ކާނަލް (ރިޓަޔަރޑް) މުޙައްމަދު ނާޒިމު ނުޙައްޤުން ޖަލަށްލިތާ މިއަދަށް 1000 ދުވަސް ވެފައިވާއިރު، އެމަނިކުފާނަށް އިންސާފު ހޯދައިދިނުމުގައި މުޅި ދައުލަތް ނުކުޅެދިފައިވާތީ، އެކަމުގެ ކަންބޮޑުވުން ފާޅުކުރުން

ޢަބްދުﷲ ޔާމިނުގެ ސަރުކާރުގެ ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް (ރިޓަޔަރޑް) މުޙައްމަދު ނާޒިމު ނުޙައްޤުން ޖަލަށްލިތާ މިއަދަށް 1000 ދުވަސް ވެފައިވާއިރު، އަދި އެމަނިކުފާނު ޖަލަށްލާފައިވަނީ ނުޙައްޤުންކަން ރަނގަޅަށް އެނގޭއިރު، އެމަނިކުފާނަށް އިންސާފު ހޯދައިދިނުމުގައި މުޅި ދައުލަތުގެ އެންމެހައި މުވައްސަސާތަކެއް ނުކުޅެދިފައިވާތީ، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) އިން އިންތިހާއަށް ކަންބޮޑުވުން ފާޅުކުރަމެވެ. އަދި އެމަނިކުފާނު ވަގުތުން މިނިވަންކުރުމަށް ސަރުކާރަށް ގޮވާލަމެވެ.

ކާނަލް (ރިޓަޔަރޑް) މުޙައްމަދު ނާޒިމުގެ މައްޗަށް 11 އަހަރުގެ ޖަލު ޙުކުމެއް އިއްވާފައިވަނީ އެމަނިކުފާނު ދިރިއުޅުއްވާ އެޕާރޓްމަންޓުން ފިސްތޯލައެއް ފެނުނުކަމަށް ބުނެ ސަރުކާރުން އެމަނިކުފާނު ފްރޭމްކުރިކަމަށް އެންމެހައި ރައްޔިތުންނަށް ޤަބޫލުކުރެވޭ މައްސަލައެއްގައެވެ.

ހަތިޔާރު ގެންގުޅޭކަމަށް ބެލެވޭ މައްސަލަތަކުގައި ފުލުހުން ޢަމަލުކުރުމަށް ކަނޑައެޅިފައިވާ އެންމެހައި އުސޫލުތަކާއި ޚިލާފަށް ފުލުހުން މި މައްސަލާގައި ޢަމަލުކުރިކުރުމުން ފެށިގެން ގޮސް ދަޢުވާ އުފުލުމާއި ޝަރީޢަތްކުރުމާއި އިސްތިޢުނާފުކުރުމުގެ އެންމެހައި ކަމެއް ހިނގާފައިވާ ގޮތާ ހަމައަށް ފެނިފައިވަނީ ކާނަލް (ރިޓަޔަރޑް) މުޙައްމަދު ނާޒިމަށް ފާޅުގައި ނާއިންސާފުވެފައިވާ މިންވަރެވެ.

