ބިލެއްދޫ އިބްރާހީމް ނާހިދު ކުއްލިގޮތަކަށް ނިޔާވުމުގެ ފުން ހިތާމާގައި އެމް.ޑީ.ޕީ ބައިވެރިވުން

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ވަފާތެރި އަދި ހިތްވަރު ގަދަ މެމްބަރެއްކަމުގައިވާ ފ. ބިލެއްދޫ އިބްރާހިމް ނާހިދު ކުއްލި ގޮތަކަށް ނިޔާވުމުގެ ފުން ހިތާމާގައި މި ޕާޓީން ބައިވެރިވަމެވެ.

އިބްރާހިމް ނާހިދު ނިޔާވެފައިވަނީ ހުކުރު ދުވަހުގެ ރޭ ފ. މަގޫދޫގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބޭއްވުމަށް ހަމަޖެހިފައިވާ ބޮޑު ޖަލްސާއަށް، ބިލެއްދޫއިން މަގޫދޫއަށް ފަތާފައި ދިޔަ ޓީމުގެ ޙަރަކާތުގައި ބައިވެރިވެލައްވައި، ފަތަން ފެށިތާ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި މެޔަށް އެރި ތަދަކާ ގުޅިގެން ރަށުގެ ޞިއްޙީ މަރުކަޒަށް ގެންގޮސް ފަރުވާ ދެމުންގެންދަނިކޮށެވެ.

އިބްރާހިމް ނާހިދަކީ ރާއްޖޭގެ ޑިމޮކްރަސީ އާއި އިޞްލާޙީ މަސައްކަތުގައި ވަރަށް އިޚްލާޞްތެރިކަމާއެކު ކެނޑިނޭޅި މަސައްކަތް ކުރައްވަމުން ގެންދެވި މި ޕާޓީގެ ހިތްވަރުގަދަ މެމްބަރެކެވެ. އަދި އޭނާގެ ތެދުވެރި މަސައްކަތަށް މި ޕާޓީން ފަޚުރުވެރިވަމެވެ.

އަލްމަރުޙޫމް އިބްރާހިމް ނާހިދުގެ ފުރާނައަށް މާތް ﷲ ރަޙުމަތްލައްވައި، ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރުކުރެއްވުމަށް ދުޢާކުރާހިނދު އެ މަރުޙޫމުގެ ޢާއިލާއަށް ކެތްތެރިކަން މިންވަރުކުރައްވާށިއެވެ. އާމީން!

ބަޔާން ނެރުނީ: އެމްޑީޕީ ސެކްރެޓޭރިއޭޓް
ތާރީޚް: 9 ޑިސެމްބަރ 2017