މޭޑޭގައި ހައްޔަރުކުރި ޢަބްދުﷲ ރަޝީދަށް ފަރުވާނުލިބި ނިޔާވުން ކުށްވެރިކޮށް އެކަން މިހާރުން މިހާރަށް ތަޙްޤީޤްކުރުމަށް ގޮވާލުން

1 މެއި 2015 ގައި ބޭއްވި މުޒާހަރާގައި ހައްޔަރުކޮށް ނުހައްޤުން ޖަލަށްލައި މުވައްސަސާތަކުގެ އިހުމާލުން ޢަބްދުﷲ ރަޝީދު ނިޔާވުމާ ގުޅިގެން ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީން އެކަން އެންމެ ހަރު އަޑުން ކުށްވެރިކޮށް، މިކަން ހިނގައި ދިޔަ ގޮތް މިހާރުން މިހާރަށް ތަޙްޤީޤްކޮށް އިހުމާލުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ގޮވާލަމެވެ.

މި ހިތްދަތި ވަގުތުގައި ޢަބްދުﷲ ރަޝީދުގެ ޢާއިލާއަށް ކެތްތެރިކަން މިންވަރުކުރައްވައި އެމަރުޙޫމަށް ސުވަރުގެ މިންވަރުކުރެއްވުމަށް އެދި ދުޢާކުރަމެވެ.

ޢަބްދުﷲ ރަޝީދު ހައްޔަރުކުރެވުނު އިރު އޭނާއަކީ އެއްެވެސް ބައްޔަކަށް ބޭސްކުރަމުން އައި މީހެއްނޫނެވެ. އަދި އޭނާއަކީ ސިއްހަތު ރަނގަޅު ޖާނުން ވަރުގަދަ މީހެކެވެ. އޭނާގެ ބަލި ޙާލު ދަށްވެ، އެކަމާ އަޅާލުމަށް އެކިފަހަރުމަތިން އެދުމުންވެސް އެކަމާ އަޅާލާފައިނުވާކަމަށް ޢަބްދުﷲ ރަޝީދުގެ ޢާއިލާއިން މި ޕަޓީއާ ވަނީ ހިއްސާކޮށްފައެވެ. ޙާލުދެރަވެ، އެންމެ ފަހުން ކަރެކްޝަނުން އަޅާލީ އޭނާ ބަންދުކޮށްފައި ހުރި ގޮޅިއަށް އަނބުރައިގަނެގެން ވެއްޓި ގޮޅީގައި ބަންދުކޮށްފައި ތިބި އެހެން މީހުން އަޑުގަދަ ކުރާންފެށުން ކަމުގައިކަމަށް ޢާއިލާއިންވަނީ ހިއްސާކޮށްފައެވެ.

މޭޑޭގެ މުޒާހަރާއާ ގުޅިގެން 25 ޖުލައި 2016 ގައި ޢަބްދުﷲ ރަޝީދަށް ޙުކުމް ކޮށްފައިވަނީ 5 އަހަރުގެ މުއްދަތަށް ޖަލަށްލުމަށެވެ. ޢަބްދުﷲ ރަޝީދަށް ޙުކުމްކުރުމުގައި އަލަށް ޢަމަލުކުރާންފެށި ޤާނޫނުލް އުޤޫބާތުގެ ދަށުން އޭނާއަށް ލިބިދޭ ޙައްޤުތަކުން މަޙްރޫމްކޮށްފައިވާކަން ފާހަގަކުރަމެވެ. އަދި ޤާނޫނުލް އުޤޫބާތުގެ ދަށުން އަދަބަށް ލުޔެއް ލިބުމުގެ ފުރުޞަތާއި ދައުލަތުން އޭނާގެ މައްޗަށް ކުށް ސާބިތުރުކުރުމަށް ކުށުގެ ނިޔަތާ ގުޅޭ ރުކުންތައް ފުރިހަމަ ކުރަން ޖެހޭކަމަށްވާތީވެ، އެކަންކަމުން މަހްރޫމްކޮށް އަވަސްއަރުވާލައިގެން އޭނާ 5 އަހަރަށް ޖަލަށްލާފައިވަނީ ނުރަނގަޅު ނިޔަތެއްގައި ޝަރުޢީ އުސޫލުތަކާ ޚިލާފަށެވެ.

ފަހަކަށް އައިސް ޖަލު ބަންދުގައި ތިބޭ މީހުން ’ވީނުވީއެއް ނޭނގި‘ ނުވަތަ ’ކުއްލި ގޮތަކަށް‘ މަރުވުން ވަނީ އާންމުވެފައެވެ. އަދި މިފަދަ މަރުތަކާ ގުޅިގެން ތަޙްޤީޤެއް ކުރިކަމެއްވެސް ނުވަތަ ނޫންކަމެއްވެސް ނޭނގެއެވެ އަދި މިފަދަ މަރުތަކާ ގުޅިގެން ހިއުމަން ރައިޓްސް ކޮމިޝަނުގެ ފަރާތުން އެއްވެސް އެއްޗެއް ބުނެފައިނުވާތީ އެކަމްމާމެދި މި ޕާޓީން ކަންބޮޑުވެއެވެ.

ބަޔާން ނެރުނީ: އެމްޑީޕީ ސެކެޓޭރިއެޓް
ތާރީޚް: 10 އޮކްޓޯބަރު 2017