ކުރެންދޫ ބަނދަރުގެ މަސައްކަތްތަކާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކޮށް އެމްޑީޕީ ކުރެންދޫ ދާއިރާއިން ނެރޭ ނޫސް ބަޔާން

ފާދިއްޕޮޅު ކުރެންދޫ ބަނދަރު ތަރައްގީ ކުރުން ދިގުލާ، ބަނދަރުގެ މަސައްކަތް ނިމި ހަވާލުކުރުމަށް ތައްޔާރުވަމުންދާއިރު، ބަނދަރު ތަރައްޤީކުރުމުގައި ބޮޑެތި މައްސަލަތް ހުރިކަން ފާހަގަކޮށް، އެކަންކަން ޙައްލުނުކޮށް ބަނދަރުގެ މަސައްކަތް ނިންމާނުލުމަށާއި، ބަނދަރު ހަވާލުނުކުރުމަށް ސަރުކާރުގެ އެންމެހައި ފަރާތްތަކަށް އެމްޑީޕީ ކުރެންދޫ ދާއިރާއިން ގޮވާލަމެވެ.

ފާދިއްޕޮޅު ކުރެންދޫއަކީ ކާށިދޫ މާކަނޑުގެ އިދަމަތީ އެއްވެސް ރަށެއް، ފަރެއް، ފަޅެއް، ހިރިއެއްގެ ނިވާކަމެއްނެތި ގުދުރަތީ ގޮތުން އުފެދިފައިވާ 2000 އަށް ވުރެ ބޮޑު އާބާދީއެއް ދިރިއުޅޭ 17 ހެކްޓަރުގެ ޖަޒީރާއެކެވެ.

ކުރެންދޫ ބަނދަރު ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ފައްޓާފައި ވަނީ 2010 ވަނައަހަރު އެމްޑީޕީގެ ސަރުކާރުންނެވެ. ކޮންޓްރެކްޓާ ފައިނޭންސްގެ އުސޫލުން ޕްރޮޖެކް ހަވާލުކުރެވިފައިވަނީ ނެރު ފައިކައްޓާ ބޭރު ކަނޑުތޮށި އަދި ރަށުގެ އިރުއުތުރުކަނާ، އުތުރުފަރާތުގައި ބޮޑުހިލައިން ރިވެޓްމަންޓްޖަހާ ރަށް ހިމާޔަތް ކުރާ ގޮތަށެވެ.

މިމަސައްކަތަށް ދާނެ ކަމަށް އޭރު އަންދާޒާ ކޮށްފައިވަނީ ގާތްގަނޑަކަށް 32000 މެކްރިކްޓަން ބޮޑުހިލަކަން ފާހަގަކޮށްލެވެއެވެ. އެހެންނަމަވެސް، މި މަޝްރޫޢަށް ބޭނުންވާ މިންވަރަށް ބޮޑު ހިލަ ގެނެސްފައިނުވާކައި ބަނދަރާއި ބޭރު ތޮށީގެ މަސައްކަތް ފުރިހަމަނޫންކަން ފާހަގަކުރަމެވެ. މިކަމުގެ ސަބަބުން މި ރަށަށް ޒަމާނުއްސުރެ ކުރިމަތިވަމުން އަނަން ރަށްގިރުމާއި ރާޅު އެރުންފަދަ ކަންކަމަށް ހައްލު ލިބޭނެކަމަށް ޤަބޫލެއް ނުކުރެވެއެވެ.

ކުރެންދޫއަކީ އުފެދިފައިވާ ތަނުގެ ގޮތުން ތިމާވެށީގެ މައްސަލަތައް ގިނަ ރަށްގިރުން ބޮޑު ރަށަކަށް ވުމުން އޭރު މަސްރޫއު ރޭވިފައި ވަނީ ކުރެންދޫ ބަނދަރުގައި ވެލި ސިމެންތި ގޯނި ޖަހައިގެން ލާފައިވާ ބޭރު ކަނޑު ތޮށި އެއްކޮށް ނަގާ، އެމެޓީރިއަލް ބޭނުން ކޮށްގެން ކުރެންދޫގެ ދެކުނު ފަރާތް ހިމާއަތް ކުރާ ގޮތަށްކަން ދާއިރާގެ ފަރާތުން ފާހަގަ ކުރެމެވެ.

