ދިވެހި ރައްޔިތުންގެ އުއްމީދު ހާސިލްކޮށް ނުދެވޭހާ ހިނދު ރައީސް މުޙައްމަދު ނަޝީދު މަސައްކަތް ހުއްޓާ ނުލައްވާނެ ކަމަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ވިދާޅުވެއްޖެއެވެ.
ގުޅިފައިވާ ޕާޓީތަކުން ހުކުރު ދުވަހުގެރޭ ރ. މަޑުއްވަރީގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޝިފާޒް ވިދާޅުވީ ރައްޔިތުންގެ އުއްމީދު ހާސިލްކޮށް ދިވެހި ރައްޔިތުންނަށް ހެޔޮވެރިކަމެއް ގާއިމްކޮށް ނުދެއްވޭހާ ހިނދަކު، އެމަނިކުފާނުގެ މަސައްކަތް ހުއްޓަވާނުލައްވާނޭ ކަމަށް ރައްޔިތުންނަށް ދެންނެވުމަށް ރައީސް ނަޝީދު ވިދާޅުވި ކަމަށެވެ.
ގިނަ އަދަދެއްގެ ބަޔަކު ހާޒިރުވި މި ޖަލްސާގައި ޝިފާޒު ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުން އެއް ރޫހެއްގައި ކުރަމުންދާ މަސައްކަތަކީ ރައީސް ޔާމީންގެ ވެރިކަން ނިމުމަކަށް ގެނެސް ދިވެހިރައްޔިތުން އެދޭފަދަ ހެޔޮވެރިކަމެއް ގާއިމްކޮށްދެއްވުން ކަމަށެވެ.
ޝިފާޒު ވިދާޅުވީ ކޮންމެ ރައްޔިތަކު ވެސް ރަނގަޅު ބޭސް ފަރުވާއަކަށާއި، ރަނގަޅު ދަތުރުފަތުރަކަށް އެދޭނޭ ކަމަށާއި، ވައްކަމާ ނުލައި ހިނގާ ސަރުކާރެއް ބޭނުންވާނޭ ކަމަށެވެ. އަދި ތިންބާރު ވަކިވެފައިވާ ހެޔޮ ވެރިކަމުގެ ނިޒާމަކަށް ރައްޔިތުން އެދޭނޭ ކަމަށެވެ. ޕާޓީތަކުގެ މެދުގައި ވަކި އުސޫލުތަކެއްގެ ވަކި ޕާޓީވަންތަކަމެއް ހުރި ނަމަވެސް ގުޅިފައިވާ ޕާޓީތަކުން ކުރަމުންދާ މަސައްކަތަކީ އެންމެން އެކުގައި އެއް މިސްރާބަކަށް، އެއް މަންޒިލަށް ދަތުރުކުރުން ކަމަށާއި އިރާދަކުރެއްވިއްޔާ ބާރަށް ވަޑައިގެން ވަރަށް އެވަހަށް އެ މަންޒިލަށް “ބަނދަރުކުރައްވާނޭ” ކަމަށެވެ. އެގޮތުން ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ނިންމަން ގުޅިފައިވާ ހުރިހާ ޕާޓީތަކުން ވެސް ތިބީ ގުޅިގެން އަތުކުރި އޮޅާލައިގެން ކަމަށް ޝިފާޒް ވިދާޅުވިއެވެ.
ނުހައްގުން ޖަލަށްލެވި އަނިޔާ ލިބެމުންދާ ސިޔާސީ ލީޑަރުން މިނިވަންކުރަން ހުރިހާ ސިޔާސީ ޕާޓީތަކުން ވެސް ތިބީ އެއް ރޫހެއްގައި ކަމަށާއި، އެ ކަމަށް ރައްޔިތުންގެ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާ ކަމަށް ވެސް ރޭގެ ޖަލްސާގައި ޝިފާޒު ވިދާޅުވިއެވެ.