ގދ. އަތޮޅު އަތޮޅުގެ ކައުންސިލަރުންނާ ޙަވާލުކުރުމަށް ގޮވާލަން

ހުވަދުއަތޮޅު ތިނަދޫގައި ހުންނަ އަތޮޅުގޭގައި އެ އަތޮޅު ކައުންސިލަރުން ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީއާއެކު ބައްދަލުވުމެއް ބޭއްވުމާ ގުޅިގެން ވަގުތުން ވަގުތަށް އަތޮޅުގެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމީ މި ސަރުކާރުން ލާމަރުކަޒީ ނިޒާމަށް އެއްވެސް މިންވަރަކަށް އިޙްތިރާމް ނުކުރާ ކަމުގެ ހެއްކެކެވެ. އަދި އެކަން އެންމެ ހަރު އަޑުން ކުށްވެރިކޮށް މިފަދަ ނާތަހުޒީބު ކަންކަމުން ދުރުވުމަށް ހޯމް މިނިސްޓަރަށާއި ސަރުކާރުގެ ވެރިންނަށް ގޮވާލަމެވެ.

ރައްޔިތުން އިންތިޚާބުކޮށްފައިވާ ކައުންސިލަރުންނާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާ ގާތް ގުޅުމެއް އޮތުމަކީ މުހިއްމުކަމެކެވެ. ރަށާއި އަތޮޅުގެ ތަރައްޤީގެ މަސައްކަތްތަކާމެދު މަޝްވަރާކޮށް ޚިޔާލު ބަދަލުކުރުމަކީ ދެމެހެއްޓެނިވި ތަރައްޤީގެ އެއް އަސާސްކަމުގައި ދެކެމެވެ.

އަންގާރަ ދުވަހުގެ ރޭ ގދ. އަތޮޅުގޭގައި މެންބަރު ސައުދުﷲ ހިލްމީ އަތޮޅު ކައުންސިލްގެ މެންބަރުންނާ ބައްދަލުކުރެއްވުމާ ގުޅިގެން އަތޮޅު ކައުންސިލަރުންގެ ބެލުމުގެ ދަށުން އެތަން އަތުލުމުން ހާމަވަނީ ރައްޔިތުން އިންތިޚާބުކޮށްފައިވާ ކައުންސިލަރުންނަށް އެއްވެސް މިންވަރަކަށް ބާރު ދިނުމަކީ ސަރުކާރުން ކުރަން ބޭނުންނުވާ ކަމެއްކަމެވެ. ރައީސް ޔާމީން ސަރުކާރުގެ ނަޒަރުގައި ރައްޔިތުން އިންތިޚާބު ކުރާ މަންދޫބުންގެ ޒިންމާއަކީ ޢަބްދުﷲ ޔާމީނަށް ސަނާ ކިޔައި، ސަރުކާރުން ހިންގާ ކޮރަޕްޝަނުގައި ބައިވެރިވެ އެފަދަ ވައްކަން ފޮރުވައި ރައްޔިތުންނަށް ހަރާންކޯރުވުމެވެ.

ހުވަދު އަތޮޅު ރައްޔިތުންނަކީ ފެށުނީއްސުރެވެސް އިސްލާޙީ މަސައްކަތްތަކަށް ތާޢީދުކުރާ، ހޭލުންތެރި، ޤައުމުގެ ކުރިމަގާ މެދު ފުންކޮށް ވިސްނައި ހެޔޮވެރިމުގެ ނިޒާމަށް ބާރު އަޅަމުން އަންނަ ބައެކެވެ. ހިތްވަރު ގަދަ ހުވަދޫ ރައްޔިތުންނަށް ބިރު ދައްކައި އެމީހުން އިންތިޚާބުކޮށްފައިވާ މަންދޫބުންނަށް ބިރު ދައްކައިގެން އޮބަހައްޓައިގެން ލިބޭނެ އެއްވެސް މަންފާއެއް ނޯންނާނެއެވެ.

ތިނަދޫގައި ހުންނަ ގދ. އަތޮޅުގެއަކީ ރައްޔިތުންގެ ފައިސާއިން ޚަރަދުކޮށްގެން ބިނާކޮށްފައިވާ ރައްޔިތުންގެ މިލްކެކެވެ. އެހެންކަމުން ހުވަދުއަތޮޅުގެ އިންތިޚާބީ މަންދޫބުންގެ ބައްދަލުވުންތަކާއި ރައްޔިތުންގެ ތަރައްޤީއާ ގުޅިފައިވާ ކޮންމެ ކަމެއް ކުރުމުގެ ފުރިހަމަ މިނިވަންކަން ކައުންސިލަރުންނަށް ލިބިދޭންޖެހޭނެއެވެ. އެހެންކަމުން ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މި އިމާރާތް މިހާރުން މިހާރަށް ކައުންސިލަރުންނާ ހަވާލުކުރުމަށް މޯލްޑިވްސް ޕޮލިސް ސާވިސްއަށް އިލްތިމާސް ކުރަމެވެ. އަދި މިފަދަ ޣައިރުޤާނޫނީ އަމުރުތަކަށް ތަބާނުވެ، ޤައުމަށް ކުރިމަތިވެފައިވާ ކުށްކުރުމާއި، ނުރައްކާތެރިކަމަށް ޙައްލު ހޯދައިދިނުމުގައި ތެދުވެރިކަމާއެކު ދެމި ތިބުމަށް ކޮންމެ ފުލުހަކަށް ގޮވާލަމެވެ.

ބަޔާން ނެރުނީ: އެމްޑީޕީ ސެކެޓޭރިއެޓް
ތާރީޚ: 22 ނޮވެމްބަރ 2017