ވަކި ޤައުމަކަށް ބަރޯސާވުމުން ދިވެހިރާއްޖެއަށް ގެއްލުންވާނެ – ހިތަދޫ އުތުރުދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް

ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު މިނިވަން ވިޔަފާރީގެ ގުޅުން ޤާއިމުކުރުމާމެދު ވާހަކަ ދައްކަވަމުން ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް ވިދާޅުވީ ވަކި ޤައުމަކަށް ބަރޯސާވާގޮތަށް ވިޔަފާރީގެ ގުޅުން އުފެއްދުމުން ދިވެހިރާއްޖެއަށް ލިބޭނީ ގެއްލުން ކަމުގައެވެ.

އާދީއްތަދުވަހުގެރޭ އެމްޑީޕީ ހަރުގޭގައި އޮތް ޖަލްސާގައި ވާހަކަދައްކަވަމުން އަސްލަމް ވިދާޅުވީ ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތު ޒަމާނުއްސުރެވެސް ބިނާކޮށްފައިވަނީ ވަކިއަތަކަށް ބުރަނުވެ ކަމަށާއި އެ އުސޫލުތައް މިހާރު ބަދަކުރުމަކީ ކަންބޮޑުވާކަމެއް ކަމުގައެެ. ޗައިނާއާއެކު މިނިވަން ވިޔަފާރީގެ ގުޅުން އުފައްދާއިރު، އިންޑިޔާ ކަނޑުގެ ސަލާމަތްތެރިކަމާއި، ހަމަޖެހުން ހިފެހެއްޓުމަކީ ދިވެހިންގެ އެންމެ އިސް އެއް ވާޖިބު ކަމަށާއި އެއީ ޤައުމީ މަސްލަހަތެއް ކަމުގައި އަސްލަމް ފާހަގަ ކުރެއްވިއެވެ.

ޗައިނާ ފަދަ ބޮޑު ޤައުމަކާއެކު މިނިވަން ވިޔަފާރީގެ ގުޅުން ޤާއިމުކުރާއިރު އެކަމުގެ އަސަރު އެންމެ ބޮޑަށް ކުރާނީ ދިވެހި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ކަމުގައި އަސްލަމް ވިދާޅުވިއެވެ. ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަކީ އިޤްތިޞާދުގެ އިންޖީނުކަމުގައި ވިދާޅުވެ، މިފަދަ ވިޔަފާރިތަކާއެކު ޗައިނާގެ ކުންފުނިތަކަށް ފައިދާ ބޮޑުވާނެ ކަމަށާއި ދިވެހި ވިޔަފާރިތަކަށް ގޮންޖެހުންތައް ބޮޑުވާނެކަމުގައި ފާހަގަ ކުރެއްވިއެވެ.

އަސްލަމް ވިދާޅުވީ މިނިވަން ވިޔަފާރީގެ އެއްބަސްވުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ފާސްވެގެންދިޔައީ އުސޫލުތަކާ ޚިލާފަށް ކަމަށެވެ. މަޖިލީހުގެ މި ދައުރުގެ އެންމެ ފަހު ޖަލްސާގައި ރަސްމީ ގަޑި ނިމުނު ފަހުން އެސްއެމްއެސްއަކުން މަޖިލީހުގެ ޖަލްސާ އޮންނާނެކަމަށް ބުނެ، ސިއްރުން އެކަންކޮށް ނިންމާލީކަމުގައެވެ. ރައްޔިތުންގެ މަންދޫބުންނާއި ރައްޔިތުންގެ އެއްވެސް ބަހެއް މި ކަމުގައި ޝާމިލް ނުވާ ގޮތަށް އެއްބަސްވުން ފާސްކުރުމަށް ނިންމުމާމެދި އަސްލަމް ކަންބޮޑުވުން ފާޅުކުރެއްވިއެވެ. އަދި މިފަދަ ކަންކަމުން ހާމަވަނީ ރައީސް ޔާމީނަކީ ޚުދުމުހުތާރު ވެރިއެއް ކަމުގައި އަސްލަމް ވިދާޅުވިއެވެ.