އަލްއުސްތާޛު މަޙްފޫޒު ސަޢީދުގެ ބޮލަށް ވަޅިޖަހައި ދިން މަރުގެ ހަމަލާއާގުޅިގެން ޝަރީޢަތް ނިމެންދެން ހައްޔަރުކުރި އެންމެން ސިއްރިޔާތުގައި ކޯޓުން ދޫކޮށްލި މައްސަލާގައި އިންތިހާއަށް ކަންބޮޑުވުން ފާޅުކުރުން

ޤާނޫނީ ވަކީލު އަލްއުސްތާޛު މަޙްފޫޒު ސަޢީދުގެ ބޮލަށް ވަޅިޖަހައި ދިން ނުރައްކާތެރި މަރުގެ ހަމަލާއާގުޅިގެން ޝަރީޢަތް ނިމެންދެން ހައްޔަރުކުރުމަށް އަމުރު ނެރެފައިވާ އެންމެން ކްރިމިނަލް ކޯޓުން ސިއްރިޔާތުގައި ދޫކޮށްލާފައިވާ މަޢުލޫމާތު ލިބިފައިވާތީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) އިން އިންތިހާއަށް ކަންބޮޑުވުން ފާޅުކުރަމެވެ. އަދި މަޙްފޫޒު ސަޢީދަށް އިންސާފު ހޯދައި ދިނުމުގައި ދައުލަތުގެ ކަމާބެހޭ ފަރާތްތައް ނުކުޅެދިފައިވާތީ އެކަމުގައި ޒިންމާ ނަގަންޖެހޭ އެންމެހައި ފަރާތްތައް އެންމެ ހަރުއަޑުން ކުށްވެރިކުރަމެވެ.

އަލްއުސްތާޛު މަޙްފޫޒު ސަޢީދުގެ ބޮލަށް ވަޅިޖަހައި މަރުގެ ހަމަލާދިން މައްސަލާގައި ޝަރީޢަތް ނިމެންދެން ހައްޔަރުކޮށްފައިވަނީ 3 މީހެކެވެ. އަދި 4 ވަނަ މީހާ ހޯދުމަށް އިޢުލާނުކޮށްފައި ވީނަމަވެސް އެމީހާ ހޯދާ ހައްޔަރުކުރުމުގައި ފުލުހުން ވަނީ ނުކުޅެދިފައެވެ. މި ނުރައްކާތެރި މަރުގެ ޙަމަލައިގެ މައްސަލަ ޝަރީޢަތަށް ހުށަހެޅުނުތާ އަހަރު ފާއިތުވެފައިވާއިރު، މިއަދާ ހަމައަށް ވެސް މި މައްސަލަ ނިންމިފައިނުވެއެވެ. އަދި މި މައްސަލައިގެ ޝަރީޢަތުގެ އަޑުއެހުންތައް ތާވަލުކުރާ ގިނަ ފަހަރުތަކުގައި އަޑުއެހުންތައް ކެންސަލްކޮށްފައިވާކަން ފާހަގަކުރަމެވެ. މިގޮތަށް މައްސަލަ ދަންމަމުން ގެންގޮސް އެންމެ ފަހުން މި މައްސަލާގައި ޝަރީޢަތް ނިމެންދެން ހައްޔަރުކޮށްފައިވާ އެންމެން އެވަނީ ދޫކޮށްލާފައެވެ.

އަލްއުސްތާޛު މަޙްފޫޒު ސަޢީދުގެ ބޮލަށް ވަޅިޖަހައި މަރުގެ ހަމަލާދީފައިވަނީ މާލޭގެ މައި މަގެއްގެ މަތީގައި މީހުންގެ ކުރިމަތީގައި ރޯމާދުވާލުގެ ވަގުތެއްގައިކަން ފާހަގަކުރަމެވެ. ހާމަކަން ބޮޑުގޮތެއްގައި އެއްވެސް ޖެހިލުމެއް ނެތި މިފަދަ ނުރައްކާތެރި މަރުގެ ހަމަލާތައް ދެމުންގެންދަނީ މިފަދަ ޖަރީމާތައް ހިންގާ ފަރާތްތަކާމެދު ފިޔަވަޅު ނޭޅޭނޭކަމުގެ ޔަޤީންކަން އެފަރާތްތަކަށް އޮންނާތީކަމަށް ގިނަ ރައްޔިތުން ދެކެމުންދަނިކޮށް، މި މައްސަލާގައި ވެސް ޝަރީޢަތް ނިމެންދެން ހައްޔަރުކުރުމަށް އަމުރު ނެރެފައިވާ އެންމެން ހައްޔަރުން ދޫކޮށްލުމުން މިކަން އިތުރަށް ޔަޤީންވެއެވެ.

