މި ސަރުކާރު މިވަނީ އެތެރެއާ ބޭރުން ގަޑުބަޑުވެ އުސޫލުތަކާ ހަމަތަކުން ބޭރުވެފައި ކަމަށް އެމްޑީޕީ ގައުމީ މަޖިލީހުގެ މެންބަރު ހަސަން އަހުމަދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީ ހަރުގޭގައި އާދީއްތަ ދުވަހުގެރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އެމްޑީޕީ އިނގުރައިދޫ ދާއިރާގެ ރައީސް ހަސަން އަހުމަދު ވިދާޅުވީ މި ސަރުކާރު އައި ފަހުން އާންމު ރައްޔިތުންގެ ދިރިއުޅުން ދަތިވެއްޖެ ކަމަށާއި، ރަށްރަށުގެ ރައްޔިތުން ބާނާ މަސްކޮޅު އުކާލަން ޖެހިފައިވާ ކަމަށާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ތަންޑުއަޅުވައި ބަންދުކުރަންޖެހިފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ ސަރުކާރުގެ އިޤްތިޞާދު ކުރިއަރައިގެން ދާނީ ވިޔަފާރިކުރާ އާދައިގެ ރައްޔިތު މީހާގެ ޖީބަށް ވެސް ފައިސާ ފޮއްޗެއް ވަދެ އެ ފައިސާ ނާލުގެ ގޮތުގައި މުދާ އުފުލާ ބޯޓުފަހަރުތަކަށް ލިބި ރަށްރަށަށް މުދާ ގެންދެވި ވިޔަފާރިކުރެވި އެފައިސާއިން ދައުލަތަށް ޓެކްސް ލިބުނީމާ ކަމަށެވެ. ހަސަން ވިދާޅުވީ މިއަދު ސަރުކާރު ހިންގަން ލިބިފައި މިވަނީ މި ފަލްސަފާގެ ވިސްނުންހުރި ބައެއްގެ އަތްމައްޗަށް ނޫން ކަމަށެވެ. ހިނގަހިނގާ ހުންނަ އިންވެސްވެސްޓްމަންޓްތައް ފޮނުވާލާ ސިޓީއަކުން އެބަ ހުއްޓުވާ ކަމަށާއި، ރަނގަޅަށް ހިންގަމުންދާ އެތައް ރިސޯޓެއް އެބަ ހުއްޓުވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން މިކަންތައް ހުއްޓުވުމަށް ވީހާވެސް އަވަހަކަށް މި ސަރުކާރު ބަދަލުކުރަން ޖެހޭ ކަމަށް ހަސަން ވިދާޅުވިއެވެ.
ކަރަންޓު ބިލާ ފެންބިލާއި ގެދޮރުގެ އަގު ބޮޑުވެ ރައްޔިތުން ތިބީ ބޯހިޔާވަހިކަމެއް ހޯދާނެ ގޮތެއް ނެތިފައި ކަމަށާ، މިދައުލަތުގެ އިއްޒަތާ ކަރާމާތާއި މުޅި ދައުލަތުގެ އެތެރެއާ ބޭރު ގަޑުބަޑުކޮށްފައިވާ ކަމަށް ހަސަން ވިދާޅުވިއެވެ.
ހަސަން ވިދާޅުވީ ޤާނޫނު އަސާސީއާ މި ގައުމުގެ ފަޅުތަކާ، ފަރުތަކާއި ބިންތަކަކީ ވެރިންގެ މިލްކެއް ނޫން ކަމަށާއި އެއީ ދިވެހި ރައްޔިތުންގެ މިލްކެއް ކަމަށެވެ. އެ ބިންތަކުން ހޯދާ ނަފާއަކީ ދިވެހި ރައްޔިތުންގެ ހައްގެއް ކަމަށާއި، ދިވެހިން ދާ އޮހޮރުވައިގެން ހޯދާ ފައިސާ ޓެކްސްގެ ގޮތުގައާއި އެހެނިހެން ގޮތްގޮތުން ދައުލަތާ ހަވާލު ކުރަނީ އަމާނާތްތެރިކަމާ އެކު ބެލެހެއްޓުމަށް ކަމަށާއި އެ ފައިސާއަށް ޚިޔާނާތްތެރިވާ ބަޔަކަށް 2018 ވަނަ އަހަރު ވޯޓުދީގެން ނުވާނެ ކަމަށެވެ.
“މި ރާއްޖޭގައި ވިއްކާނެ ފަސްކޮޅެއް ނެތް. އެ އުޅެނީ އެއަރޕޯޓް އަޅާކަށް ނޫން. އެއަރޕޯޓު ހަދަން ކުރާ ކަމެއް ނޫން އެއީކީ. ތަންތަން ތަޅައި ސުންނާފަތި ކުރީމާ ތަޅާމީހާއަށް 2 މިލިއަން. ސަރުކާރަށް 10 މިލިއަން. ޖައްރާފާއިން ހިއްކާ ތަންތަނުން ވެސް އަދަދު ނުކުރެވޭ ވަރަށް ކާލާނެ. މީ ވެރިންގެ ފައިސާއެއް ނޫން. މީ ދިވެހިރައްޔިތުން ގުލާނުކޮށްގެން އަމާނާތްތެރިކަމާ އެކު ރައްކާ ކުރުމަށް ދިވެހި ދައުލަތާ ހަވާލުކުރާ ފައިސާ.” ހަސަން ވިދާޅުވިއެވެ.