ދިވެހި ރައްޔިތުން މިއަދު ބޭނުންވަނީ ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ފަޅުކޮށްގެން ތަރައްޤީ ހޯދަން ނޫންކަމަށާއި، ރާއްޖޭގެ ރައްޔިތުން މިއަދު އެދެނީ ލާމަރުކަޒީ އުސޫލުން ރާއްޖެ ތަރައްޤީކުރުމަށް ކަމަށް އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އަލީ ނިޔާޒު ވިދާޅުވެއްޖެއެވެ.
ހޯމަދުވަހުގެ ރޭ ސިޔާސީ ޕާޓީތަކުގެ ފަރާތުން އެމްޑީޕީ ހަރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަލީ ނިޔާޒު ވިދާޅުވީ ނިމިގެންދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އެމްޑީޕީ އަދި ވާދަވެރި ސިޔާސީ ޕާޓީތަކުން ކެމްޕޭންކުރީ ލާަމަރުކަޒީ ނިޒާމް ބާރުވެރުކުރުވުމަށެވެ. އަދި ސަރުކާރުގެ މަރުކަޒީ ސިޔާސަތުތަކަށް ރައްޔިތުން ތާއީދުނުކުރާކަން ކައުންސިލް އިންތިޚާބުގައި ފެނިގެން ދިޔަކަމެވެ. އަދި ރައްޔިތުން އެދެނީ ލާމަރުކަޒީ އުސޫލުން ރާއްޖެ ތަރައްޤީކުރުމަށްކަން ސާފުކޮށް އެނގިގެން ދިޔަކެމެވެ.
ރާއްޖޭގެ ބޭރުގެ ދަރަނި ބޮޑުވެ، ވަކިން ޙާއްސަކޮށް ދަރަނީގެ ބޮޑު މިންވަރެއް ވަކި ޤައުމަކަށް ނިސްބަތްވުމާ ގުޅިގެން އަލީ ނިޔާޒު ކަންބޮޑުވުން ފާޅުކުރެއްވިއެވެ. ދަރަނި ބޮޑުވެ، އަކަމާ ވާކަދައްކަވަމުން އަލީ ނިޔާޒު ވިދާޅުވީ ‘މިއީ ޤައުމު ދަރަނިކުރުމުގެ ތާޖު އަޅުއްވައިގެން އެކަން އެއީ މޮޅު ކަމެއް ކަމުގައި ދައްކައި އެކަން އެއީ ޒުވާނުންނަށް އޮތް ރަނގަޅު ކަމެއްގެ ގޮތުގައި ދައްކައި ވަލިއްޔުލް އަމްރު ވިދާޅުވާ ދުވަސްވަރު” ކަމުގައެވެ.
ދައުލަތުން ތަރައްޤީގެ ނަމުގައި ނަގަމުންދާ ލޯންތަކަކީ ވިޔަފާރީގެ އުސޫލުން ނަގާ ލޯންކަމަށާއި އެއީ ރަނގަޅު އުސޫލެއް ނޫން ކަމުގައި އަލީ ނިޔާޒު ވިދާޅުވިއެވެ. ތަރައްޤީޤެ މަޝްރޫޢުތައް ކަމަށް ބުނެ ވިޔަފާރީގެ އުސޫލުން %13-12 ގެ އިންޓަރެސްޓުގެ ލޯނު ނަގައި އަނބުރާ ލޯނު ދައްކަން ޖެހޭ މުއްދަތުވެސް ކުރުވުމަކީ ރަނގަޅު ކަމެއް ނޫން ކަމުގައި ވިދާޅުވިއެވެ. އަލީ ނިޔާޒު ވިދާޅުވީ މިގޮތަށް ލޯނު ނެގުމުން ބަޖެޓުގެ %30 ހޭދަވަނީ ލޯނުގެ އިންޓަރެސްޓް އަދާކުރުމަށް ކަމުގައެވެ.
އަގުބޮޑުކޮށް ލޯނު ނަގައިގެން ސަރުކާރުން ކުރަމުންގެންދާ ކަމަކީ މާލެ ތޮއްޖެއްސުން ކަމަށާއި އެއީ ރައްޔިތުން އެދޭ ގޮތް ނޫން ކަމުގައި ވެސް ޢަލީ ނިޔާޒު ފާހަގަ ކުރެއްވިއެވެ.