މިސްރުގެ އަލްރައުދާ މިސްކިތަށް ދިން ޓެރަރިސްޓް ހަމަލާ ކުށްވެރިކުރުން

ިސްރުގެ އަލް ރައުދާ މިސްކިތަށް ހުކުރު ދުވަހުގެ ނަމާދު ވަގުތުގައި ދިން އަނިޔާވެރި ހަމަލާއާ ގުޅިގެން ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީން ހިތާމަކޮށް އެކަމާ ކަންބޮޑުވުން ފާޅުކުރަމެވެ.

ހުކުރުދުވަހުގެ މަތިވެރި އަޅުކަމުގެ ވަގުތުގައި ހަމަލާދީ 200 އަށްވުރެ ގިނަ އާންމު ރައްޔިތުންގެ ފުރާނަ ގެއްލިގެން ދިޔަކަމީ މުޅި އިސްލާމީ އުންމަތަށާއި އިންސާނިޔަތަށް ލިބިގެންދިޔަ ބޮޑު ހިތާމައެކެވެ. ދީނީ ހަރުކަށި ވިސްނުމުގެ ގްރޫޕުތަކުން ދޭ މިފަދަ ޙަމަލާތަކާ ދެކޮޅަށް މުޅި އިސްލާމީ ދުނިޔެ ތެދުވެ، އެކުއެކީ މަސައްކަތް ކުރުމަކީ މުހިއްމު ކަމެއް ކަމުގައި އެމްޑީޕީން ދެކެމެވެ. ދީނީ ހަރުކަށި ވިސްނުން އުފެދި ފެތުރެމުންދާ ސަބަބުތައް ދެނެގަނެގަތުމަކީ މިފަދަ އަނިޔާވެރިކަން ޙައްލުކުރުމަށް ކޮންމެހެން ކުރަން ޖެހިފައިވާ ކަމެކެވެ. އަދި އެކަންކަން ޙައްލުކުރުމަކީ ދުނިޔޭގެ ކޮންމެ ޤައުމަކުން މިއަދު މިހާރުން މިހާރަށް ކުރަން ޖެހިފައިވާ ކަމެކެވެ.

މިސްރުގައި ދެވެނު ހަމާލާއިން ހާމަވަނީ ޓެރަރިޒަމްގެ އަނިޔާވެރިކަމަކީ ވަކި ޤައުމެއްގެ، ވަކި ދީނެއްގެ، ވަކި ނަސްލަކަށް ކުރިމަތިވެފައިވާ ބިރެއްނޫންކަމެވެ. ޓެރަރިޒަމާއި ދީނީ ހަރުކަށި ވިސްނުމަކީ އަނިޔާވެރި ރަހުމެއްނެތް އިންސާނިޔަތުކަމާ ޚިލާފް ވިސްނުމެއްކަމެވެ.

ދިވެހިރާއްޖޭގައިވެސް ހަރުކަށި ވިސްނުން ހަލުވިކަމާއެކު ފެތުރެމުން އަންނައިރު، ދިވެހި ސަރުކާރުގެ ސިޔާސަތުތަކާއި ވަޞީލަތްތައް ބައްޓަންކުރެވިފައިވަނީ މިފަދަ ނުރައްކާތެރި ކަންކަން ހުއްޓުވުމަށް ނޫންކަން ކަންބޮޑުވުމާއެކު ފާހަގަ ކުރަމެވެ. ފުލުހުންނާއި ސިފައިންގެ ވަޞީލަތްތައް މުޅިންވެސް ހޭދަކުރަނީ ސިޔާސީ ގޮތުން ވާދަވެރި ފަރާތްތައް ހިފައި ހައްޔަރުކުރުމަށެވެ. އަދި ދުނިޔޭގައި ހިނގާ މިފަދަ ކަންކަމަށް ބަލައި، ޢިބްރަތް ލިބިގަތުމުގެ ބަދަލުގައި ހަރުކަށި ވިސްނުމަށް މަގުފަހިކޮށްދޭ، ޚުދުމުހުތާރުކަމާއި، ކޮރަޕްޝަނާއި، އިސްލާމްދީން ސިޔާސީ ހަތިޔާރަކަށް ބޭނުން ކުރުން ފަދަ ސިޔާސަތުތައް ސަރުކާރުން ކުރިއަރުވަމުންދާކަމީ ނުހަނު ކަންބޮޑުވާ ކަމެކެވެ. ސަލާމަތީ ޚިދުމަތްތަކުން މިކަންކަމާ މެދު ފުންކޮށް ވިސްނައި، މިފަދަ ކަންކަމަށް ހިތްވަރުލިބޭ ޢަމަލުތައް ސަރުކާރުން ނުކުރުމަށް ސަރުކާރުގެ ވެރިންނަށާއި މުވައްސަސާތަކަށް ބާރު އެޅުމަށް ގޮވާލަމެވެ.

ބަޔާން ނެރުނީ: އެމްޑީޕީ ސެކެޓޭރިއެޓް