މިއަދު ހުކުރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައި ދުޢާ ކުރައްވަން ހުންނަވަނިކޮށް ޢަބްދުﷲ ޔާމީންގެ ސަރުކާރުން ފުލުހުން ފޮނުވައި ބޫޓާއެކު މިސްކިތަށް އަރައި ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަޙްމަދު މަޙްލޫފްގެ ބައްޕަ މުޙައްމަދު ހައްސާން ހައްޔަރުކުރި ކުރުން ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީން ކުށްވެރިކުރަމެވެ.
އަޙްމަދު މަޙްލޫފްގެ ބައްޕަ ދުޢާ ކުރައްވަން ހުންވަނިކޮށް މިއަދު ހައްޔަރުކުރި އިރު، އެހެން ފަހަރަކު ދުޢާ ކުރި މައްސަލައެއްގައި ބުރާސްފަތި ދުވަހުވެސް އޭނާ ވަނީ ފުލުހަށް ހާޒިރުކޮށްފައެވެ.
މިއީ ޢަބްދުﷲ ޔާމީންގެ ސަރުކާރު ހަމައިން ނެއްޓިފައިވާކަމާއި އަނިޔާވެރިކަން އިންތިހާއަށް ގޮަސްފައިވާކަމުގެ ހެއްކެކެެވެ.
ސަރުކާރުގެ އެންގުމަށް ފުލުހުން އަޙްމަދު މަޙްލޫފްގެ ބައްޕަ ޣައިރު ޤަނޫނީގޮތުން ހިފާ ހައްޔަރުކޮށް އޭނާއަށް ގޯނާ ކުރަމުން އެގެންދަނީ އަޙްމަދު މަޙްލޫފަށް ޖެއްސުންކޮށް އަނިޔާވެރިވުމުގެ ގޮތުންކަމަށް ދެކެމެވެ. އަދި މި ސަރުކާރަކީ ސިޔާސީ ފަރާތްތަކަށް އަނިޔާވެރިވުމުގެ އިތުރަށް އެމީހުންގެ މައިންބަފައިންނާއި ޢައިލާގެ ފަހަތުންވެސް ދުވަމުންދާ އެންމެ ދަށުދަރަޖައިގެ ސަރުކާރެކެވެ.
މިއަދުގެ ހުކުރު ޚުތުބާގައި އިޒްރޭލްގެ އަނިޔާވެރިކަމާއި ޤުދުސްގެ ވާހަކަ ދުލުން ދެއްކުމަށްފަހު، ދެން މިފެންނަނީ މިސްކިތުގައި ދުޢާކުރަން ހުންނަ ރައްޔިތު މީހާ ދެ އަތުން ހައްޔަރުކޮށްގެން އަނިޔާވެރިކަމާއެކު ގެންދާތަނެވެ.
އިސްލާމީ އުސޫލުތަކާއި ދުނިޔޭގެ ހަމަތަކާ އިންސާފު ނެތިކޮށްލައި، މި ޤައުމުގައި ޢަބްދުﷲ ޔާމީންގެ ސަރުކާރުން ހިންގަމުންގެންދާ ޖަރީމާތައް ވަގުތުން ހުއްޓާލުމަށް އެމްޑީޕީން ގޮވާލަމެވެ. އަދި އަޙްމަދު މަޙްލޫގެ ބައްޕަ ވަގުތުން މިނިވަން ކުރުމަށް ގޮވާލަމެވެ.