ޤާނޫނުއަސާސީއާ ޤާނޫނުތަކަށް މި ސަރުކާރު އަމަލުކުރާ ނަމަ މިހާރު މިސަރުކާރެއް ނޯންނާނެ: ހަސަން ލަތީފް

ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ޤާނޫނާއި ޤާނޫނުއަސާސީއާ ޚިލާފަށް ޢަމަލުކުރުން ނޫން ގޮތެއް ނެތް ކަމަށާއި، އެ ނޫން ގޮތަކަށް ޢަމަލުކުރައްވައިފިނަ މި ސަރުކާރު ވެއްޓޭނޭ ކަމަށް އެމްޑީޕީގެ ޗެއަރޕާސަން އަލްއުސްތާޛް ޙަސަން ލަތީފް ވިދާޅުވެއްޖެއެވެ.

އެމްވީޓީވީން ” 2018 އަށް އިދިކޮޅު ފަރާތްތަކުން ވަމުންދާ ތައްޔާރީތައް” މި ނަމުގައި ބުރާސްފަތި ދުވަހުގެރޭ ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަފުޅުދައްކަވަމުން ހަސަން ވިދާޅުވީ ފުލުހުންނަށް ސަރުކާރުން ކުރާ ޣައިރު ޤާނޫނީ އަމުރުތަކަށް ފުލުހުން ތަބާ ނުވާ ނަމަ، ނުވަތަ ފުލުހުންގެ ދައުރު ޤާނޫނާ އެއްގޮތަށް އަދާކުރާ ނަމަވެސް މި ސަރުކާރު ދެމި ނޯންނާނެ ކަމަށެވެ. މިސާލެއްގެ ގޮތުން އެމަނިކުފާނު ނެންގެވީ ސުލްހަވެރި ސިޔާސީ ޙަރަކާތް ހިންގާނޭ ޖާގަ ލިބޭ ނަމަ ނުވަތަ އިހުތިޖާޖަށް އެމްޑީޕީ ހަރުގެ ދޮށުގައި ތިބޭ މީހުންގެ ގަޔަށް ޕެޕަރ ސްޕްރޭ ޖަހައި އެތަނުން ބޭރުނުކުރާނަމަ މި ސަރުކާރު ދެމި ނޯންނާނޭ ކަމަށެވެ.

ހަސަން ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުން ކުރާ ބޮޑެތި ވައްކަމާ ޚިޔާނާތާއި ކޮރަޕްޝަންގެ އަމަލުތައް އެންޓި ކޮރަޕްޝަން ކޮމިޝަނުން ބަލައި ފިޔަވަޅުއަޅާ ނަމަ ވެސް މި ސަރުކާރު ދެމި ނޯންނާނޭ ކަމަށެވެ.

” 1.2 ބިލިޔަން ރުފިޔާ ހަމަ އެންމެ ވައްކަމެއް. ހަމަ އެއާ ޖެހިގެން 1.3 ބިލިޔަން ރުފިޔާ. މިލިޔަނެއް ނޫން އިނގޭތޯ ބިލިޔަން. ފުދޭ ވަރެއްގެ ބޮޑު އަދަދެއްގެ ފައިސާގެ ވާހަކަ މިދައްކަނީ. އެއީ އެމް.އެމް.ޕީ.އާރު.ސީއާ އައި.ޖީ.އެމް.އެޗް އާ އިމާރާތުގެ މަސައްކަތުގައި ހިމެނޭ ކޮރަޕްޝަން. މިކަންކަން ތަހުގީގުކޮށްލިޔަސް މި ސަރުކާރެއް ނޯންނާނެ. އެ އެންމެން ތިބޭނީ ޖަލުގަ.” ހަސަން ވިދާޅުވިއެވެ.

