ގއ. އަތޮޅު ކައުންސިލް ސަސްޕެންޑްކުރުން ކުށްވެރިކުރަން

އިންޑިޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ހުވަދު އަތޮޅު އުތުރުބުރިއަށް ކުރެއްވި ދަތުރުފުޅުގައި އެ އަތޮޅު ކައުންސިލްގެ މެންބަރުންނާ ބައްދަލުކުރެއްވުމާ ގުޅިގެން މުޅި ކައުންސިލް އެއްކޮށް 3 މަސް ދުވަހަށް ސަސްޕެންޑްކުރުމަކީ ރައްޔިތުންގެ ތާޢީދު ސަރުކާރަށް ގެއްލުމުން މުޅި ނިޒާމު މުށުތެރެއަށްލުމަށް ކުރައްވާ ޚުދުމުހުތާރު ކަމެއް ކަމުގައި ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީން ދެކެމެވެ.

ރައްޔިތުންގެ ބޮޑު އަޣްލަބިއްޔަތާއެކު އިންތިޚާބުވެފައިވާ ކައުންސިލަރުންގެ ހުރިހާ ކަމެއް ގަދަ ބާރުން ހިފެހެެއްޓުމުގެ އެއްވެސް ޤާނޫނީ ބާރެއް ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ލިބިދީފައިނުވާކަން ފާހަަގަ ކުރަމެވެ. އެހެންކަމުން އެލްޖީއޭއިން މިހާރު އެ ކުރައްވަމުން ގެންދަވާ މަސައްކަތްތައް ހުއްޓާލުަމަށް ގޮވާލަމެވެ. އެ އޮތޯރިޓީގެ މިފަދަ ނިންމުންތަކުން ހާމަަވަނީ ޤާނޫނު އަސާސީގައި ބަޔާންކުރާފަދަ ލާމަރުކަޒީ ނިޒާމެއް ބިނާކުރުމުގެ ނިޔަތެއްވެސް ނެތް ކަމެވެ.

ރާއްޖޭގެ ޙާލަތު ބައްލަވައި، ދިވެހިރާއްޖެއަށް ބޭނުންވާ ކަންކަމުގައި އެހީތެރިވެދެއްވާ ބޭރުގެ ޤައުމުތަކުގެ ސަފީރުން ދިވެހިންގެ ޙާލަތާއި، މަސައްކަތްތައް ބައްލަވާލެއްވުމަކީ ރާއްޖެއަށާއި ދިވެހިންނަށް އެކަމުގެ މަންފާ ލިބިގެންދާނެ ކަމެކެވެ. ވަކިން ޙާއްސަކޮށް ކައުންސިލަރުންނާ ބައްދަލުކުރެއްވުމުން ރަށު ތަރައްޤީގެ ކަންކަން ގާތުން ދެނެގަނެވޭނެއެވެ. އެހެންކަމުން ކައުންސިލަރުންނާ ސަފީރުންނާ ގުޅުން ބަދަހިވުމަކީ މުހިއްމު ކަމެއް ކަމުގައި މި ޕާޓީން ދެކެމެވެ. އަދި ހާމަކަން ބޮޑު ގޮތުގައި ރާއްޖޭގެ ރަށްރަށުގެ ޙާލަތާ ގުޅޭ މައުލޫމާތު ބޭރުގެ ޤައުމުތަކަށް ލިބިގެންދާނެ ކަމެއް ކަމުގައިވެސް ދެކެމެވެ. އެހެންކަމުން އެފަދަ ގުޅުންތައް ބަދަހިކުރުމަށް ފުރުޞަތު ދިނުމަކީ މައި ސަރުކާރުގެ ޒިންމާއެކެވެ. އަދި ސަރުކާރުން މިފަދަ ކަންކަމަށް ނުފޫޒު ފޯރުވައި ރައްޔިތުންނަށް ހުޅުވޭ މިފަދަ މުހިއްމު ދޮރުތައް ބަންދުކުރުމަކީ ކަންބޮޑުވާ ކަމެކެވެ.

ކައުންސިލަރުންނަކީ ރައްޔިތުން އިންތިޚާބުކޮށްފައިވާ މަންދޫބުން ކަމުގައިވީހިނދު، އެކައުންސިލަރުންގެ ޤާނޫނީ ޒިންމާ އަދާކުރުަމަށް ދައުލަތުގެ މުަވައްސަސާތަކުން ޖާގަ ދިނުމަށް ގޮވާލަމެވެ. އަދި މިހާރުން މިހާރަށް ގއ. އަތޮޅު ކައުންސިލަރުންގެ ސަސްޕެންޝަން އުވާލައި މިފަދަ ނޭއްގާނީ ކަންކަމުން ލޯކަލް ގަވަމަންޓް އޮތޯރިޓީ ދުރުވުމަށް ގޮަވާލަމެވެ.

ބަޔާން ނެރުނީ: އެމް.ޑީ.ޕީ
ތާރީޚް: 14 ޑިސެމްބަރ 2017