ބައިނަލްއަޤުވާމީ އިންސާނީ ޙައްޤުތަކާބެހޭ ދުވަހާ ގުޅޭ ނޫސް ބަޔާން

އދ. ގެ އިންސާނީ ޙައްޤުތަކާ ބެހޭ ބައިނަލްއަޤްވާމީ ޤަރާރު ފާސްކުރިތާ މިއަދަށް 69 އަހަރުފުރޭއިރު، އިންސާނީ ޙައްޤުތައް ހިމާޔަތް ކުރުމުގައި ކެނޑިނޭޅި މަސައްކަތް ކުރައްވަމުން ގެންދަވާ ހުރިހާ ފަރާތްތަކަށް މިއަދު ފާހަގަ ކުރަމުން އަންނަ ބައިނަލްއަޤްވަމީ އިންސާނީ ޙައްޤުތަކުގެ ދުވަހުގެ ތަޙްނިޔާ ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީން އަރިސްކުރަމެވެ. އިންސާނީ ޙައްޤުތައް ހިމާޔަތްކޮށް ކަށަވަރުކުރުމަށް ދިވެހިރާއްޖެއަށް މިއަދު ކުރިމަތިވެފައިވާ ގޮންެޖެހުންތައް ނައްތާލައި އެ ޙައްޤުތަކުން ރައްޔިތުން މަޙްރޫމްކުރަމުން ގެންދިއުން ހުއްޓާލައި އިންސާނީ ޙައްޤުތަކަށް ފާޅުގައާއި ސިއްރުގައި އަރައިގަންނަމުންދާ ފަރާތްތަކުން އެ ނާތަހުޒީބީ ގޮތް ދޫކޮށްލުމަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) އިން ގޮވާލަމެވެ.

ބައިނަލްއަޤްވަމީ އިންސާނީ ޙައްޤުތަކާ ބެހޭ ދުވަސް މުޅި ދުނިޔޭގައި މިއަދު ފާހަގަ ކުރަމުން އަންނައިރު، ދިވެހިންނަށް މިއަދު ކުރިމަތިވެފައިމިވާ އެންމެ ބޮޑު ގޮެންޖެހުމަކީ ސަރުކާރާއި ދައުލަތުގެ މުވައްސަސާތައް އަތްގުޅުވައިގެން ރައްޔިތުން އެތައް ގުރުބާނީތަކެއްވެ ހޯދި ޙައްޤުތައް މުށުތެރެއަށް ލައި ރައްޔިތުން ބިކަކުރުމުގައި ތިބިކަމެވެ.

މީހުން މެރުމާއި، ނަސްލީ ތަފާތުކުރުމާއި، އެއްވެސް މިންވަރަކަށް އިންސާފު ނުލިބުމާއި، ވީނުވީއެއް ނޭނގި ޖަލުތަކުގައި މީހުން މަރުވުން މިއަދު ދިވެހިރާޢްޖޭގައި މިއަންނީ އިތުރުވަމުންނެވެ. ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ނިގުޅައިގަނެ، މީޑިޔާގެ މިނިވަންކަން ނެތިކޮށްލުމާއި، ދިރިހުރުމުގެ ޙައްޤު ގެއްލެމުންދާއިރު އެކަންކަން ދިފާޢުކުރުމަށް ޤަނޫނު އަސާސީން އުފަންކުރުވި މުވައްސަސާތައް ވަނީ ވަކި މީހެއްގެ ވެރިކަން ދިފާޢުކުރާ ތަންތަނަށް ބަދަލުވެފައެވެ.

ޤައުމެއްގެ ޙަޤީޤީ ރޫޙު ފެންނަނީ ދައުލަތުން ރައްޔިތުންނާއި، ވަކިން ޙާއްސަކޮށް މައިނޯރިޓީ ގްރޫޕްތަކާމެދު ޢަމަލުކުރާ ގޮތްތަކުންކަމަށްވީހިނދު ތަކުރާރުކޮށް ފެންނަނީ ދިވެހިރާއްޖޭގައި ބިދޭސީންނަށް ކުރާ އަނިޔާތައް އިތުރުވެ، އެމީހުންގެ ޙައްޤުތަކަށް އަރައިގަނެ، ދައުލަތުގެ ސިޔާސަތުތަކުގެ ތެރެއިންވެސް ތަފާތުކުރުން އިތުރުވަމުން އަންނަ ކަމެވެ.

މިފެށޭ އާ އަހަރު އެއްކޮށް ބައިނަލްއަޤުވާމީ ގޮތުން ޚާއްޞަކުރެވޭނީ އިންސާނީ ޙައްޤުތަކާބެހޭ ބައިނަލްއަޤްވާމީ މުޢާޙަދާ އެކުލަވާލިތާ 70 އަހަރު ފުރުމަށް ކަމަށްވާއިރު، 2018 ވަނަ އަހަރަކީ ދިވެހިންނަށްވެސް މުހިއްމު އަހަރެކެވެ. ދިވެހިރާއްޖޭގެ ޑިމޮކްރަސީ ނެތިކޮށްލަމުން އަންނަ ސަރުކާރު ބަދަލުކުރުމަށް ރައްޔިތުންނަށް އެންމެ ބޮޑު ފުރުޞަތުވެސް ލިބިގެންދާނެ އަހަރެވެ. އެހެންކަމުން ރައްޔިތުންގެ ސިޔާސީ ޙައްޤުތައް ހިމާޔަތްކުރުމާއި މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށް ކުރަން ޖެހުނު ކޮންމެ ކަމެއް ކުރުމުގައި އެމްޑީޕީން ސާބިތުކަމާއެކު ދެމިތިބޭނެ ކަމުގެ ޔަޤީންކަން އަރުވަމެވެ. މި ސަރުކާރުން އަރައިގަނެ ދިވެހިރާއްޖެ ފުންމިނަށް ގަންބާލާފައިވާ މި ޙާލަތުން ސަލާމަތް ކުރުމަށް މަސައްކަތް ކުރުމުގައި އެންމެ ފިޔަވަޅެއްވެސް ފަހަތަށް ނުޖެހި ހިތްވަރާއެކު އިސްލާޙީ މަސައްކަތުގައި ދެމި ތިބޭނެ ކަމުގެ ޔަޤީންކަން ދިވެހިރައްޔިތުންނަށް އަރުވަމެވެ.

10 ޑިސެމްބަރ 2017
ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއެޓް