ދިވެހިރާއްޖޭގެ ޙާލަތު ހައްދުން ނެއްޓި އިންސާނީ ޙައްޤުތައް ހިމާޔަތް ކުރުމަށް ސަރުކާރުން ދެކޮޅު ހަދަމުން ދާތީ ކަންބޮޑުވުން ފާޅުކޮށް، ސަރުކާރުގެ ޚުދުމުހުތާރު ޢަމަލުތައް ކުށްވެރިކޮށް، އެކަމާ ގުޅިގެން ދައުލަތުގެ ވެރިންގެ މައްޗަށް ސެންކްޝަން އެޅުމަށް ގޮވާލައި ޔޫރަޕިޔަން ޕާލިމަންޓަށް ޤަރާރެއް ހުށަހަޅައިފި

ދިވެހިރާއްޖޭގެ ޙާލަތާމެދު އިންތިހާއަށް ކަންބޮޑުވުން ފާޅުކޮށް، ސަރުކާރުގެ ޢަމަލުތައް ކުށްވެރިކޮށް، ދައުލަތުގެ ވެރިންގެ މައްޗަށް ސެންކްޝަން އެޅުމަށް ގޮވާލައި ޤަރާރެއް މިއަދު ޔޫރަޕިއަން ޕާލިމަންޓަށް ހުށަހަޅައިފިއެވެ.

ދިވެހިރާއްޖޭގެ ޤާނޫނު އަސާސީންނާއި، ބައިނަލްއަޤްވަމީ މުޢާޙަދާތަކުން ދިވެހި ރައްޔިތުންނަށް ލިބިދީފައިވާ އަސާސީ ޙައްޤުތަކުން މަޙްރޫމް ކުރުމާއި، ދައުލަތުން އިސްނަގައިގެން ޚިޔާލުފާޅުކުރުމުގެ ޙައްޤާއި، އެއްވެއުުޅުމުގެ މިނިވަންކަމުގެ ޙައްޤާއި، ނޫސްވެރިކަމުގެ މިނިވަން ކަމުގެ ޙައްޤު ހަނިމުކުރުމަށް ޤާނޫނުތައް ހަަދައި ޤާނޫނުތައް ބަދަލުކުރަމުން ދާކަން މި ޤަރާރުގައި ފާހަގަކޮށްފައިވެއެވެ.
މި ޤާރާރުގައި އިންސާފުވެރި ޝަރުޢީ ނިޒާމަށް ހުރަސް އެޅޭ ފަދަ ކަންކަން ހިނގާފައިވާ ކަމަށާއި، ގިނަ ޢަދަދެއްގެ ދިފާޢީ ވަކީލުން ސަސްޕެންޑްކޮށްފައިވާކަން ފާހަގަކޮށްފައިވެއެވެ.
ދިވެހިރާއްޖޭގައި ހައްދުފަހަނައެޅި ހަރުކަށި ފިކުރު އިތުރުވަމުން ދާކަމަށާއި، އަޙްމަދު ރިލްވާން ގެއްލުވާލުމާއި ޔާމީން ރަޝީދު މަރާލުމާމެދު ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. އަދި މިފަދަ ނުރައްކާތެރި ވެއްޓެެއް ޤައިމުވުމުގައި ޢަބްދުﷲ ޔާމީންގެ ސަރުކާރުގެ ދައުރެއްވާކަމުގައި ޤަރާރުގައި ފާހަގަކޮށްފައިވެއެވެ.

އިދިކޮޅު ސިޔާސީ ލީޑަރުންގެ މައްޗަށް ހިންގިފައިވާ ބޭއިންސާފު ޙުކުމްތައް ބާޠިލް ކުރުމަށާއި ސިޔާސީ ލީޑަރުން މިނިވަންކޮށް ޝަރުޢީ ނިޒާމާއި މިނިވަން މުވައްސަސާތައް ފުރިހަމައަށް ހިންގޭނެ ގޮތަށް ސަރުކާރުން ޢަމަލުކުރުމަށް ޤަރާރުގައި ގޮވާލާފައިވެއެވެ.

މި ޤަރާރަށް ވޯޓުލުމަށް ހަމަޖެހިފައިވަނީ މިއަދު ދިވެހިރާއްެޖޭގެ ގަޑިން މެންދުރު 2 ޖަހާއިރުއެވެ.