ދިވެހިރާއްޖޭގައި މިހާރު ތަރައްޤީގެ ނަމުގައި ކުރާ ކޮންމެ ކަމަކުންވެސް ފެންނަނީ ވައްކަމާއި ކޮރަޕްޝަން ކަމުގައި ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ނައިބު ރައީސް މުޙައްމަދު ޝިފާޒު ވިދާޅުވެއްޖެއެވެ.
އިދިކޮޅު ސިޔާސީ ޕާޓީތަކުން ފ. މަގޫދޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޝިފާޒު ވިދާޅުވީ ސަރުކާރުގެ ކޮރަޕްޝަންގެ ވާހަކަތައް ދެއްކުމަށް މިހާރު ފަރިތަކަމަށާއި މިވާހަކަ ދައްކަފާނެތީ ޤާނޫނުތައް ހަދައި ބިރުދައްކަން މަސައްކަކުރިކަމަށާއި އެހެންނަމަވެސް އެ ބިރަކަށް ސިހުނު އެއްވެސް މީހަނު ނެތް ކަމަށެވެ. “ކެރިގެން މިތިބީ. ޢަބްދުﷲ ޔާމީން ކުރާ ވަައްކަމުގެ ވާހަކަ ދައްކާނަން” ޝިފާޒު ވިދާޅުވިއެވެ. ޢަބްދުﷲ ޔާމީން ރައްޔިތުން އިންތިޚާބުކޮށްފައިވަނީ ރައްޔިތުންގެ ބައިތުލްމާލުން ވައްކަން ކުރުމާއި ކޮރަޕްޝަން އާންމުކުރަން ނޫންކަމަށްވެސް ޝިފާޒު ވިދާޅުވިއެވެ.
ޢަބްދުﷲ ޔާމީން ވެރިކަމަށް ވަޑައިގަތުމަށްފަހު ކުރެއްވި ވައްކަމުގެ ވާހަކަ މުޅި ދުނިޔެއަށްވެސް އެނގޭ ކަމުގައި ޝިފާޒު ވިދާޅުވިއެވެ. އިސްލާޙްކުރެވުނު ޤާނޫނު އަސާސީއަށްފަހު ދިވެހިރާއްޖޭގައި ވެރިކަންކުރިކަމަށާއި އެ ތިން އަހަރުގައި ރައްޔިތުންނަށް ބޯހިޔާވަހިކަމާއި، ބޭސްފަރުވާއާއި ހެޔޮއަގުގައި ދަތުރުފަތުރު ކުރުމުގެ ނިޒާމެއް ފޯރުކޮށްދިން ކަމުގައި ޝިފާޒު ވިދާޅުވިއެވެ. އަދި އެ ދުވަސްވަރުގައި ކޮރަޕްޝަނާއި ވައްކަން ހިނގައިދިޔަނަމަ ޢަބްދުﷲ ޔާމީން އެކަންކަން ނުބައްލަވައި ނުހުންނަވާނެ ކަމުގައި ޝިފާޒު ވިދާޅުވިއެވެ.
ރައީސް ނަޝީދުގެ ވެރިކަމުގައި އެެންމެ ބާރަށް ދެއްކެވި ވާހަކައަކީ ހަރުކަށި ދީނީ ފިކުރު ރާއްޖޭގައި އަށަގަންނަމުން އަންނަ ކަމުގެ ވާހަކަ ކަމަށާއި އޭރު އެވާހަކަތަކަށް ބީރު ކަންފަތެއް ދިނުމުގެ ސަބަބުން މިއަދު އެކަން މިވަނީ ‘ސަލާމަތް ނުވެވޭ’ މިންވަރަށް އިތުރުވެފައިކަމުގައި ޝިފާޒު ވިދާޅުވިއެވެ. މިއަދު ސަރުކާރުގެ ވަޒީރުން މިވާހަކަތައްވެސް ދައްކަނީ ކަމުގެ ޙަޤީޤަތް ފޮރުވުމަށް ކަމުގައި ޝިފާޒު ވިދާޅުވީ. ޢަބްދުﷲ ޔާމީންގެ ސަރުކާރުގެ ޚާރިޖީ ސިޔާސަތަށް ވަރަށް ބޮޑަށޤ ފާޑު ވިދާޅުވަމުން “ރުޅިވަމުން ރުޅިވަމުން ގޮސް އަނގައިން ބުނެލާނެ” ޤައުމެއްވެސް މިހާރަކު ނެތް ކަމަށެވެ.
ޢަބްދުﷲ ޔާމީންގެ ސަރުކާރުގެ އިޤްތިޞާދަކީ ދިވެހިންގެ ތެރޭގައި އާންމުކޮށް ކުޅޭ ”އޮށްވަޅު ގޮނޑީގެ“ ސިޔާސަތު ކަމުގައި ސިފަ ކުރައްވައި ޝިފާޒު ވިދާޅުވީ ލޯނު ނަގަމުން ގޮސް މުޅި ރާއްޖެ މިވަނީ ވިކި، ދަރަނިވެފައި ކަމުގައިވެސް ޝިފާޒު ވިދާޅުވިއެވެ.