ޢަދާލަތު ޕާރޓީގެ މަޝްވަރާ މަޖިލީހުގެ އިޤުރާރަކުން، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާއި އަދި 2019 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ބެހޭގޮތުން ނިންމެވި ނިންމެވުމަށް މަރުޙަބާކިޔުން

ޢަދާލަތު ޕާރޓީގެ މަޝްވަރާ މަޖިލީހުގެ އިޤުރާރަކުން، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާއި އަދި 2019 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ބެހޭގޮތުން ނިންމެވި ނިންމެވުމަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) އިން މަރުޙަބާ ދަންނަވަމެވެ.

ޢަދާލަތު ޕާރޓީގެ މަޝްވަރާ މަޖިލީހުގެ އިޤުރާރަކުން ނިންމަވާފައިވަނީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާއެކު ޤައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް ޤާއިމުކުރުމަށާއި އަދި އެއަށްފަހު އަންނަ 2019 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވެސް ގުޅިފައިވާ ސިޔާސީ ފަރާތްތައް އެކުގައި ގުޅިގެން ކުރިޔަށް ދިއުމަށެވެ. ޢަދާލަތު ޕާރޓީން އެ ނިންމެވި ނިންމެވުމަކީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީގެ ވިސްނުމާ އެއްގޮތް ނިންމެވުމެއްކަމާއި އަދި މި ޕާރޓީން މަސައްކަތްކުރަން ބޭނުންވާ ގޮތްކަމަށްވާތީ، އެ ހަރުދާ ނިންމެވުމާ އެއްގޮތަށް ހުރިހާ ޕާރޓީތަކުން ކުރިޔަށް ދިއުމުގެ މުހިއްމުކަން މި ޕާރޓީން ފާހަގަކުރަމެވެ.

ޢަދާލަތު ޕާރޓީގެ މި ނިންމެވުމަށް އެމް.ޑީ.ޕީ އިން މަރުޙަބާ ކިޔާހިނދު، ރައީސް ޢަބްދުﷲ ޔާމިނުގެ ސަރުކާރުން ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް ދެމުންގެންދާ ޙަމަލާތަކާއި، ބައިތުލްމާލުން ހިންގަމުންދާ ވައްކަންތަކާއި ޚިޔާނާތްތަކާއި، ރައްޔިތުންނަށް ނާއިންސާފާއި އަނިޔާވެރިވަމުންދާ މިންވަރުން ދިވެހި ދައުލަތް ވެއްޓިފައިވާ ފުންމިނުން އަރައިގަނެ، ރައްޔިތުންނާއި ދިވެހި ދައުލަތް ސަލާމަތްކުރުމަށް އޮތް އެންމެ ހެޔޮ މަގަކީ ގުޅިފައިވާ ސިޔާސީ ފަރާތްތައް އެކުގައި މަސައްކަތްކުރުންމަތީ ސާބިތުކަމާއެކު ތިބުންކަމުގައި މި ޕާރޓީން ދެކެމެވެ.

ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއެޓް
ތާރީޚް: 11 ނޮވެމްބަރ 2017