ތަޢުލީމީ މުއައްސަސާތަކަށާއި އެތަންތަނުގައި މަސައްކަތް ކުރައްވާ ފަންނީ މުއައްޒަފުންނަށް ބިރެއް ނެތި މިނިވަންކަމާއެކު މަސައްކަތް ކުރެއްވުމުގެ ފުރުޞަތު ދެއްވުމަށް ގޮވާލަން

މިއަދަކީ ދުނިޔޭގެ މުދައްރިސުންގެ ދުވަހެވެ. މިއަދުގެ މުނާސަބާގައި ރާއްޖޭގެ ހުރިހާ މުދައްރިސުންނަށާއި، އުނގަންނައިދިނުމުގެ ޙަރަކާތްތަކުގައި މަސައްކަތް ކުރައްވާ އެންމެހާ ބޭފުޅުންނަށް އެމްޑީޕީގެ ފަރާތުން ތަހުނިޔާއާއި މުބާރިކުބާދު ފޮނުވަމެވެ.

މި އަހަރުގެ މުދައްރިސުންގެ ދުވަހަށް ޔުނެސްކޯއިން ކަނޑައަޅާފައިވާ ޝިޢާރަކީ “މިނިވަންކަމާއެކު އުނގަންނައިދިނުން – މުދައްރިސުން ބާރުވެރިވުން” އެވެ.

މި ޝިޢާރުގެ ދަށުން މުދައްރިސުންގެ ދުވަސް ފާހަގަކުރަމުން ދާއިރު ރާއްޖޭގެ މުދައްރިސުން އުނގަންނައިދިނުމުގައި މަސައްކަތްކުރަން ޖެހިފައިވާ ޙާލަތަށް ރިޢާޔަތް ކޮށްލަން ޖެހެއެވެ.

ރަނގަޅަށް ސާފުވާން އޮތް ގޮތުގައި މިއަދު ރާއްޖޭގެ މުދައްރިސުން މަސައްކަތް ކުރަނީ ބިރުވެރި މާޙައުލެއްގައެވެ. މަޖުބޫރުކުރުން ތަކެއްގެ ތެރޭގައެވެ. ވެރިން ނުރުހިދާނެތީ، ނުވަތަ ވަޒީފާއިން ވަކިކޮށްފާނެ ކަމުގެ ބިރަށްޓަކައި ފަންނީ ގޮތުން ފާޅުކުރަން ޖެހޭ ޚިޔާލާއި ފިކުރު ފާޅު ނުކޮށެވެ. ޢިލްމީ ގޮތުން ދަރިވަރުންގެ ކަންކަން ގެންދާން ވާނެ ކަމަށް ޓީޗަރުންނަށް ފެންނަ ގޮތް ހާމަ ނުކޮށެވެ. ‘ބަސް އަހައިގެންނެވެ’.

މިއަދު، ސްކޫލްތަކުގެ ފަންނީ ކަންކަން ވެސް ހިންގަނީ ސީދާ މިނިސްޓްރީ އޮފް އެޑިޔުކޭޝަނުންނެވެ. ސާނަވީ މަރުހަލާގައި ތިބޭ ކުދިންގެ ތެރެއިން ކިޔެވޭނެ ކުދިންނާއި ނުކިޔެވޭނެ ކުދިން، ގްރޭޑް 8 ގެ ފުރަތަމަ ޓާރމްގެ ޓެސްޓަށް ބަލައި ކަނޑައަޅައި ސްކޫލުތަކަށް އަންގަނީ ސީދާ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގައި ތިއްބަވާ ސިޔާސީ ބޭފުޅުންނެވެ. ސާނަވީ ތަޢުލިމު ނިންމާ އިމްތިހާނުތަކުގައި ބައިވެރިވާން ޖެހޭ ކުދިންނާއި ބައިވަރި ނުކުރަންވީ ކުދިން އަންގަނީ ވެސް މިދެންނެވި ސިޔާސީ ބޭފުޅުންނެވެ. ދިވެހިބަހާއި އިސްލާމް ކިޔަވައިދެއްވާ މުދައްރިސުންގެ ލަފައެއް ނުހޯދައި، އެތައް ކުދިބަޔަކު އިސްލާމް އަދި ދިވެހި އިމްތިހާނު ހެދުމުން މަޙުރޫމްކޮށް ބާކީކޮށްލައެވެ.

ސްކޫލްތަކަށް ވެސް އަދި މުދައްރިސުންނަކަށް ވެސް މިނިވަންކަމާއެކު ފަންނީ ކަންކަން ކުރުމުގެ މާޙައުލެއް މިއަދު ރާއްޖެއަކު ނެތެވެ. މި ޙާލަތުގައި މުދައްރިސުން ބާރުވެރިވަމުން ދިއުމުގެ ބަދަލުގައި މުދައްރިސުންގެ ފަންނުވެރިކަމާއި އަމިއްލަ އުފެއްދުންތެރިކަން ދާނީ އެއް ދުވަހުން އަނެއް ދުވަހަށް ދަށް ވަމުންނެވެ. އޭގެ ނޭދެވާ އަސަރު ކުރާނީ އަޅުގަނޑުމެންގެ ދަރީންނަށެވެ. އެންމެ ފަހުން މުޅި މުޖުތަމަޢަށެވެ.
މުދައްރިސުންގެ ދުވަހުގެ މުނާސަބާގައި އެމްޑީޕީން ދިވެހި ސަރުކާރަށް ގޮވާލަނީ ތަޢުލީމީ މުއައްސަސާތަކަށާއި އެތަންތަނުގައި މަސައްކަތް ކުރައްވާ ފަންނީ މުއައްޒަފުންނަށް ބިރެއް ނެތި މިނިވަންކަމާއެކު މަސައްކަތް ކުރެއްވުމުގެ ފުރުޞަތު ދެއްވުމަށެވެ.

5 އޮކްޓޫބަރ 2017