އަދި މިކަން މިހެން އޮތްއިރު، އެމަނިކުފާނު ދިރިއުޅުއްވާ އެޕާރޓްމަންޓުން ފެނުނުކަމަށް ބުނާ ފިސްތޯލައިން ކާނަލް (ރިޓަޔަރޑް) މުޙައްމަދު ނާޒިމުގެ ޑީއެންއޭ ސާމްޕަލް ފެނިފައިނުވާއިރު، ނަމަވެސް އެހެން 3 މީހެއްގެ ޑީއެންއޭ ސާމްޕަލް އެއިން ފެނިފައިވާއިރު، ފުލުހުން އެކަން ސިއްރުކޮށްފައިވުމާއި، އަދި ގޮވާއެއްޗެއްކަމަށް ބުނާ ބައްތި ފޯނުން ވެސް އެހެން ފަރާތެއްގެ އިނގިލީގެ ނިޝާން ފެނިފައިވަނިކޮށް އެކަން ވެސް ސިއްރުކޮށް އެމަނިކުފާނު 11 އަހަރަށް ޖަލަށްލުމަށް ޙުކުމް ކުރުމުން، އޭގެ ފަހުން ފުލުހުން އެ ޙަޤީޤަތްތައް ހާމަކޮށްފައިވުމުން އެނގެނީ މިއީ ސަރުކާރުގެ އަތެއް އޮވެގެން ކާނަލް (ރިޓަޔަރޑް) މުޙައްމަދު ނާޒިމް ފްރޭމްކުރުމަށް ހިންގާފައިވާ ޖަރީމާއެއްކަމެވެ. އަދި މިހެކިތައް މިގޮތަށް ހާމަވެފައިވަނިކޮށް، މި ސަރުކާރުގެ ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު ސްޕްރީމް ކޯޓަށް ފޮނުއްވި ސިޓީއަކުން ކާނަލް (ރިޓަޔަރޑް) މުޙައްމަދު ނާޒިމަށް އެ ފިސްތޯލައާ ބެހޭ މަޢުލޫމާތެއް އެނގިވަޑައިނުގަންނަވާނޭކަމާއި އަދި އެކަން ހިނގި ގޮތުގެ މަޢުލޫމާތު އަޙްމަދު އަދީބަށް އެނގިވަޑައިގަންނަވާތީ އެކަން ސްޕްރީމް ކޯޓަށް ހާމަކޮށްދެއްވުމަށް ބޭނުންފުޅުވާކަމަށް ސްޕްރީމް ކޯޓަށް ވަނީ އަންގަވާފައެވެ. އެހެންކަމުން ކާނަލް (ރިޓަޔަރޑް) މުޙައްމަދު ނާޒިމް ޖަލަށްލާފައިވަނީ އެމަނިކުފާނާ އެއްވެސް ގުޅުމެއް ނެތް ކަމަކާގުޅުވައި އެމަނިކުފާނު ފްރޭމްކޮށްގެންކަން ރަނގަޅަށް ސާބިތުވެއެވެ.

ހަމައެފަދައިން ޔޫ.އެން. ވާރކިންގ ގްރޫޕް އޮން އާރބިޓްރަރީ ޑިޓެންޝަނުން ވެސް މި މައްސަލަ ބެލުމަށްފަހު ނިންމާފައި ވަނީ ކާނަލް (ރިޓަޔަރޑް) މުޙައްމަދު ނާޒިމުގެ މައްޗަށް 11 އަހަރަށް ޖަލަށްލުމަށް ޙުކުމްކޮށް އަދަބުދެމުން އެގެންދަނީ ކަނޑައެޅިގެން ނާއިންސާފުންކަމާއި އެހެންކަމުން އެމަނިކުފާނު ވަގުތުން މިނިވަންކޮށް އަދި ބަދަލުލިބިދޭން ވެސް ޖެހޭކަމަށެވެ.

މިފަދައިން ރައްޔިތެއްގެ މައްޗަށް ޖިނާޢީ ޢަދުލުގެ ނިޒާމެއްގެ ތެރެއިން ބޮޑުވެގެންވާ ނާއިންސާފެއް ވެފައިވާކަމާއި ބޮޑުވެގެންވާ އަދަބެއް ދެމުންދާކަމުގެ ހެކިތައް ހާމަވުމުން، މިކަމުގައި އިންސާފު ހޯދައިދިނުމުގައި އަވަސްވެގަންނަންޖެހޭއިރު، އެކަންކުރުމަށް މުޅި ދައުލަތް އެކުއެކީގައި ނުކުޅެދިފައިވުމަކީ އިއްތިފާޤެއް ނޫންކަމާއި ނަމަވެސް އެއީ ގަސްތުގައި ޤާނޫނީ މަސްއޫލިއްޔަތުން ބަރީއަވުންކަމުގައި ދެކެމެވެ. އަދި މިކަމުގެ ޒިންމާ އެފަރާތްތަކުން ފުރިހަމައަށް ނަގަންޖެހޭނޭކަމަށް ދެކެމެވެ.

ކާނަލް (ރިޓަޔަރޑް) މުޙައްމަދު ނާޒިމް ފްރޭމްކޮށް ނުޙައްޤުން ޖަލަށްލާފައިވާ މައްސަލާގައި އެމަނިކުފާނު ވަގުތުން މިނިވަންކުރުމަށާއި އެމަނިކުފާނަށް އިންސާފު ހޯދައި ދިނުމަށް ދައުލަތުގެ ކަމާބެހޭ އެންމެހައި މުވައްސަސާތަކަށާއި ސްޕްރީމް ކޯޓަށް އެމް.ޑީ.ޕީ.އިން ގޮވާލަމެވެ.

ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއެޓް
ތާރީޚް: 6 ނޮވެމްބަރ 2017