ތުޅާދޫގެ އެމް.ޑީ.ޕީގެ މެމްބަރުންގެ އަގުބޮޑު މުދަލަށް ބަޔަކު ގަސްދުގައި ގެއްލުންދީ، ލޫޓުވި މައްސަލަ ކުށްވެރިކުރުން

ބ.ތުޅާދޫ “ފޯ ފިފްޓީ” ކިޔާ ސަރަޙައްދުގައި ހުންނަ މަރުކަޒުގައި ހުކުރުދުވަހުގެ ރޭ އެރަށުގެ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) ގެ މެމްބަރުން އިންތިޒާމުކޮށްގެން ބޭއްވި ސިޔާސީ ޙަރަކާތަކަށްފަހު އެތަނުގައި ބަހައްޓާފައި ހުރި މި ޕާރޓީގެ މެމްބަރުންގެ އަގުބޮޑު މުދަލަށް ބަޔަކު ގަސްދުގައި ގެއްލުންދީ، ލޫޓުވާފައިވާތީ އެކަން މި ޕާރޓީން އެންމެ ހަރުއަޑުން ކުށްވެރިކުރަމެވެ.

މިދެންނެވި ގޮތުން ގެއްލުންދީފައިވާ ތަކެތީގެ ތެރޭގައި އެތަނުގައި ބަހައްޓާފައި ހުރި ޓީވީ އެއްކޮށް ތަޅާލުމަށްފަހު އެއްލައިލާފައިވެއެވެ. އަދި ޕްރޮޖެކްޓަރު އަޅުވާ ސްކޮރީން ފަޅާލައި، ގޮނޑިތަކަށް ކަޅުތެޔޮ ޖަހައި، އެމް.ޑީ.ޕީގެ ދިދަތައް ހަލާކުކޮށްލައި އަދި ލައުޑް ސްޕީކަރުތައް މޫދަށް އުކާލާފައިވެއެވެ. މި ތަކެއްޗަކީ އެމް.ޑީ.ޕީގެ ސިޔާސީ ޙަރަކާތްތައް ހިންގުމަށް ދުޅާދޫގެ އެމް.ޑީ.ޕީގެ މެމްބަރުންގެ އަމިއްލަ ޚަރަދުގައި ހޯދާފައިވާ ތަކެއްޗެވެ.

މި ނާތަހުޒީބު ޢަމަލުހިންގާފައިވަނީ ޢަބްދުﷲ ޔާމިނުގެ ސަރުކާރުން ވާގިވެރިވެގެން ސަރުކާރު ހިންގާ ޕާރޓީއަށް ނިސްބަތްވާ ފަރާތްތަކުންކަމަށް ޤަބޫލުކުރެވެއެވެ. އަދި މިކަމަކީ އެމް.ޑީ.ޕީގެ ސިޔާސީ ޙަރަކާތްތައް ހުއްޓުވުމުގެ ބޭނުމުގައި ހިންގި ޢަމަލެއްކަމަށް ދެކެމެވެ.

އެކިގޮތްގޮތުން ރައްޔިތުންނަށް މަޖުބޫރުކުރުވައި، ބިރުދައްކައިގެން ވެސް ސަރުކާރަށް ރައްޔިތުންގެ ތާޢީދާއި ލޯބި ހޯދިފައިނުވުމުން، ސަރުކާރަށް ނިސްބަތްވާ ފަރާތްތަކުން މިހާރު މަސައްކަތްކުރަނީ މި ފަދަ ނާތަހުޒީބީ ހަމަލާތައް ކުރިމަތިކުރުވައި މި ޕާރޓީ ފަހަތަށްޖެއްސުމަށެވެ. މިގޮތަށް މިފަދަ ހަމަލާތައް ކުރިމަތިކުރުވާއިރު، ފުލުހުންނާއި، ކޯޓުތަކާއި، އިލެކްޝަންސް ކޮމިޝަން ފަދަ ދައުލަތުގެ މުވައްސަސާތަކުން ވެސް ގެންދަނީ މި ޕާރޓީންނާއި އިދިކޮޅު ސިޔާސީ ފަރާތްތަކުން ހިންގަމުންދާ ސިޔާސީ ހަރަކާތްތަކަށް ތަކުރާރުކޮށް ހުރަސްއަޅަމުންކަން ފާހަގަކުރަމެވެ.

ނަމަވެސް މި ޕާރޓީގެ މެމްބަރުންނަކީ ފަހަތަށް ޖެހޭނޭ ބައެއް ނޫންކަމާއި ހިތްމަތާއެކު މަސައްކަތްކޮށްގެން ކާމިޔާބު ހޯދާ ބައެއްކަން ކުރިން ވެސް ވާނީ ސާބިތުކޮށްދީފައެވެ. މިގޮތުން އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލު އިންތިޚާބުގައި ވެސް ދުޅާދޫއިން އެންމެ ގޮނޑި އެއްވެސް ސަރުކާރަށް ނުލިބި، އެމް.ޑީ.ޕީ ހުރިހާ ގޮނޑިތަކެއް ކާމިޔަބު ކުރުމުގެ އިތުރަށް ރާއްޖޭގެ އެހެން ގިނަ ދާއިރާތަކުން ވެސް އެމް.ޑީ.ޕީ އިން ބޮޑުތަނުން ސަރުކާރު ބަލިކޮށްފައިވެއެވެ.

ދުޅާދޫގައި އެމް.ޑީ.ޕީގެ ޙަރަކާތްތައް ހިންގުމަށް ބޭނުންކުރާ އަގުބޮޑު މުދަލަށް ހުކުރުދުވަހުގެ ރޭ ބަޔަކު ގަސްދުގައި ގެއްލުންދީ، ލޫޓުވި މައްސަލައިގެ ފުރިހަމަ ތަޙްޤީޤެއް ހިންގައި، އެ ނާތަހުޒީބު ޢަމަލު ހިންގި ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅުއެޅުމަށް މޯލްޑިވްސް ޕޮލިސް ސަރވިސަށާއި ދައުލަތުގެ ކަމާބެހޭ އެންމެހައި ފަރާތްތަކަށް އެމް.ޑީ.ޕީ އިން ގޮވާލަމެވެ.

ބަޔާންނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއެޓް
ތާރީޚް 25 ނޮވެމްބަރ 2017