ހަސަން ވިދާޅުވީ އެއްވެ އުޅުމުގެ މިނިވަންކަމާ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، ސުލްހަވެރި ސިޔާސީ ޙަރަކާތް ހިންގުމުގެ މިނިވަންކަން މިސަރުކާރުން ދީފިނަމަ ރައްޔިތުން ނުކުމެ މި ސަރުކާރު ޖަވާބުދާރީ ކުރުވާނެ ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ 45 މެންބަރުން އެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމަށް ސޮއިކުރެއްވީމާ ދެން އެއޮތީ އިތުބާރު ނެތް ކަމަށް ފާސްވެފައި ކަމަށާއި، މަޖިލީހުގެ ރައީސްގެ މަގާމަށް އެހެން ބޭފުޅަކު ވަޑައިގެންފިނަމަ ރައީސް ޔާމީންގެ އަރިހުގައި ރައްޔިތުންގެ މަޖިލީހުގެ ހަމަ އެންމެ މެންބަރެއް ވެސް ނުހުންނަވާނޭ ކަމަށެވެ. އެ ފުރުސަތު ދީފިނަމަ މިސަރުކާރު ދެމި ނޯންނާނޭ ކަމަށެވެ.

މާރާމާރީއާ ވައްކަމާ ފޭރުން އާންމުވުމާ ބެހޭ ގޮތުން ވާހަކަދައްކަވަމުން ހަސަން ވިދާޅުވީ ފުލުހުން ރައްޔިތުންނަށް ދޭންޖެހޭ އިޖުތިމާއީ ރައްކާތެރިކަން އެބޭފުޅުންނަށް ނުދެވެނީ ފުލުހުންގެ މުވައްސަސާއާއި އެ މުވައްސަސާ ޒިންމާދާރުކުރުވަން އޮންނަ ޕޮލިސް އިންޓަރގްރިޓީ ކޮމިޝަނަށް ސިޔާސީ ނުފޫޒު ވަދެފައިވާތީ ކަމަށެވެ. އެހެންކަމުން ފުލުހުން ޒިންމާދާރު ކުރުވޭނޭ ގޮތެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖެ ކަހަލަ ޚުދުމުޚްތާރު ގައުމުތަކުގައި އިންތިޚާބުތަކަކީ ލިޔެވިފައި އޮންނަ ގޮތަށް ލިބޭ އެއްޗެއް ނޫން ކަމަށާއި، މިދިޔަ ލޯކަލް ކައުންސިލް އިންތިޚާބު ހޯދި ގޮތަށް އަންނަ 2018 ވަނަ އަހަރު ބާއްވަން ޖެހޭ ރިޔާސީ އިންތިޚާބު ވެސް ޖެހޭނީ ހޯދަން ކަމަށް ހަސަން ވިދާޅުވިއެވެ. އެ އިންތިޚާބު ހޯދަން ކުރަން ޖެހޭ މަސައްކަތްތައް މިއަދު ނުކޮށްފިނަމަ އިންތިޚާބެއް ނުބާއްވާނޭ ކަން ފާހަގަކުރައްވަމުން ހަސަން ވިދާޅުވީ ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާ ކުރުމަށް މަސައްކަތްކުރާ ވަރަށް ގިނަ ގައުމުތަކާއި ޖަމިއްޔާތައް އެބަހުރި ކަމަށާއި، ރައްޔިތުންނާ ބޭރުގެ ފަރާތްތަކުން މަސައްކަތްކޮށްގެން އިންތިޚާބު ހޯދާނޭ ކަމަށެވެ. އަދި އެ ޖަމާއަތްތަކަކީ ވަކި ޕާޓީއަކަށް ވަކި މީހަކަށް ވެރިކަން ހޯދައިދޭން މަސައްކަތްކުރާ ބައެއް ނޫން ކަމަށާއި، އެ ޖަމާޢަތްތަކުން މަސައްކަތްކުރަނީ ދެފުށް ފެންނަ މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށް މަގުފަހިކުރުން ކަމަށް ޙަސަން ވިދާޅުވިއެވެ. އަދި އިންތިޚާބު ލިބި، ގުޅިފައިވާ އިއްތިހާދުން ކޮންމެ ކެންޑިޑޭޓަކު ނިކުމެވަޑައިގެންނެވި ނަމަވެސް ރައީސް ޔާމީން ބަލިކުރެއްވޭނޭ ކަމަށް ހަސަން ވިދާޅުވިއެވެ.

