ހިޔާ މަޝްރޫޢު ތަރައްޤީކުރުމުގެ ތަޖުރިބާއާއި މާލީ ޤާބިލްކަން ސަރުކާރުގެ ކުންފުނިތަކުގައި ނެތް – ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު މުޙައްމަދު ޢަބްދުލް ކަރީމް

ހުޅުމާލޭގައި ތަރައްޤީކުރުމަށް ސަރުކާރުން އިއުލާންކޮށްފައިވާ ހިޔާ މަޝްރޫޢު ސަރުކާރުގެ އެކިއެކި ކުންފުނިތަކާ ހަވާުލުކޮށް ތަރައްޤީކުރުމަށް ނިންމާފައިވީނަަމަވެސް އެ އިމާރާތްތައް ތަރައްޤީކުރުމުގެ ތަޖުރިބާ އެ ކުންފުނިތަކުގައި ނެތްކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރުނ މުޙައްމަދު ޢަބްދުލް ކަރީމް ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ބުރާސްފަތިދުވަހުގެރޭ ވާހަކަ ދައްކަވަމުން މުޙައްމަދު ޢަބްދުލް ކަރީމް ވިދާޅުވީ އެ ކުންފުނިތަކަކީ މިހާރުވެސް ލޯންތައް ނަގައި، އެ ލޯންތައް އަދާކުުރުމަށް ދަތިވެފައިވާ ކުންފުނިތައްކަން 2018 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުގެ ތަފްޞީލްތަކުން ހާމަވާ ކަމުގައެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މާލީ ޙާލަތު އެތައް ގުނައަކުން ދަށްވެފައިވާއިރު، މިފަދަ ޕްރޮޖްކްޓުތައް ތަރައްޤީކުރުމުގެ އެއްވެސް ތަޖުރިބާއެއް ނެތް ކުންފުނިތައް މެދުވެރިކޮށް މިވަރުގެ ބޮޑު މަޝްރޫޢެއް ތަރައްޤީކުރުމަށް ނިންމާފައިވުމުން ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު ފެއިލްވެފައިވާކަން ހާމަވާކަމުގައި މުޙައްމަދު އަބްދުލް ކަރީމް ވިދާޅުވިއެވެ. މިސާލެއްގެ ގޮތުން ސްޓެލްކޯ ދާދިފަހުން އެކުންފުނި ދަރަނިވެރިވެފައިވާކަމަށް އިއުލާންކޮށްފައިވާއިރު، ގަޑިން ގަޑިޔަށް ކަރަންޓު ނުދެވޭ ދައުލަތުގެ އެންމެ މުހިއްމު އެއް ކުންފުންޏަށް ބޮޑު ހައުސިން ޕްރޮޖެކެޓެއް ނިންމާލެވޭނެ ކަމާމެދު އެމަނިކުފާނު ސުވާުލު އުފެއްދެވިއެވެ.

ފާއިތުވީ 4 އަހަރުތެރޭ ބޭރުގެ އެއްވެސް ކުންފުންޏަކުން މި ސަރުކާރުން ހުށަހެޅި އެއްވެސް ބޯހިޔާވަހިކަމުގެ ޕްރޮޖެކެޓެއް ފަށާފައިނުވާއިރު، އެމްޑީޕީ ސަރުކާރުގެ ކުރު 3 އަހަރުތެރޭ ކޮންޓްރެކްޓް ކުރެވުނު 8000 އަށްވުރެ ގިނަ ހައުސިން ޔުނިޓްތަކުގެ ޕްރޮޖެކްޓްތައްވެސް މި ސަރުކާރަށް ނިންމިފައިނުވާކަން މުޙައްމަދު ޢަބްދުލް ކަރީމް ފާހަގަ ކުރެއްވިއެވެ. ހުޅުމަލޭގައިވެސް ފެށުމަށް ނިންމުނު ޕްރޮޖެކްޓްތައް އެކިއެކި މައްސަލަތައް ކުރިމަތިވެ، އާ އެއްވެސް ކަމެއް މިސަރުކާރުން ފަށާފައިނުވާކަމުގައި ވިދާޅުވެ، ސަރުކާރުގެ ބޯހިޔާވަހިކަމުގެ ވައުދު ފެއިލްވެފައިވާ ކަމުގައި މުޙައްމަދު ޢަބްދުލް ކަރީމް ވިދާޅުވިއެވެ.

މިފަދަ ބޮޑު ޕްރޮޖެކްޓަަކަށް ފައިސާ ހޯދާނެ ގޮތްތަކާމެދު ވާހަކަ ދައްކަވަމުން މުޙައްމަދު ޢަބްދުލްކަރީމް ވިދާޅުވީ ރާއްޖޭގެ ދަރަނީގެ މިންވަރަށާއި، މާލީ އަދި އިޤްތިޞާދީ ޙާލަތަށް ވިސްނައި ރާއްޖެއިން ބޭރުން މި ޕްރޮޖެކްޓަށް ލޯނު ދޫކުރާނެ ފަރާތެއް ނެތް ކަމުގައެވެ. ރާއްޖޭގެ ބޭންކުތަކުން ލޯނު ދޫކުރާނަމަ، އާންމު ރައްޔިތުންނަށް ލޯނު ދޫކުރުމަށް ހުރަސް އެޅޭނެ ކަމުގައިވެސް ވިދާޅުވިއެވެ.
ކުރިއަށް އޮތް 8 މަސްދުވަހުގެ ތެރޭގައި 15000 ހައުސިން ޔުނިޓު އެޅޭނެ ކަމުގެ އެއްވެސް ޔަޤީންކަމެއް ނެތްތަކަމަށާއި، މިއީ ކުރިއަށް އޮތް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައްޔިތުންނަށް އޮޅުވާލުމަށް ދައްކާ ދޮގު ވާހަކަތަކެއް ކަމުގައިވެސް މުޙައްމަދު ޢަބްދުލް ކަރީމް ވިދާޅުވިއެވެ.