ބޮޑެތި ޖިނާޢީ މައްސަލަތަކުގައި އަނިޔާ ރައްދުވާ ފަރާތްތަކަށް އެ މައްސަލަތަކުގެ އެކި މަރުހަލާތަކުގައި ނިންމަމުންދާ ނިންމުންތައް ޙިއްސާކޮށް އެކަމުގައި ބައިވެރިކުރުމަކީ އިންސާފުވެރި ޝަރީޢަތްތައް ހިންގާ ދުނިޔޭގެ ހުރިހާ ތަހުޒީބީ މުޖުތަމަޢުތަކެއްގައި އަނިޔާ ރައްދުވާ ފަރާތްތަކުގެ އަސާސީ ޙައްޤެއްކަމުގައި ބަލަމުންދާ ކަމަކަށް ވީނަމަވެސް، މި މައްސަލާގައި ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް ޢަމުރުނެރެފައިވާ އެންމެން ދޫކޮށްލާފައިވަނީ އަނިޔާ ރައްދުވި އަލްއުސްތާޛު މަޙްފޫޒު ސަޢީދަށް ވެސް އެނގުމަކާނުލައި ސިއްރުގޮތެއްގައެވެ.

ބޮލަށް ވަޅިޖަހައި މީހަކު މަރަން ހަމަލާދިންކަމުގެ ކުށުގައި ބަންދުގައި ބައިތިއްބައިގެން ދަޢުވާއުފުލިފައިވާ ފަރާތްތަކެއް މުޖުތަމަޢުގެ ނުރައްކަލެއްކަމަށް ކްރިމިނަލް ކޯޓުން ނުދެކޭނަމަ، އަދި އެ މައްސަލަ ވަކިގޮތަކަށް ނުނިމެނީސް އެ ފަރާތްތައް ބަންދުން ދޫކޮށްލާނަމަ، މުޖުތަމަޢުގެ ނުރައްކަލެއްކަމަށް ބުނެ ވަކި އެހެން މައްސަލައެއްގައި ޝަރީޢަތް ނިމެންދެން މީހަކު ބަންދުގައި ބެހެއްޓިދާނޭ އެއްވެސް ހަމައެއް ނެތެވެ. އެހެން ނަމަވެސް މުޖުތަމަޢުގެ ނުރައްކަލެއްކަމަށް ބުނެ، މުޒާހަރާއެއްގެ ތެރެއިން ފެންފުޅިއެއް އެއްލިކަމަށް ތުހުމަތުކޮށް ޝަރީޢަތް ނިމެންދެން އަންހެނަކު ޖަލުގެ ކުޑަގޮޅީގައި ހައްޔަރުކޮށްގެން ގެންގުޅެފައިވުމާއި، އަދި އެ މުޒާހަރާގެ ތެރެއިން ހައްޔަރުކުރި އެނޫންވެސް މީހުން ޝަރީޢަތް ނިމެންދެން ޖަލުގެ ކުޑަގޮޅީގައި ހައްޔަރުކޮށްގެން ގެންގުޅެފައިވުމާއި، އެސް.އެމް.އެސް އަކުން އިންޒާރެއް ދިންކަމުގައި ތުހުމަތުކޮށް ޝަރީޢަތް ނިމެންދެން އުމުރުން އަށާރަ އަހަރުގެ ޒުވާނަކު ހައްޔަރުކޮށްގެން ގެންގުޅެފައިވުމާއި، އަސާސެއް ނެތް އެކިއެކި މައްސަލަތަކުގައި ސިޔާސީ ބޭފުޅުން ޝަރީޢަތް ނިމެންދެން ޖަލުގެ ކުޑަގޮޅީގައި ހައްޔަރުކޮށްގެން ގެންގުޅެފައިވާކަން ފާހަގަކުރަމެވެ.

މިކަމުން އެނގެނީ މިރާއްޖޭގައި ޢަދުލުއިންސާފު ނެތިގޮސްފައިވާ މިންވަރެވެ. އަދި ބޮލަށް ވަޅިޖަހައި މަރުގެ ހަމަލާދޭ މީހުންގެ ކިބައިން ކުރިމަތިވާ ބިރުވެރިކަން އޮތްއިރު، ޢަދުލުއިންސާފު މިގޮތަށް ނެތިދިއުމުގެ ސަބަބުން އަތުވެދާނެ ގުދުރަތީ ކޯފާއެއްގެ ބިރުވެރިކަމުގެ އިޙްޞާސްކުރެވޭ މިންވަރު ވަކި ކުޑައެއް ނޫނެވެ.

އަލްއުސްތާޛު މަޙްފޫޒު ސަޢީދުގެ ބޮލަށް ވަޅިޖަހައި ދިން ނުރައްކާތެރި މަރުގެ ހަމަލާގައި އޭނާއަށް އިންސާފު ހޯދައި ދިނުމަށް ދައުލަތުގެ ކަމާބެހޭ އެންމެހައި މުވައްސަސާތަކަށާއި ކޯޓުތަކަށް އެމް.ޑީ.ޕީ.އިން ގޮވާލަމެވެ.

ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއެޓް
ތާރީޚް: 5 ނޮވެމްބަރ 2017