ޠައްޔިބް ޝަހީމަށް ފުލުހުން ފުރައްސާރަކުރުން ހުއްޓާލުމަށް ގޮވާލަން

ޢަބްދުﷲ ޔާމީނާއި، އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރައީސް ޙަސަން ލުތުފީއާއި، ސަރުކާރުގެ އިސްވެރިންނާ ގުޅޭ ގޮތުން ޙަޤީޤަތާ ޚިލާފަށް ސޯޝަލް މީޑިޔާގައި ލިޔާކަމަށް ބުނެ ތާކުންތާކު ނުޖެހޭ ޤާނޫނާ ޚިލާފް ތުހުމަތުކޮށް ކުރީގެ އެމްނެސްޓީ އިންޓަނޭޝަނަލްގެ ޟަމީރުގެ ޤައިދީ ޠައްޔިބް ޝަހީމަށް ތަކުރާރުކޮށް ދައުލަތުން ފުރައްސާރަ ކުރަމުންގެންދާތީ އެކަން އެންމެ ހަރު އަޑުން ކުށްވެރިކުރަމެވެ. މިފަދަ ކަންކަމުން ދުރުވެ ޤައުމަށް ކުރިމަތިވެފައިވާ ބިރުވެރިކަމާ ކުށްކުރުން މަދުކުރުމަށް ފުލުހުންގެ މުވައްސަސާއިން ވަގުތާއި ވަޞީލަތްތައް ހޭދަކުރުމަށް މޯލްޑިވްސް ޕޮލިސް ސާވިސްއަށް ގޮވާލަމެވެ.

ޠައްޔިބް ޝަހީމަކީ ސަރުކާރުގެ އެކިއެކި ކަންކަމަށް ވަރަށް ފާޅުގައި ފާޑުކިޔައި، ދައުލަތް ޝާމިލްވެގެން ހިންގާ ކޮރަޕްޝަންތަކުގެ މައުލޫމާތާ ގުޅޭ ގޮތުން ސޯޝަލް މީޑިޔާގައި މެދުކެނޑުމެއްނެތި ލިޔަމުން އަންނަ ހިތްވަރުގަދަ އެކްޓިވިސްޓެކެވެ. ތައްޔިބް ޝަހީމަށް މައުލޫމާތު ދޭ ފަރާތްތައް ހޯދުމަށް ކޯޓު އަމުރެއްގެ ދަށުން އޭނާގެ މޯބައިލް ފޯނާއި، ލެޕްޓޮޕާއި، މެމޮރީ ކާޑުތަކާއި އަދިވެސް ގުޅުން ހުރި މިފަދަ ތަކެތި ހިފެހެއްޓުމަކީ ޤާނޫނު އަސާސީއާ ޚިލާފް ކަމެކެވެ. ޤާނޫނު އަަސާސީގެ 28 ވަނަ މާއްދާގައި ވަނީ ނޫސްވެރިކަން ކުރުމާއި، މުޢާޞަލާތީ ވަޞީލަތްތައް ބޭނުންކުުރުމުގެ ޙައްޤު ކޮންމެ ރައްޔިތަކަށް ލިބިދީފައިވާކަމަށާއި، ޚިޔާލުފާޅުކުރުމާއި ޝާޢިއުކުރުމުގެ މިނިވަންކަންވެސް ލިބިދީފައިވާކަމަށެވެ. މިގޮތުން ޝާއިއުކުރާ މައުލޫމާތެއްްގެ މަސްދަރު ހާމަކުރުމަށް ދައުލަތުގެ އެއްވެސް ފަރާތަކުން މަޖުބޫރުނުކުރެވޭނެ ކަމަށްވެސް ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވެއެވެ. އަދި އެކަންކަން އެއްވެސް މިންވަރަކަށް ހިފެހެއްޓޭނީ ޤާނޫނު އަސާސީއާ ތަޢާރުޟްނުވާ ގޮތުގެމަތީން ރައްޔިތުންގެ މަޖިިލީހުން ފާސްކުރާ ޤާނޫނަކުން ކަމުގައި ބަޔާންކޮށްފައިވާހިނދު، ޠައްޔިބްގެ ޒާތީ މުޢާސަލާތްތައް ފޭރިގަނެ، މަސްދަރު ހޯދުމަށް މަޖުބޫރުކުރުމަކީ ފުލުހުން އޭނާއަށް ފުރައްސާރަކުރުން ކަމުގައި ދެކެމެވެ.

ހަމަމިއާއެކު ދައުލަތުގެ ކޮރަޕްޝަނާއި ވެރިން މިފަދަ ޤާނޫނާ ޚިލާފް ކަންކަމުގައި ބައިވެރިވާކަން އާންމު ރައްޔިތުންނަށް ހާމަކޮށްދޭ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަކީ ކޮރަޕްޝަނަށް މަގުފަހިވެ، ‘ވިސްލް ބްލޮވިންގ’ ފަދަ މުހިއްމު ކަންކަމަށް ހުރަސް އެޅޭ ކަމެކެވެ. މިފަދަ ކަންކަން ހުއްޓުވުމާއި، ހެޔޮވެރިކަމަށް ބާރުއެޅުމަށް ‘ސިޓިޒެން ޖާރނަލިޒަމް’ ޕްރޮމޯޓްކުރުމަކީ މުހިއްމުކަމެއް ކަމުގައިވެސް ދެކެމެވެ. އެހެންކަމުން މިފަދަ މައުލޫމާތު ދޭ މީހުން ހޯދައި، ބިރުދެއްކުން ފަދަ ކަންކަމަކީ ނާތަހުޒީބު، ޚުދުމުހުތާރު ވެރިކަމުގެ ސިފަތަކެވެ.

ސަރުކާރުގެ ވެރިން ހިންގާ ކޮރަޕްޝަނާއި ވައްކަމުގެ މައުލޫމާތު ހާމަކުރާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅު އަޅައި ނޫސްވެރިކަމާއި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ނަގާލުމަކީ މިސަރުކާރުގެ ޚުދުމުހުތާރުވިސްނުން ހާމަކޮށްދޭ ކަމެކެވެ. އަދި ސަރުކާރުގެ މިފަަަދަ ކަންކަމާ ގުޅިގެން ދިވެހިންނަށް ނިކަމެތިކަން ލިބި، ދިވެހިރާއްޖެއަށް ހުތުރުނަން ލިބެމުން އަންނަކަމީ ކަންބޮޑުވާ ކެމެކެވެ.

ޤައުމު ހަލަބޮލިވެ، ކުށްކުރުން އިންތިހާއަށް އިތުރުވެ، މަގުމައްޗާއި ގޯތިގެދޮރުގައި ރައްކާތެރިކަން ގެއްލިފައިވާއިރު ފުލުހުންނާއި ސިފައިންގެ އަގުހުރި ވަގުތު ސިޔާސީ ބޭނުންތަކުގަައި ހޭދަކުރުވާ ކަމީ މި ޕާޓީން ކަންބޮޑުވާ ކަމެކެވެ. އަދި އެފަދަ ކަންކަމުން މުވައްސަސާތައް ދުރުވުމަށް ގޮވާލަމެވެ.

ބަޔާން ނެރުނީ: އެމްޑީޕީ ސެކެޓޭރިއެޓް
ތާރީޚް: 21 ނޮވެމްބަރ 2017