އެމްޑީޕީގެ ގޮފިތަކުން ކުރަންވީ ކަމަކީ މި ސަރުކާރުގެ ވައްކަން އިތުރަށް ފަޅާ އެރުވުން: އުނގޫފާރު ދާއިރާގެ ރައީސް

ރިޔާސީ އިންތިޚާބަށް ދިހަ ވަރަކަށް މަސް ދުވަހަށް ކައިރިވެފައިވާ އިރު، އެމްޑީޕީގެ ގޮފިތަކުން ކުރަންވީ ކަމަކީ މި ސަރުކާރުގެ ވައްކަން އިތުރަށް ފަޅާ އެރުވުން ކަމަށް އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މެންބަރު ވަހީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ ބަދަލުގެ ނަމުގައި ހޯމަ ދުވަހުގެ ރޭ އެމްޑީޕީ ހަރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ވަހީދު ވިދާޅުވީ އެމްޑީޕީއާ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ މެންބަރުން ވެސް ކުރަންވީ ކަމަކީ މި ސަރުކާރުގެ ވައްކަމުގެ މައްސަލަތައް ފަޅާއެރުވުން ކަމަށެވެ. ރަށްރަށުގެ ލެވެލްގައާއި، ދާއިރާތަކުގެ ލެވެލްގައި ވެސް އެ ރަށްރަށުގައާއި ދާއިރާތަކުގައި މި ސަރުކާރުން ހިންގާ ވައްކަމުގެ އަމަލުތަކަށް ފާރަވެރިވެ އެކަންތައް ހާމަކުރުމަށް އޭނާ ގޮވާލެއްވިއެވެ.

އިދިކޮޅު މެންބަރުންނާ ކުރިމަތިލެއްވުމަށް ޕީޕީއެމްގެ ނައިބު ރައީސް ޢަބްދުﷲ ޢަބްދުއްރަޙީމް އެ ޕާޓީގެ މެންބަރުންނަށް ގޮވާލައްވާފައި ވާތީ އެކަމަށް ރައްދު ދެއްވަމުން ވަހީދު ވިދާޅުވީ އެ ގޮވާލެއްވުމަށް އިޖާބަ ދެއްވާނޭ ބަޔަކު މި ރާއްޖޭގައި ނުތިބޭނޭ ކަމަށެވެ. މީގެ އިތުރުން އެމްޑީޕީގެ މެންބަރުން ކުރަންވީ ކަމަކީ ބ.މާޅޮހަށް މީގެ ކުރިން އަރުވާލާފައިވާ މީހަކު އެރަށަށް އަރުވާލާފައި ވަނީ ކީއްވެކަން ރައްޔިތުންނަށް ހާމަކުރުން ކަމަށް ވެސް ވަހީދު ވިދާޅުވިއެވެ.

ކަށިން ހިއްވަރު ނެރެ، އަލުން މަގުމައްޗަށް ނުކުމެ މިސަރުކާރާ ދެކޮޅަށް އިޙްތިޖާޖުކުރުމަށް ވެސް ވަހީދު ވަނީ އިދިކޮޅު ފަރާތްތަކަށް ގޮވާލައްވާފައެވެ.