އޮނަރަބަލް ޤާސިމް އިބްރާހީމްގެ ވިޔަފާރިތައް ހަލާކުކޮށް ބަނގުރޫޓުކޮށްލުމަށް ޢަބްދުﷲ ޔާމީންުގެ ސަރުކާރުން ކުރަމުންގެންދާ މަސައްކަތް ކުށްވެރިކުރުން

ޖުމްހޫރީ ޕާޓީގެ ލީޑަރު އޮނަރަަބަލް ޤާސިމް އިބްރާހީމަށް ޢަބްދުﷲ ޔާމީންގެ ސަރުކާރުން ދެމުންގެންދާ އަނިޔާތަކާއި ކުރަމުންދާ ފުރައްސާރައިގެ ތެރެއިން އެމަނިކުފާނުގެ ވިޔަފާރިތައް ހަލާކުކޮށްލައި ބަނގުރޫޓުކޮށްލުމަށް މަސައްކަތްކުރަމުން ގެންދާތީ އެކަން ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީން އެންމެ ހަރު އަޑުން ކުށްވެރިކުރަމެވެ.

ޤާނޫނު އަސާސީއާއި ޤާނޫނުތަކާ ޚިލާފަށް އެމަނިކުފާނުގެ މައްޗަށް ދަޢުވާކޮށް، ޖަލަށް ޙުކުމްކުރުމުގެ އިތުރުން އެމަނިކުފާނުގެ ވިޔަފާރީގެ މުޢަމަލާތްތައް، ޤާނޫނުތަކާއި އެއްބަސްވުންތަކާ ޚިލާފަށް ޢަބްދުﷲ ޔާމީންގެ ސަރުކާރުން ރޫޅާލައި، މުދާތައް އަތުލައި އެތައް މިލިއަން ޑޮލަރުން ޖޫރިމަނާކޮށް އެމަނިކުފާނުގެ ވިޔަފާރިތައް ބަނގުރޫޓުކޮށްލުމުގައި ކެނޑިނޭޅި މަސައްކަތްކުރަމުންދާކަން ކަންބޮޑުވުމާއެކު ފާހަގަ ކުރަމެވެ.

އޮނަރަބަލް ޤާސިމް އިބްރާހީމަށް ޢަބްދުﷲ ޔާމީންުގެ ސަރުކާރުން މިފަދަ ނުޙައްޤު އަދަބުތަކާއި އަނިޔާތައް ދެމުންގެންދަނީ މި ސަރުކާރުން ރައްޔިތުންނަށާއި މި ޤައުމަށް ދެމުންގެންދާ ބޮޑެތި ގެއްލުންތަކާ ދެކޮޅަށް އެމަނިކުފާނު މަސައްކަތް ކުރައްވާން ފެއްޓެވުމާ ގުޅިގެންނެވެ. ހަމައެފަދައިން މިއީ އިދިކޮޅު ސިޔާސީ ލީޑަރުން ނެތިކޮށްލުމަށް ޢަބްދުﷲ ޔާމީންގެ ސަރުކާރުން ތަކުރާރުކޮށް ކުރަމުންގެންދާ މަސައްކަތުގެ ތެރެއިން ހިންގާ ޖަރީމާއެކެވެ.

އޮނަރަބަލް ޤާސިމް އިބްރާހީމްގެ ވިޔަފާރިތައް ހަލާކުކޮށް ބަނގުރޫޓްކޮށްލުމަށް ޢަބްދުﷲ ޔާމީންގެ ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ވަގުތުން ހުއްޓާލުމަށް މި ޕާޓީން ސަރުކާރުގެ ހުރިހާ ފަރާތްތަކަށް ގޮވާލަމެވެ. ޤާނޫނުތަކާއި ވެފައިވާ އެއްބަސްވުންތަކުގައިވާ ގޮތްތަކާ ޚިލާފަށް މިގޮތަށް އެކިއެކި ވިޔަފާރި
ވެރިންގެ އަތުން އަތުލެވޭ ތަންތަނާއި ނެގޭ ޖޫރިމަނާތައް، އަބްދުﷲ ޔާމީންުގެ ސަރުކާރު ނިމުމަކަށް ގެނައުމަށް ފަހު އުފައްދާ ސަރުކާރެއްގައި އަލުން ރުޖޫޢަ ކުރެވިގެންދާނެ ކަމުގެ ޔަގީންކަން އަރުވަމެވެ.

ބަޔާން ނެރުނީ: އެމްޑީޕީ ސެކެޓޭރިއެޓް