މިހާރު މިފެންނަނީ ތާއީދު ނެތް ވެރިއަކު ރައްޔިތުންގެ މައްޗަށް ނުފޫޒު ފޯރުވައިގެން ގަދަކަމުން ވެރިކަން ކުރާ މަންޒަރު: ރޮޒައިނާ

މިހާރު މިފެންނަނީ ތާއީދު ނެތް ވެރިއަކު ރައްޔިތުންގެ މައްޗަށް ނުފޫޒު ފޯރުވައިގެން ގަދަކަމުން ވެރިކަން ކުރާ މަންޒަރު ކަމަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަދި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.

ގުޅިފައިވާ ޕާޓީ ތަކުން ހުކުރު ދުވަހުގެ ރޭ ރ. މަޑުއްވަރީގައި ބޭއްވި ޖަލްސާގައި ރޮޒެއިނާ ވިދާޅުވީ ރައީސް ޢަބްދުﷲ ޔާމީނަކީ ނުފޫޒާއި ގަދަބާރުން ރައްޔިތުންގެ މައްޗަށް ވެރިކަން ހިންގަވާ ބޭފުޅެއް ކަމަށާއި، ޖަލްސާއެއް ބޭއްވިޔަސް އެ ޖަލްސާއަކަށް މީހުން ވައްދަނީ ސްކޭން މެޝިން ބަހައްޓަވައިގެން ކަމަށާއި ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ 30 އަހަރުގެ ވެރިކަމުގައި ވެސް މިގޮތަށް އަމަލުނުކުރައްވާ ކަމަށާއި، ރައީސް މުހައްމަދު ނަޝީދު ޖަލްސާތަކަށް ވަދެވަޑައިގެންނެވީ އާންމު ރައްޔިތުންގެ އަތްދަނޑިމަތިން ކަމަށެވެ. ރޮޒައިނާ ވިދާޅުވީ ރައީސް ޔާމީން ރަށަކަށް ވަޑައިގަންނަވާނަމަ ކުޑަމިނުން އެރަށެއްގައި ހުންނަ އެމްޑީޕީގެ ބޮޑު ދިދަ ތިރިކުރަން ޖެހޭ ކަމަށެވެ. އަދި އެމްޑީޕީ ދިދައެއް ފެންނަ އިރަށް އަނބުރައިގަނެގެން ވެއްޓޭ މީހަކު ގޮވައިގެން ކެމްޕެއިންކުރަނީ ކިހިނެއްތޯ ރޮޒައިނާ ސުވާލުކުރެއްވިއެވެ.

2018ވަނަ އަހަރަކީ ދިވެހި ރައްޔިތުން މިނިވަންވެގެން ދާނެ އަހަރު ކަމަށް ވެސް ރޭގެ ޖަލްސާގައި ރޮޒެއިނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުން މިހާރު އިންތިޒާރުކުރަމުން ދަނީ ރިޔާސީ އިންތިހާބަށް ކަމަށެވެ.

“އަޅުގަނޑުމެން މި ތިބީ 2018 ގެ އިންތިޒާރުގައި އިރާދަކުރެއްވިޔާ 2018 ވަނަ އަހަރު ވެގެން ދާނީ ރައީސް ޔާމީން ބަލިކޮށް ދިވެހި ލޮބުވެތި ރައްޔިތުން މިނިވަންވެގެން ދާނެ އަހަރު ކަމަށް” ރޮޒޭނާ ވިދާޅުވިއެވެ.
ތަރައްގީއޭ ބުނެ ސަރުކާރުން ދައްކާ ވާހަކަތަކަށް ރައްދުދެއްވަމުން ރޮޒެއިނާ ވިދާޅުވީ ބިލިއަނުން ވައްކަންކޮށްގެން ވަގު ފައިސާ އެކައުންޓަށް ވަންނަ ގޮތަށް ހޯދާ ތަރައްގީއެއް ރައްޔިތުން ބޭނުންނުވާ ކަމަށާއި، އަމިއްލަ ޖީބަށް ފައިސާ ވަންނަ ގޮތަށް ރަށްރަށާއި ފަޅުތައް ވިއްކައިގެން ހޯދާ ތަރައްގީއެއް ބޭނުންނުވާ ކަމަށާއި، ދަރީންނާއި ދަރީންގެ ދަރީންގެ ބޮލުގައި ލޯނު އަޅުވައިގެން ކުރާ ތަރައްގީއެއް ބޭނުން ނުވާ ކަމަށެވެ. އަދި ރަށްރަށުގެ ނިކަމެތި ރައްޔިތުން ބަލިވީމާ އަތްގާޑިޔަލަށް ލައިގެން ދަމާފައި ހޮސްޕިޓަލަށް ގެންދާ ތަރައްގީއެއް ބޭނުން ނުވާކަމަށެވެ. އޭނާ ވިދާޅުވީ މަތިމައްޗަށް ނަގާފައިވާ އެ ލޯނުތައް ދައްކަން ރައްޔިތުންގެ އަތުން ޖީއެސްޓީ އާއި ބީޕީޓީ ނަގާ މިންވަރު އިތުރުކޮށްގެން ވެސް ސަލާމަތްވާނޭހެން ހީނުވާ ކަމަށެވެ. އެހެން ކަމުން ރައީސް ޔާމީންގެ އަތުން ދައުލަތުގެ ތިޖޫރީގެ ތަޅުދަނޑި އަތުލަން މިހާރުވެސް ލަސްވެއްޖެ ކަމަށް ރޮޒެއިނާ ވިދާޅުވިއެވެ.