ރައީސް ޔާމީން އެޅުއްވި ފްލެޓެއް މި ރާއްޖޭގެ އެއްވެސް ހިސާބެއްގައި ހުރިކަން އެނގިފައެއް ނެތް: ހަސަން އަފީފު

ރައީސް ޔާމީން އެޅުއްވި ފްލެޓެއް މި ރާއްޖޭގެ އެއްވެސް ހިސާބެއްގައި ހުރިކަން އެނގިވަޑައިގެންފައި ނުވާ ކަމަށް އެމްޑީޕީ ސަރުކާރުގެ ހޯމް މިނިސްޓަރ ހަސަން އަފީފު ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހުގެ ރޭ އެމްޑީޕީގެ ހަރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ހަސަން އަފީފު ވިދާޅުވީ ރައީސް ޔާމީނުގެ ރިޔާސީ އެއް ވައުދަކީ އަލަތު ކައިވެންޏާ އެކު ފްލެޓެއް ދިނުން ކަމަށާއި، އެހެން ނަމަވެސް ވެރިކަމަށް ހަތަރު އަހަރު ވާން ދާއިރު، ރައީސް ޔާމީން އެޅުއްވި ފްލެޓެއް މިރާއްޖޭގެ އެއްވެސް ހިސާބެއްގައި ހުރިކަން ވެސް އަދި ރައީސް ޔާމީން ވެވަޑައިގެންނެވި ވައުދުން އެއްވެސް ބަޔަކަށް ފްލެޓެއް ލިބުނުކަން އެނގިވަޑައި ނުގަންނަވާ ކަމަށެވެ.

ހަސަން އަފީފު ވިދާޅުވީ މި ސަރުކާރުގެ މޮޓޯއަކީ ވައްކަން ކަމަށާއި، މި ސަރުކާރުން ކުރާ ކަމަކީ ރައީސް ނަޝީދު އެޅުއްވި ފްލެޓުތަކުން ވައްކަން ކުރުން ކަމަށެވެ. އަދި ވައްކަން ކުރާ ބަޔަކަށް އިތުރު ފުރުސަތެއް ނުދިނުމަށް އަފީފް ގޮވާލެއްވިއެވެ.

އަދި އަންނަ ރިޔާސީ އިންތިޚާބުގައި ހޮވަން ޖެހޭނީ ވެރިއެއްގެ ސިފަ ހުންނަ މީހެއް ކަމަށާއި، އެމީހާ ވާން ޖެހޭނީ ރައްޔިތުންނަށް ހެޔޮވެރިކަމެއް ކޮށްދޭނޭ މީހަކަށް ކަމަށާއި، ދިވެހި ރައްޔިތުންނަށް އިޙްސާންތެރިވާނޭ އަދި ދިވެހި ރައްޔިތުންނަށް ޢަދުލު އިންސާފު ގާއިމްކޮށްދޭނޭ ވެރިއަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ސަރުކާރުގެ ޚިޔާނާތްތަކަށް ވަރަށް ތަފްޞީލުކޮށް މިރޭގެ ޖަލްސާގައި އަފީފް ވަނީ ބައްލަވައިލައްވާފައެވެ. އެގޮތުން އެމްއެމްޕީއާރުސީއާ، އެންސްޕާއާ، އައިޖީއެމްއެޗްގެ 25 ބުރީގެ އިމާރާތާ، ފޭދޫފިނޮޅާ، ފަޅުރަށްތަކާއި ފަޅުތަކާ ގުޅުން ހުރި ޚިޔާނާތްތަކުގެ ތަފްޞީލަށް އޭނާ ބައްލަވާލެއްވިއެވެ.

ހަލާލު ނޫން ފައިސާ ރައީސް ޢަބްދުﷲ ޔާމީންގެ ގެކޮޅަށް ވަދެފައިވާ ކަމަށާއި، ޚިޔާނާތްތައް ގޮސް ނިމެނީ ހަމައެކަނި ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބާ ހަމައިން ކަމަށް ބުނާ ބުނުން ބުއްދި ހަމަޖެހޭ މީހަކު ގަބޫލު ނުކުރާނޭ ކަމަށް ވެސް އަފީފު ވިދާޅުވިއެވެ.