2012 ވަނަ އަހަރު ސަރުކާރު ބަދަލުވުމާއި ގުޅިގެން ކުރެންދޫ ބަނދަރުގެ މަސައްކަތް މެނދުކެނޑުމަށްފަހު އެއަހަރުގެ ފަހުކޮޅު ކުރިން ވެސް ކުރެންދޫ ބަނދަރުގެ މަޝްރޫއު ރޭވިފައިވާގޮތައް ކުރިއަށް ގެންދިއުމުގެ މަސައްކަތް އެމްޓީސީސީއާ ސަރުކާރުން ހަވާލުކޮށްފައި ވެއެވެ. ކުރެންދޫ ބަނަދަރު ހެދުމުގެ މަސައްކަތް އެމްޓީސީސީގެ ފަރާތުން ކުރެންދޫގައި ކުރިއަށް ގެންދާތީ 2014 ވަނަ އަހަރު ކުރެންދޫ އިރުދެކުނު ފަރާތުގައި އޮތް ފުޓްބޯޅަ ދަނޑާދިމާލުން، އާދައާ ޚިލާފް ބާރުމިނުގައި ގިރައި ފުޓްބޯޅަ ދަނޑު ގިރާލާފާނެ ކަމުގެ ބިރު އޮތުމާއެކު، ކުޅިވާރާ ބެހޭ މިނިސްޓްރީއާ ތިމާވެއްޓާ ބެހޭ މިނިސްޓްރީން ސަމާލުކަމަށް މިކަން ގެނެވިގެން ފުޓްބޯޅަ ދަނޑާއި އަދި ކުރެންދޫގެ އިރުދެކުނު ފަރާތް ސަލާމަތް ކުރުމަށްޓަކައި މަޝްރޫއެއް ރާވައި، ބަޖެޓްކޮށް އެމަސައްކަތައް 4000 މެކްރިކްޓަންގެ ބޮޑުހިލައިން އެފަރާތުގައި ރިވެޓްމަންޓު ޖަހާ، ވެލިއަޅާ ފުޓްބޯޅަ ދަނޑު ހިމާއަތްކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާކަން ކުރެންދޫ ދާއިރާއިން ފާހަގަ ކުރަމެވެ.

މި ދެންނެވުނު ދެ މަޝްރޫއު ހިންގުމަށްޓަކައި ތަފާސްހިސާބު ތަކުން ދައްކާގޮތުގައި މި ދެ ޕްރެޖެކްޓަށް ގެންނަންޖެހޭ ބޮޑުހިލާގެ އަދަދަކީ ގާތް ގަޑަކަށް 36000 މެޓްރިކް ޓަނެވެ. ނަމަވެސް ކުރެންދޫއަށް އެމްޓީސީސީއިން ގެނެސްފައި ވަނީ 4000 ނުވަތަ 3000 މެޓްރިކްޓަން ކަމަށް ބުނާ ހަތް ބާޖުގެ ހިލައެވެ. މި ހިލަ ވޭބުރިޖް ކުރުމަށްޓަކައި، ވޭބުރިޖެއް ކުރެންދޫއަށް މޮބަލައިޒް ކޮށްފައި އޮތް ނަމަވެސް، ބޮޑު ހިލަ ސްކޭލް ކުރުމަށް ވޭބުރިޖް ބޭނުން ކޮށްފައި ނުވާތީ މަސްރޫއަށް ކަނޑައެޅިފައިވާ އަދަދަށް ކުރެންދޫއަށް ބޮޑުހިލަ ގެނެސްފައި ނުވާކަން ފާހަގަ ކުރަމެވެ.