ހަސަން ވިދާޅުވީ ޕާޓީއެއްގެ ސުލޫކީ ކޮމިޓީއަކަށް އައްޔަންކޮށްފައި ތިބޭ ދެ ތިން މެންބަރަކަށް އެތައް ހާސް ރައްޔިތުންގެ ވޯޓުން އިންތިޚާބުވެފައި ތިއްބަވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލުވާލުމުގެ ފުރުޞަތު ޤާނޫނު އަސާސީން ލިބިދީފައި ނުވާ ކަމަށާއި، ޕާޓީއަކުން ވަކިކުރިޔަސް، އަދި އެހެން ޕާޓީއަކަށް ބަދަލުވި ނަމަވެސް އެ މެންބަރުންގެ ގޮނޑި ނުގެއްލޭނޭ ކަމަށެވެ. އަދި މަޖިލީހުގެ މެންބަރުންތަކެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް ދައްކާ ވާހަކައަކީ ޤާނޫނާ ޚިލާފު ވާހަކަތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ހަސަން ވިދާޅުވީ އޯލްޕާޓީ ޓޯލްކްސް އޭ ކިޔައިގެން ސަރުކާރުން ކޮންމެ ފަހަރަކުވެސް ވާހަކަ ދައްކަން ފަށަނީ ގުޅިފައިވާ އިއްތިހާދަށް ބޮޑު ކާމިޔާބީއެއް ލިބުމުން ކަމަށާއި، އެ މަޝްވަރާތައް ބާއްވަން އުޅެނީ ހެޔޮ ނިޔަތެއްގައި ނަމަ ބޭރުގެ މީޑިއޭޓަރަކު މެދުވެރިކޮށްގެން ވާހަކަތައް ކުރިޔަށް ގެންދިއުމަށް ސަރުކާރުން އެއްބާރުލުން ދިނީސް ކަމަށެވެ. އެގޮތުން އެންމެ ފަހުން އދ. އިން ފޮނުވި މީޑިއޭޓަރު ވެސް ރާއްޖެއިން ފުރާވަޑައިގަންނަވަން ޖެހުނީ ރައީސުލްޖުމްހޫރިއްޔާ އާ ބައްދަލުކުރައްވަން އެތައް މަސައްކަތެއްކޮށް އެކަން ނުވުމުންކަން ހަސަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ޕާޓީތަކުން ވާހަކަދައްކަވަން ތިއްބެވި އެ ޕާޓީތަކުގެ އިސްވެރިން ޖަލުގައި ބައިތިއްބައިގެން އެ މަޝްވަރާއަށް ދާން ޕާޓީތަކުން ބޭނުން ނުވާނޭ ކަމަށް ރޭގެ ޕްރޮގްރާމްގައި ހަސަން ވިދާޅުވިއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް ނަޝީދަށް ވާދަކުރެއްވޭނެ ކަމަށް ދެކިވަޑައިގަންނަވާ ކަމަށާއި އަދި އެމް.ޑީ.ޕީ މެންބަރުން ބޭނުންވަނީ ރައީސް ނަޝީދަށް ވާދަކުރެވޭނޭ ގޮތެއް ވުން ކަމަށް ވާތީ، ރައީސް ނަޝީދު މިނިވަން ކުރުމުގެ މަސައްކަތް ޕާޓީން ވަރުގަދައަށް ކުރާނެ ކަމަށް ޗެއަރޕަރސަން ޙަސަން ލަޠީފް ވިދާޅުވިއެވެ.