ރާއްޖެޓީވީގެ އަބުރުފުޅު ފަންޑަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ގޮވާލުން

ސަރުކާރުގެ ދޯދިޔާކަމާއި ޢަބްދުﷲ ޔާމީންގެ ޚުދުމުހުތާރު ވެރިކަމަށް ރައްޔިތުންގެ ފާޑުކިޔުމާއި ނުރުހުން އިންތިހާއަށް ގިނަވެފައިވާ މިވަގުތުގައި އެ ފާޑުކިޔުންތަކުގެ ޚަބަރުތަކާއި ރައްޔިތުންގެ ޚިޔާލު ބްރޯޑްކާސްޓް ކުރުމަކީ ކުށެއްކަމަށް ޤާނޫނާ ޚިލާފަށް ކަނޑައަޅައި ރާއްޖެ ޓީވީއަށް އަދަބު ދިނުމުގެ ގޮތުން ފުލުފުލުން އަތްނުފޯރާ މިންވަރަށް ޖޫރިމަނާކުރަމުން ގެންދާތީވެ، އެކަމަށް ފައިސާ ހޯދުމަށް އެ ޓީވީގެ ފަރާތުން ކުރިއަށް ގެންދަވާ [އަބުރުފުޅު] ފަންޑަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީން ގޮވާލަމެވެ.

ސަރުކާރުގެ ކަންކަމާމެދު ރައްޔިތުންގެ ޚިޔާލު ބްރޯޑްކާސްޓްކޮށް އެޚަބަރުތައް ދުރާއި ގާތުން އާންމުކޮށް ފޯރުކޮށްދިނުމަކީ ޚަބަރުފަތުރާ ފަރާތްތަކުގެ ޒިންމާއެކެވެ. އެކަމާ ގުޅިގެން މާލީ ބޮޑެތި އަދަބުތައް މީޑިޔާގެ ބެލެނިވެރިފަރާތުން ޓީވީތަކަށް ދިނުމަކީ ދަށުދަރަޖައިގެ ޢަމަލެއް ކަމުގައި ދެކެމެވެ. ބްރޯޑްކާސްޓިން ކޮމިޝަންގެ މި ނޭއްގާނީ ޢަމަލުން އެ ކޮމިޝަނުގެ މުސްތަޤިއްލުކަން ގެއްލިފައިވާ މިންވަރު ހާމަވެއެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުން ރާއްޖެޓީވީ އަށް މާލީ ގޮތުން އަދަބުދީފައިވާ 3 ފަހަރުވެސް އަދަބު ދީފައިވަނީ އެއްވެސް ރައްޔިތެއްގެ އަބުރާ ބެހުމުގެ ސަބަބުން ނޫންކަމަށާއި އެއީ ހަމައެކަނި ސަރުކާރާއި ޢަބްދުﷲ ޔާމީނަށް ފާޑުކިޔާފައިވާ ކޮންޓެންޓް ބްރޯޑްކާސްޓް ކުރުމުންކަން ވެސް ރަނގަޅަށް އެނގެއެވެ. ސަރުކާރަށާއި ދައުލަތުގެ ބޮޑުންނަށް ފާޑު ކިޔުމަކީ ޑިމޮކްރަޓިކް ޤައުމުތަކުގެ މައިގަނޑު އަސާސެއްކަމަށްވާއިރު އެގޮތަށް ފާޑުކިޔުމުން އަދަބުދެވެނީ ހަމައެކަނި ދުނިޔެއަށް މަޝްހޫރު ޚުދުމުހުތާރު ޤައުމުތަކުގައި އެކަންޏެެވެ. މިފަދަ ކަންކަމުގެ ސަބަބުން ރާއްޖެ ޓީވީ އާއި ސަރުކާރާ ވާދަވެރި ޚާބަރުތައް ގެނެސްދޭ ފަރާތްތައް ނެތިގޮސްދާނެ ކަމުގެ ބިރު މިހާރު މިވަނީ ދިވެހިރާއްޖެއަށް ކުރިމަތިވެފައެވެ.

ރާއްޖެޓީވީން އެންމެ ފުރަތަމަ ދެލައްކަ ރުފިޔާ އަތުލިދުވަހު، ދެވަނަ ފަހަރަށް 1 މިލިއަން ރުފިޔާ އަތުލުމަށް އެންގިއެވެ. އަދި ތިންވަނަ ފަހަރަށް ފަސްލައްކަ ރުފިޔާ ނުޙައްޤުން އަތުލުމަށް އަންގާފައިވަނީ ރާއްޖެޓީވީ އަނދާ އަޅިޔަށް ހެދި ޖަރީމާ އަށް 4 އަހަރު ފުރި އިންސާފު ނުލިބުމުގެ ކަންބޮޑުވުން ފާހަގަ ކުރަމުން ގެންދިޔަ ދުވަހާ ދިމާކޮށްކަން ފާހަގަކުރަމެވެ. މިކަމުންވެސް އެނގެނީ ބްރޯޑްކާސްޓިން ކޮމިޝަނުން ރާއްޖެޓީވީއަށް ދެމުންގެންދާ މާލީ ބޮޑެތި އަދަބުތަކަކީ ނުޙައްޤު އަދަބުތަކެއްކަމެވެ. ބްރޯޑްކާސްޓިން ކޮމިޝަނުގައި ޢަބްދުﷲ ޔާމީންގެ ސިޔާސީ ޙަރަކާތްތަކުގައި ފާޅުގައި ބައިވެރިވާ އެކްޓިވިސްޓުން ލުމުގެ ބޭނުމަކީވެސް މިއީ ކަމުގައި ދެކެމެވެ.

ތާރީޚް: 19 އޮކްޓޯބަރު 2017
ބަޔާން ނެރުނީ: އެމްޑީޕީ ސެކެޓޭރިއެޓް