ކުރެންދޫގެ ބަނދަރާއި އަދި އިރުތުރުކަނާއި، އުތުރު ފަރާތުގެ ރިވެޓްމަންޓާއި އަދި އިރު ދެކުނު ފަރާތުގެ ރިވެޓްމެންޓް ޖެހުމަށް ބޭނުންވާ ބޮޑުހިލައިން މަދުވާބައި ފޫބެއްދުމަށް ޓަކައި އެމްޓީސީސީއިން މިމަސައްކަތް ކޮށްފައި ވަނީ ކުރެންދޫގެ ކަނޑު ތޮށީގައި ވެލި ސިމެންތި ގޯނި ޖަހާގެން ކުރިން ލާފައިވާ ތޮށީގެ މެޓީރިއަލް ނައިގައި ސާފުކޮށް ރަށުގެ ދެކުނުފަރާތަށް ގެންދިއުމުގެ ބަދަލުގައި އެތޮށި ތަޅާ ފުޑުކޮށް އެ މެޓީރިއަލް މަތީ ގައި މިހާރުއޮތް ބޮޑުހިލާގެ ތޮށި ޖަހާފައިވާކަން ފާހަގަ ކުރަމެވެ. ހަމައެއާއެކު މިހާރު ލާފައި އޮތް ބޮޑު ހިލާގެ މެދުތެރެއަށް ވެސް ކުރިން އޮތް ވެލި ސިމެންތި ބަސްތާ ތޮށީގެ މެޓީރިއަލް ލާފައިވާކަން ފާހަގަ ކުރަމެވެ. އަދި ކަނޑު ތޮށި ޖަހާފައި ވަނީ ވެސް ކުރެންދޫ ކަހަލަ އިދަމަތި ރަށެއްގައި ހުންނަން ޖެހޭ ހުސްމިނަށްވުރެ ދެ ފޫޓް ތިރިކޮށްކަން ވެސް އެމްޑީޕީ ކުރެންދޫ ދާއިރާގެ ފަރާތުން ފާހަގަ ކުރަމެވެ.

ކުރެންދޫ ބަނދަރަކީ ކުރިން ވެސް ދެންނެވުނު ފަދައިން މާ ކަނޑެއްގެ އިދަ މަތީގައި ތަރައްގީ ކުރެވިފައިވާ ބަނދަރަކަށް ވުމުން ބަނދަރުގެ ކަނޑު ތޮށި ތިރިވުމުން ބަނދަރު ބޭނުންކުރާ އުޅަދާއި މީހުނަށް ބަނދަރުން ލިބެންޖެހޭނެ ހިމާޔަތާއި ރައްކާތެރިކަން ބައެއް މޫސުމުގައި ނުލިބުމުގެ ބިރު އޮތްކަން ފާހަގަ ކުރުމާއެކު ބަނދަރުގެ ތޮށި ޖަހާފައި ވަނީ ކުރިން ވެސް އޮތް ބަސްތާ ތޮށިގެ މެޓީރިއަލް މަތީގައި ކަމަށް ވުމާއެކު ދަށުން ވެލި ދެމި ތޮށި އެކިދިމަދިމާލުން ގަނބައިގަނެ، ބަނދަރު ތެރެއަށް ވެއްޓި، ބަނދަރުގެ ބޭނުން ކައިރި މުސްތަގުބަލެއްގައި ކެނޑިދާނެ ކަމުގެ ބިރު އޮތުމާއެކު މިއެންމެހާ ކަންކަން ސަރުކާރާއި ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނެސް، މިކަން ކަން ރަނގަޅު ކުރުމަށްފަހު ގައި މެނުވީ ކުރެންދޫގެ ބަނދަރު ހަވާލު ނުކުރުމަށާއި އަދި ބަނދަރާއި ހަވާލުނުވުމަށް އެމްޑީޕީގެ ކުރެންދޫގެ ދާއިރާއިން ވަރަށް އަދަބު ވެރިކަމާއެކު ގޮވާލަމެވެ.