މި ސަރުކާރު ދެމިއޮތުމުގެ ވަގުތު މިވަނީ ކުޑަތަންވެފަ: ތިނަދޫ ދެކުނު ދާއިރާ ރައީސް ޒިފްލީން ހަސަން

މި ސަރުކާރު ދެމިއޮތުމުގެ ވަގުތު މިވަނީ ކުޑަތަންވެފައި ކަމަށާއި ސަރުކާރު މިދަނީ އަނގަވަތަށް ވެއްޓެން ކަމަށް އެމްޑީޕީ ގައުމީ މަޖިލީހުގެ މެންބަރު ޒިފްލީން ހަސަން ވިދާޅުވެއްޖެއެވެ.

އެމްޑީޕީ ހަރުގޭގައި އާދީއްތަ ދުވަހުގެރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އެމްޑީޕީ ތިނަދޫ ދެކުނު ދާއިރާގެ ރައީސް ޒިފްލީން ވިދާޅުވީ މިސަރުކާރު ވެރިކަމަށް އައީއްސުރެ ގެންދަނީ ވެރިކަމުގެ ބާރު ނަހަމަގޮތުގައި ބެނުންކޮށް ފުލުހުންނާ ސިފައިން ބޭނުންކޮށް ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގުމުގެ ފުރުޞަތު ބަންދުކޮށް، ފަނޑިޔާރުގެއަށް ނުފޫޒު ފޯރުވައި ހުރިހާ ސިޔާސީ ލީޑަރުން ހައްޔަރުކޮށް، އަމާންކަމެއް ނެތް މާހައުލަކަށް ރާއްޖެ ހަދާފައި ކަމަށާއި މިހުރިހާ ކަމެއްގެ ނިމުން ގާތްވެއްޖެ ކަމަށެވެ.

“އަޅުގަނޑުމެންގެ ލީޑަރު (ރައީސް ނަޝީދު) ދޫކޮށްލަން ޖެހޭ ވަގުތު ކުޑަތަންވެއްޖެ. ޤާނޫނު އަސާސީއާ ޚިލާފަށް ރައްޔިތުންގެ މަޖިލިސްގެ ބާރު މިވަނީ ކުޑަކޮށްފަ. މަޖިލީހުގެ ގޮނޑިތައް މިވަނީ ވަގަށް ނަގާފަ. މިކަން ކަމަށް ނިމުން އައުމުގެ ވަގުތު ކުޑަތަންވެއްޖެ. ދައުލަތުގެ ފައިސާއަށް ވީ ގޮތާއި ގެއަށް ވަން ކަމަށް ވިދާޅުވި ނަހަލާލު ފައިސާއަށް ވީ ގޮތް ވިދާޅުވާން ޖެހޭ ވަގުތު ކުޑަތަންވެއްޖެ. ގެއްލިފައިވާ ނޫސްވެރިޔާ އާ، މަރާލެވިފައިވާ ނޫސްވެރިޔާ އަށް ވީގޮތް ވިދާޅުވާންވީ ވަގުތު ކުޑަތަންވެއްޖެ”، ޒިފްލީން ވިދާޅުވިއެވެ.

ޒިފްލީން ވިދާޅުވީ ގުޅިފައިވާ އިއްތިހާދު ރޫޅާލައި ރައްޔިތުންނަށް ރިޝްވަތުދީގެން ރިޔާސީ އިންތިޚާބު ގަނެލެވިދާނެ ކަމަށް ރައީސް ޔާމީން ހީފުޅުކުރައްވާ ނަމަ އެ ހީފުޅުކުރެއްވެނީ ކުށްހީއެއް ކަމަށެވެ.

ޒިފްލީން ވިދާޅުވީ ސިވިލްސަރވެންޓުންނަށް މިއަދު ޕްރޮމޯޝަން ލިބެން އޮތީ އެ ޕާޓީގެ ފޯމުފުރައި، އެ ޕާޓީން ބާއްވާ ޖަލްސާތަކުގެ ގޮނޑިތައް ފަޅުފިލުވައިދީގެން ކަމަށާއި، ސިވިލް ސަރވަންޓުން ތިބީ މި ނޫން ގޮތެއް ވޭތޯ ބަލަބަލައި ކަމަށެވެ. ވިޔަފާރިވެރިންނާ، އިންވެސްޓަރުންނާ، މަސްވެރިންނާއި ދަނޑުވެރިން ތިބީ ބަދަލަކަށް އެދިއެދި ކަމަށެވެ.

ބޭރު ގައުމުތަކުން މި ސަރުކާރާ ނުރުހޭ ކަމަށާއި، އަވައްޓެރި ސްރީލަންކާ އާއި އިންޑިއާގެ އިތުރުން އެމެރިކާ ވެސް ވަނީ އެ ގައުމުގެ ފައިސާއިން މި ސަރުކާރު ވައްކަންކުރީތީ ސަރުކާރާ ނުރުހިފައި ކަމަށް ޒިފްލީން ވިދާޅުވިއެވެ.

“ސައޫދީ ސަރުކާރު އެދަނީ ބަދަލަކަށް. އެ ސަރުކާރު އެ ދަނީ ނިމުމަކަށް. ޗައިނާއިން މި ސަރުކާރަށް އެހީވެދޭން ޖެހޭ އެއްވެސް ސަބަބެއް ނުފެނޭ. އެހެންކަމުން އަޅުގަނޑުމެންނަށް މި ފެންނަނީ ރައީސް ޔާމީން ސީދާ އަނގަވަތަށް ވެއްޓޭތަން.” ޒިފްލީން ވިދާޅުވިއެވެ.