ޓެކްސީގެ ޚިދުމަތަށް ބަލާއިރު، ޚިދުމަތުގެ ފެންވަރު ވަރަށް ދަށް ކަމަށާއި ވިލިގިލީގައި ދިރިއުޅޭ މީހުންގެ އާބާދީއަށް ބަލައި، ޓެކްސީގެ ޚިދުމަތަށް ބޭނުންވާއިރު، އެ ޚިދުމަތެއް ނުލިބޭ ކަމަށާއި ބަގީގެ ޚިދުމަތް ފޯރުކޮށްދޭން މުވައްޒަފުންނާއި ބަގީވެސް ނެތް ކަމުގައި ހަމްނާ ވިދާޅުވިއެވެ. އަދި ސިނާޢީ ސަރަޙައްދު މިހާރު ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުން ނަގައި، އެ ސަރަޙައްދު ވީރާނާވެފައިވާތީ ހަމްނާ ކަންބޮޑުވުން ފާޅުކުރެއްވިއެވެ.

މިކަންކަމާ ގުޅިގެން ރައްޔިތުންގެ ޝަކުވާތައް ވަރަށް ގިނައިން ލިބިވަޑައިގަންނަވާ ކަމަށާއި ރައްޔިތުންގެ ޝަކުވާތަކާ ގުޅިގެން އެކަންކަމަށް ޙައްލު ހޯދުމަށް ކަމާ ގުޅޭ މުވައްސަސާަތަކުގެ ތަކުރާރުކޮށް ދަންނަވާ ކަމަށް ހަމްނާ ވިދާޅުވިއެވެ. އެހެންނަމަވެސް މުވައްސަސާތަކުން ކައުންސިލްގެ އާދޭސްތަކަށް ދެނީ ބީރުކަންފަތެއްކަމުގައި ހަމްނާ ވިދާޅުވިއެވެ.