ކުޅުދުއްފުށީގެ ރައްޔިތުންގެ ވައިގެ ގުޅުން ޤާއިމުކޮށްދޭނީ ކުޅުދުއްފުށީ ރައްޔިތުން އެދޭ ގޮތަށް

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން ތަރައްޤީގެ ޕްލޭންތައް އެކުލަވާލަމުން އަބަދުވެސް ގެންދަނީ ރައްޔިތުންގެ ވިންދާއި އިޙްސާސްތައް ދެނެގަނެ، އެރައްޔިތުންގެ ބޭނުންތައް އެންމެ ފުރިހަމައަށް ޙާޞިލުކުރެވޭނޭ ވިސްނުމުގައެވެ. ވަކިން ޚާއްޞަކޮށް ރަށްރަށުގެ ތަރައްޤީގެ ޕްލޭންތައް އެކުލަވާލުމުގައި އެރަށްރަށުގެ ރައްޔިތުންގެ ވިސްނުމާއި ފިކުރަށް ރިޢާޔަތް ކުރުމަށްފަހުގައެވެ.
ކުޅުދުއްފުށީގެ ތަރައްޤީގެ ތަސައްވަރެއް މިޕާޓީގައި އެބަ އޮތެވެ. ކުޅުދުއްފުށްޓަކީ ރާއްޖޭގެ އުތުރުގެ އެންމެ ބޮޑު އާބާދީއަށް ވެފައި، މިޕާޓީގެ ތަރައްޤީގެ ޕްލޭންގައި ކުޅުދުއްފުށްޓަކީ ރާއްޖޭގެ އުތުރުގެ އިޤްޠުޞާދީ ނާރެސް ކަމުގައި ވުމުން، ކުޅުދުއްފުށީގެ ދަތުރުފަތުރުގެ ވަސީލަތް ތަރައްޤީ ކުރުމަކީ ކުޅުދުއްފުށްޓަށް މިޕާޓީން އެކުލަވާލާނޭ ތަރައްޤީގެ ޕްލޭންގެ މައިގަނޑު އެއް ބައެވެ. މިޕާޓީގެ އެތަސައްވުރު ކުޅުދުއްފުށީގެ ތަރައްޤީގެ ޕްލޭންގެ ގޮތުގައި ކުރެހިގެންދާނީ ކުޅުއްދުއްފުށީ ރައްޔިތުންގެ އާނބަހާއެކުގައި ކަމުގެ ޔަޤީންކަން އަރުވަމެވެ. ކުޅުދުއްފުށީގެ ރައްޔިތުންގެ ވައިގެ ގުޅުން ޤާއިމުކޮށްދޭނީ ކުޅުދުއްފުށީ ރައްޔިތުން އެދޭ ގޮތަށް ކަމުގައި ދަންނަވަމެވެ.
ރައީސް ޔާމީންގެ ސަރުކާރުން ކުޅުދުއްފުށީގައި އެއަރޕޯޓް އެޅުމުގެ ދަޅަ ދެއްކެވިނަމަވެސް، ކުޅުދުއްފުށީގައި ރައީސް ޔާމީންގެ ސަރުކާރުން އެއަރޕޯޓެއް ނާޅާނެއެވެ. ރައީސް ޔާމީންގެ ސަރުކާރުގެ ފުރަތަމަ 2 އަހަރު ދުވަހުގެ ތެރޭގައި ކުޅުދުއްފުށީގައި އެއަރޕޯޓެއް އަޅާނެ ކަމަށް 2013 ގެ އިންތިޚާބުގެ ކެމްޕޭންގެ ތެރޭގައި ރައީސް ޔާމީން ވައުދުވެފައިވީ ނަމަވެސް، ރައީސް ޔާމީންގެ ސަރުކާރުގެ ހަތަރު އަހަރު ފާއިތުވެގެންދާއިރު އެކަން ނުކުރައްވާ ހުންނެވިކަން ފާހަގަ ކުރަމެވެ. ރައީސް ޔާމީންގެ ސަރުކާރުގެ މަޤްޞަދަކީ، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ ދިމާކޮށް ކުޅުދުއްފުށީގައި އެއަރޕޯޓެއް އެޅުމުގެ މަންޒަރު ކުޅުދުއްފުށީ ރައްޔިތުންނަށް ދައްކައި، ކުޅުދުއްފުށީ ރައްޔިތުންގެ ލޮލުގައި އަނެއްކާވެސް އަނދުނެއް އެޅުވުމެވެ.
ރައީސް ޔާމީންގެ ސަރުކާރުން ދިވެހިރައްޔިތުންނަށް މިފަދަ ބޮޑެތި އޮޅުވާލުންތައް އޮޅުވާލަމުން ގެންދާކަމީ މިޕާޓީން އިންތިހާއަށް ކަންބޮޑުވާ ކަމެކެވެ. އަދި ރައްޔިތުންނާމެދު އެފަދަ ޢަމަލުތައް ހިންގުން ހުއްޓާލުމަށް މިޕާޓީން ގޮވާލަމެވެ.

ބަޔާންނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއެޓް
ތާރީޚް 12 ނޮވެމްބަރ 2017